ވަގަގެއަކަށްވަދެ ވައްކަންކުރުމުން ލިބޭ ގެއްލުމަށްވުރެ މާބޮޑު ގެއްލުމެއް ލިބެމުންދާކަން އެނގޭހެއްޔެވެ؟ ގެއްލުން ލިބެނީ ކޮން ގޮތަކުންކަން އެނގޭހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ގެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ޝައިޠޯނާގެ ސަބަބުންނެވެ.
ޝައިޠޯނާ ގޭގައި ހާލިހެދުމުން ގޭގައި ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ކުޑަވެގެންދެއެވެ. އަޅުކަންކުރެވުން މަދުވެގެންދެއެވެ. ފާފަތަކަށް އަރައިގަނެވުން އިތުރުވެއެވެ. ފިތުނަވެރިކަން ބޮޑުވެ ޢާއިލާގެ މީހުންނަށް އެކުގައި ނުއުޅެވޭ ހިސާބަށް ކަންކަން ދެއެވެ. ދެމަފިރިންގެ މެދުގައިވެސް އަދި ޢާއިލާތަކުގެ ތެރޭގައިވެސް މައްސަލަތައް މިހައި ގިނަވަމުން މިދަނީވެސް، ދަރިން މަގުފުރެދެމުން މިދަނީވެސް ޝައިޠޯނާގެ ކިބައިން ގެ ސަލާމަތްނުކުރެވޭތީއެވެ.
ވީމާ ގޭގައި ސެކިޔުރިޓީ ކެމެރާ ހަރުކުރުމަކުން އަދި ނުފުދެއެވެ. އެންމެ ބޮޑު ކަންތައް އޮތީއެވެ. އެއީ ޝައިޠޯނާގެ ކިބައިން ގެ ސަލާމަތްކުރުމެވެ. އެކަން ކުރުމަށްޓަކައި ކުރަން އޮތް ކަންތައް ކުރަން އެއްވެސް ފައިސާއެއް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. އެންމެ ނިކަމެތި މީހާއަށްވެސް އެކަން ކުރެވޭނެއެވެ.
ވީމާ ގޭގައި އުޅޭ އެންމެންނަށް ބަހާލައިގެން ނަމަވެސް މިޙަދީޘްފުޅުގައިވާ ކަންތައް ކުރަމުން ގެންދާށެވެ! ޝައިޠޯނާއަށް ގެއާ ވައިވެސް ނުއެޅެވޭނެއެވެ. އިން ޝާ ﷲ
Abdullah ibn Mas’ud reported: The Messenger of Allah, peace and blessings be upon him, said, “Recite Surat al-Baqarah in your houses, for Satan does not enter a house in which Surat al-Baqarah is recited.”
Source: Shu’ab al-Imān 2162
Grade: Sahih (authentic) according to Al-Albani
ހަދީޘްފުޅުގެ މާނައިގައިވަނީ "ގޭގައި ބަޤަރާސޫރަތް ކިޔަވާށެވެ! ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ޝައިޠޯނާ ނުވަންނާނެއެވެ." މާނައަކީ ބަޤަރާ ސޫރަތް ކިޔަވާ ގެއަކަށް ޝައިޠޯނާއަކަށް ނުވަދެވޭނެއެވެ. މިއީ އެކަން ކުރަން އިޚްލާޞްތެރިނިޔަތާއެކު މަސައްކަތްކޮށްފިނަމަ ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން