ފަށްކުރުމެއް!: ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު: ދެ ހިޖްރައިގެވެރި ޞަޙާބީއެއް-

ކިޔުމަށް ހޭދަވާނީ 3މ 11ސ
ފަށްކުރުމެއް!: ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު: ދެ ހިޖްރައިގެވެރި ޞަޙާބީއެއް-

ޢަލީ އިޙްޞާން ފިރާޤް


ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހުއަކީ ފިހުރުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ބަފައިކަލުންގެ ނަންފުޅަކީ ވަހަބު ބިން ރަބީޢަތު ބިން ހިލާލު އަލްފިހްރީ އެވެ. މައިކަނބަލުންނަކީ އަލްބައިޟާއު ދަޢުދު ބިންތި ޖަޙްދަމު އެވެ. އިސްލާމީ ރިސާލަތުގެ ރަންދޯދިތައް މައްކާގެ ޖައްވު އުޖާލާ ކުރަން ފެށުމާއެކު އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ނަސީބުވެރި ބޭކަލުންގެ ތެރޭގައި ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު ހިމެނިވަޑައިގަންނަވައެވެ. ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު ގެ އަޚުންކަމުގައިވާ ސަޙްލު ބިން ބައިޟާއު އާއި ޞަފްވާން ބިން ބައިޟާއު އަކީވެސް ދެ ޞަޙާބީންނެވެ. މިތިން ބޭކަލުންގެ ނަސަބު ނިސްބަތްކުރެވިފައިވަނީ މައިކަނބަލުން އަލްބައިޟާއު ދަޢުދު ބިންތި ޖަޙްދަމު އަށެވެ. 

އިބްނު އިސްޙާޤު ބަޔާން ކުރައްވައިފައިވާ ގޮތުގައި ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހުއަކީ ޙަބަޝާއަށް ދެފަހަރު ހިޖްރަކުރެއްވި ޞަޙާބީއެކެވެ. މުސްލިމުން ޙަބަޝާއަށް ކުރި ފުރަތަމަ ހިޖްރަ އާއި ދެވަނަ ހިޖްރައިގައި އެކަލޭގެފާނު ބައިވެރިވަޑައިގެންނެވިއެވެ. އެއަށްފަހު މުސްލިމުން މަދީނާއަށް ހިޖްރަކުރަން ފެށުމުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޚު ޞަފްވާން ބިން ބައިޟާޢު މަދީނާއަށް ހިޖްރަކުރެއްވިއެވެ. އެބޭކަލުން މަދީނާއަށް ވަޑައިގެން ފައިބައިވަޑައިގެންނެވީ ކުލްޘޫމް ބުނުލް ހަދަމް ރަޟިޔަﷲ ޢަންހުގެ   ގެކޮޅަށެވެ. 

ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު ބަދުރު ހަނގުރާމަ އާއި އުޙުދު ހަނގުރާމަ އާއި ޚަންދަޤު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ.  ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހުގެ ޙަޔާތްޕުޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި ކޮންމެ ހަނގުރާމައެއްގައި އެކަލޭގެފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ހިތްވަރާއި ފަންވަރާއެކު ޖިހާދުގެ މައިދާނުގައި އެކަލޭގެފާނުގެ ކުޅަދާނަފުޅުން ދައްކައިލެއްވިއެވެ. 

އިސްލާމްދީނުގެ ޙައްޤުގައި ދެ ފަހަރު ޙަބަޝާއަށް އެއްފަހަރު މަދީނާއަށް ހިޖްރަކުރެއްވުމުގެ ބުރަ އުފުއްލަވާ އަދި މާތް ރަސޫލާގެ އަރިހުގައި އިސްލާމްދީނުގެ ޙައްޤުގައި ޖިހާދު ކުރެއްވި މި މަތިވެރި ޞަޙާބީ އަވަހާރަވީ ހިޖްރައިން ނުވަވަނަ އަހަރުގެ ތެރޭގައެވެ. ތަބޫކު ހަނގުރާމައިން މާތް ރަސޫލާ صلّى اللّـه عليه وسلّم އެނބުރި ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ ސާޅީސް އަހަރުފުޅެވެ.  ސުހައިލު ބިން ބައިޟާއު ރަޟިޔަﷲ ޢަންހު ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުފުޅު ކުރެއްވީ ޚުދު ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެކަލޭގެފާނުގެ ކަށުނަމާދު ކުރެވުނީ މަސްޖިދުއް ނަބަވީގައެވެ. 

ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. ސަޢުދު ބިން އަބީ ވައްޤާޞު އަވަހާރަވުމުން އެކަލޭގެފާނުގެ ހަށިކޮޅު މަސްޖިދުއް ނަބަވީއަށް ގެންނެވުމަށް ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް އެބޭކަނބަލުން ކަށުނަމާދު ކުރެއްވުމަށްޓަކައެވެ. ސަޢުދުގެފާނުގެ ހަށިކޮޅު މިސްކިތަށް ގެންނެވުމަށްފަހު އެބޭކަނބަލުންގެ އެދިވަޑައިގެންނެވުމަށް އެކަލޭގެފާނުގެ ހަށިކޮޅު ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުން ކޮޓަރިކޮޅުތަކުގެ ކުރި މައްޗަށް ގެންދެވުނެވެ. އެބޭކަނބަލުން އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. މީސްތަކުންނަށް އެވާހަކަ އެނގުމުން އެކަން ކުށްވެރިކޮށް ވާހަކަ ދައްކަން ފެށިއެވެ. ޢާއިޝަތުގެފާނަށް އެކަން އެނގިވަޑައިގެން އެކަމަނާ ވިދާޅުވިއެވެ. 

[މީސްތަކުން އެކަންތައް ކުށްވެރި ކުރަން އަވަސްވެގަތީ ހާދަ އަވަހަކަށެވެ. އެބައިމީހުން އެކަމުގެ ޢިލްމު ލިބިފައިވައިވަނީ ވަރަށް މަދުންނެވެ. އެބައިމީހުން އަހަރެމެން ކުށްވެރިކޮށް އެ ވާހަކަ ދައްކަނީ ސަޢުދުގެ ހަށިކޮޅު މިސްކިތަށް ގެނައުމުންނެވެ. މާތް ރަސޫލާގެ ޙަޔާތްޕުޅުގައި ސުހައިލު ބިން ބައިޟާއުއަށް މާތް ރަސޫލާ އިސްވެހުންނަވައިގެން ކަށުނަމާދު ކުރެއްވީ މިސްކިތުގެ އެންމެ އެތެރޭގައެވެ.] 

އަޖައިބުވާންޖެހޭ ކަމަކީ އިސްލާމްދީނުގެ މި މަތިވެރި ފިދާއީއާ ބެހޭ ގޮތުން ލިބެން ހުރި މަޢުލޫމާތު މަދުކަމުންނެވެ.

މިއަދު އޮންލައިން