ކައިވެނިކުރުމާއި ވަރިކުރުން އިސްލާމްދީނުގައި ލުއިފަސޭހަކޮށްދެއްވަވާފައިވަނީ އެކަން ދަތިއުނދަގޫކަމަކަށްވެއްޖެނަމަ އެކަމުން މުޖުތަމަޢުއަށް ބޮޑެތި މައްސަލަތައް ކުރިމަތިވާނެތީއެވެ. މީހުންނަށް އުފުލަންޖެހޭ ތަކްލީފްތައް ބޮޑުވެގެންދާނެތީއެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ އެހާފަސޭހައިން ނިންމައިލެވެން އޮތްކަމެއްވެސް ނޫނެވެ. ބައިވެރިޔާގެ ޝަކުވާތައް ހިފައިގެން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސއްލަމަގެ އަރިއަހަށް ވަޑައިގެންނެވި ޞަޙާބީންނަށް ކުރައްވަވާ ޙަދީޘްފުޅުތަކުން އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ވަރިކުރަނީ ނުވަތަ ވަރިވަނީ ކައިވެނި ދަމަހައްޓަން ބޭނުންނުވުމުންނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ވަރިކުރުމަކީވެސް އަދި ވަރިވުމަކީވެސް އެހައި ފަސޭހައިން ކުރާ ކަމަކަށް ހަދައިގެން ނުވާނެއެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމައެވެ.
ވަރިއާއި ހަމައަށް ދާންޖެހޭނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް ޙައްލެއް ނުހޯދިއްޖެނަމައެވެ. އަދި އިތުބާރުކުރެވޭ މީހުން މެދުވެރިކޮށްގެން ޙައްލުކުރަން މަސައްކަތްކުރުމުންވެސް ޙައްލު ނުހޯދިއްޖެނަމައެވެ.
އެޙާލަތުގައިވެސް ވަރިކުރުމާއި ވަރިވުމަކީ ކުޅޭކުޅޭ ކަމަކަށް ނުހަދާށެވެ! އިޚްލާޞްތެރިކަން އިސްކުރަންވާނެއެވެ. ވަރިވުމާއި ވަރިކުރުމަކީ ކުޅޭކުޅޭ ކަމަކަށް ހެދުމަކީ ﷲ ތަޢާލާ ލަޢްނަތް ލައްވަވާ ކަމެކެވެ. އެއީ އެހައިވެސް ބޮޑު ކަމެކެވެ. ވީމާ ހަމަ ހިތަށް އަރާއިރަށް ވަރިނުކުރާށެވެ! އަދި ވަރިވެގެންވެސް ނުވާނެއެވެ.
ވަރިކުރިނަމަވެސް 3 ފަށްވަރިން ވަރިނުކުރާށެވެ! އަދި އަލުން އަނބުރައި ކައިވެނި ނުކުރާނެ ކަމަށްވެސް ނުބުނާށެވެ! ކަންކަން މެދުވެރިވާނެ ގޮތެއް ނުއެނގޭނެއެވެ. ޙާލަތު ބަދަލުވެދާނެއެވެ. ވިސްނުންވެސް ބަދަލުވެދާނެއެވެ. ހެދުނީ ގޯހެއްކަން ވިސްނި އަލުން ކައިވެނިކުރަން ބޭނުންވުމަކީ ވަރަށް ގިނައިން މެދުވެރިވާކަމެކެވެ. ވީމާ އެއްވެސް ޙާލެއްގައި ނުބައި، ހަރުކަށި ބަސްތައް އެކަކުވެސް ނުބުނާށެވެ!
ވަރިކުރުމަށްފަހު މިކުރެވުނީ ރަނގަޅުކަމެއް ނޫންކަން ވިސްނިގެން ފަހު ހިތާމަކުރަންޖެހޭ މީހުން ގިނައެވެ. ނުބައި ގޮތަކަށް ކަންކަން ކުރެވިފައިވާނަމަ އެނބުރި އައުމުން ބަލައިގަންނަން އުނދަގޫތަކެއް ހުންނާނެއެވެ. އެޙާލަތުގައި އަނެކާ ކުށްވެރިނުކުރާށެވެ!
މިޘާލަކަށް މީހެއްގެގަޔަށް ފިސްތޯލައިގެ ވަޒަންތައް ފޮނުވައިލުމަށްފަހު އެކަމަށް ދެރަވެ ދައްކަން އޮންނާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ވަޒަންތައް ފޮނުވައިލީ އަނެކާ މަރުވެދާނެކަމަށް ހީކޮށްގެން ނޫންކަމަށް ބުނުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން