ޔަތީމް ކުއްޖަކު ބަލަހައްޓަން ޖެހިއްޖެ ނަމަ އެކމަށް
އުފާކުރަނީ މަދުމީހެކެވެ. ގިނަ މީހުންނަށް އެކަންވަނީ ބޮޑު ބުރައަކަށެވެ. އެއީ އެމީހުންނަށް ﷲ ތަޢާލާ އެދެއްވެވީ ކިހައި މަތިވެރި ފުރުޞަތެއްކަން ނުވިސްނޭތީއެވެ.
އެފަދަ މީޙުން ފުރަތަމަ ކަމަކަށްވެސް ވިސްނާލަންވީ އެއީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމަށް ތިމާއަށް ދެއްވެވި ފުރުޞަތެއް ކަމެވެ. މިއީ އެންމެންނަށް ލިބޭނެ ފުރުޞަތެއް ނޫނެވެ.
ވީމާ ޔަތީމްކުދިން ބަލަހައްޓަން ލިބޭ މީހުން އެކުދިންނާއިމެދު ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. ތިމާ މިބަލަހައްޓަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކުއްޖެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. އެކުދިންނަށް ވީހާބޮޑަށް ހެޔޮކޮށް ކަންކަން ކުރަންވާނެއެވެ. އެކަމަށް ޙައްޤު ޖަޒާ ﷲ ދެއްވަވާނެތެވެ. އިން ޝާ ﷲ. ސަބަބުވެސް މިކިޔައިދެނީއެވެ.
ކޮންމެ ކުއްޖަކުވެސް އެންމެ ބޮޑަށް އެކަމަކަށް އެދޭނެ އެއްކަމަކީ މައިންބަފައިންގެ ގާތުގައި ހުރެ އެމީހުންގެ ލޯބިލިބިގެން ބޮޑުވުމެވެ. އަދި މައިންބަފައިންވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ އެމީހުންނަށް ލިބޭ ދަރިން އުފަލުގައި ގެންގުޅެ ބޮޑުކުރުމެވެ.
ކަންމިހެން އޮތްނަމަވެސް ބައެއްކުދިންގެ ޅަފަތުގައި ނުވަތަ ކުޑައިރު މައިންބަފައިން ދުނިޔެދޫކުރެއެވެ. އެއީ އެމީހުން އަމިއްލައަށް ކުރާކަމެއް ނޫނެވެ. ﷲ ތަޢާލާ ނިންމަވާ ކަމެކެވެ. އެހެންކަމާއިއެކުވެސް މައިންބަފައިން ދުނިޔެ ދޫކުރުމުން، ޔަތީމްޙާލުގައި އުޅެ ބޮޑުވާންޖެހޭތީ ވަރަށް ގިނަކުދިން މާޔޫސްވެއެވެ.
ވީމާ އެފަދަކުދިންނަށް މިކަންވިސްނައިދޭށެވެ.
ﷲ ތަޢާލާ އެންމެ މަތިވެރިކުރައްވަވައި އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ މަޚްލޫޤަކީ އަހަރެމެންގެ ލޮބުވެތިނަބިއްޔާ މުޙައްމަދު ﷺ އެވެ. އެހެންކަމާއިއެކުވެސް އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުގެކުރިން ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ނުހަނު ތުއްޕުޅުއިރު މަންމާފުޅު އަވަހާރަވެއްޖެއެވެ.
މިކަމުން އަންގައިދެނީ ކުޑައިރު މައިންބަފައިން ނިޔާވެ ޔަތީމް ޙާލުގައި ބޮޑުވާންޖެހުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ދެއްވަވާ ނިޢްމަތެއްކަމެވެ. އެއްވެސް ޙާލެއްގައި އެއީ ހިތާމަކުރަންޖެހެންވީ ކަމެއް ނޫންކަމެވެ.
--މުފްތީ މެންކުގެ ދަރުސަކުން