ގިނަބައަކު މިދުނިޔޭގައި މިއުޅެނީ އެމީހަކު ބޭނުންވާހައި ގޮތަކަށެވެ. ކުރަން ބޭނުންވާހައި ކަމެއްކޮށްގެންނެވެ. ދުނިޔޭގައި ހަދާފައިވާ ޤާނޫނުތަކަށް ބިރުގަންނަމުއެވެ. އެއީ އަމަލުނުކޮށްފިނަމަ ވަގުތުން އަދަބު ލިބޭނެތީއެވެ. ޖަލުގައި އެތައް އަހަރެއް ނުވަތަ އުމުރުވެސް ހޭދަކުރަން ޖެހިދާނެތީއެވެ. ހަމަ އެއާއިއެކު ޤާނޫނާއި ޚިލާފުވުމުން ކޯޓަކަށް ގެންގޮސް އެމީހަކަށް އަދަބުދޭ ސަބަބު އެމީހަކަށް އަނގާތީއެވެ.
ﷲ ތައާލާގެ އެންގެވުންތަކަށް ބިރު ނުގަންނަނީ ބިރު ނުގަތުމުން، ބިރު ނުގަނެ ހިތަށް އެރިހައި ކަމެއް ކުރަމުން ގެންދިއުމުން އެމީހަކަށް ކޯފާއެއް ލެއްވެވި ނަމަވެސް އެއީ ކޯފާއެއް ކަމަށް ޙުކުމް ކުރެވޭ، ނުވަތަ އެމީހަކަށް އެނގޭގޮތަށް އަޑު ނުއިވޭތީއެވެ.
ނިކަން ވިސްނައިބަލާށެވެ. ޖަލުގައި ބަންދުކުރި ނަމަވެސް ކާން ބޯން ލިބެއެވެ. ކުޅިވަރުވެސް ކުޅެވެއެވެ. ޢާއިލާ އާއިވެސް ބައްދަލުކުރެވެއެވެ. ޓީވީވެސް ބެލެއެވެ. ފޯނުވެސް ކުރެވެއެވެ. މިހެންގޮސް ޢާންމު ދިރިއުޅުމުގައި ކޮށްއުޅޭ ވަރަށް ގިނަ ކަންތައްތަކެއް ކުރެވެއެވެ. އަދި ކަނޑައެޅޭ މުއްދަތަށްފަހު ޖަލުން ސަލާމަތްވެސް ވެއެވެ. އެ މުއްދަތުވެސް އެނގެއެވެ. ނަމަވެސް އެންމެ ދުވަހަކަށް ނަމަވެސް ޖަލަށް ވަންނަން ބޭނުން މީހަކު ނުހުންނާނެއެވެ. 10 ވަރަކަށް އަހަރުގެ ޖަލުހުކުމެއް އަތުވެއްޖެނަމަ މީހާ މޮޔަވެސްވެދާނެއެވެ!
ދެން ވިސްނައިލަންވީ ނަރަކަ އާއިމެދުގައެވެ. ޖަލުގައި މިލިބޭ އެއްވެސް އިނާޔަތެއް ނުލިބެއެވެ. އެތަނުގެ ބިރުވެރިކަމުގެ ވާހަކަ ބަޔާން ކުރުމަކީވެސް އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ކަންކަން ކިރިޔާވެސް މިއެނގެނީ ކީރިތި ޤްރުއާނުންނާއި ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކުންނެވެ.
ކޮންމެއަކަސް ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ ނަރަކައިގެ ހެދުން ލެއްވޭނެއެވެ. ޖަލުގައި ޔުނިފޯމް ލައްވަނީ ޤައިދީއެއްކަން އެންގުމަށެވެ. ނަރަކައިގެ ހެދުން ލެއްވެވީ ނަރަކައިގެ އެ ހޫނުގަދަ އަލިފާނުގެ ހޫނުމިން އިތުރަށް ގަދަކުރުވުމަށެވެ. ނަރަކައިގައި ދެވޭނެ ގަދަފަދަ ޢަޛާބުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭތީ މިތަނުގައި އެބައި ކުރުކޮށްލާނަމެވެ.
މީސްތަކުންނޭވެ! ނަރަކައަށް ވަންނަން ޖެހޭ މީހާ ނަރަކައިގައި ހޭދަކުރަން ޖެހޭނީ ކިތައް ޓްރިލިއަން އަހަރުކަން އެނގެނީ ކާކަށް ހެއްޔެވެ؟ ދުވަހަކު ކޮޅުންވެސް ސަލާމަތްވާނެކަން އެނގެނީވެސް ކިހިނަކުން ހެއްޔެވެ؟ އަދި ދުވަހަކު ކޮޅުންވެސް ސަލާމަތް ކުރައްވަވާނެ އަޅުންގެ ތެރޭގައި ތިމާ ހިމެނޭކަން އެނގެނީ ކާކަށް ހެއްޔެވެ؟
ނަރަކައިގައި ނިދުމެއް ނެތެވެ. އަރާމުކޮށްލާނެ އިންޓަވަލެއް ނުލިބޭނެއެވެ. އޮތީ އަބަދުވެސް ގަދަފަދަ އަޛާބުން ޢަޛާބު ލިބިލިބި އޮތުމެވެ. ވީމާ ސުވާލަކީ އެންމެ ދުވަހަކަށް ނަމަވެސް ޖަލަށް ވަންނަން ތިއަހައި ބިރުގަންނައިރު، ޖެހިލުވާއިރު ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށްޓަކައި ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ ޖަލަށް ދާން ޖެހޭ ކުށެއް ކުރެވުނު ނަމަވެސް ޖަލަށް ދާން ނުޖެހިވެސް ސަލާމަތްވެވިދާނެއެވެ. ބާރާއި ނުފޫޒުންނާއި އެހެންވެސް ގޮތްގޮތުންނެވެ.
ނަމަވެސް ނަރަކައަށް ދާންޖެހޭ މީހަކަށް ނަރަކައަށް ވަންނަން ނުޖެހި ސަލާމަތެއް ނުވެވޭނެއެވެ. އެމީހަކީ ނަރަކައަށް ވަންނަން ޖެހޭ މީހެއްކަމަށް ﷲ ތަޢާލާ ނިންމެވުމާއިއެކު މަލާއިކަތް ބޭކަލުން ވަގުތުން އެމީހަކު ކަސްތޮޅު އަޅުއްވަވާނެއެވެ. ނަރަކައަށް ބަނޑުވަތަށް އެއްލަވައި ލައްވަވާނެއެވެ. ބުނެވޭގޮތުން އެމީހެއްގެ ވައަތަށް އެމީހާގެ ފަތް ލިބޭ ހިސާބުން އެއޮތީ އެމީހަކީ ނަރަކައަށް ވަންނަން ޖެހޭ މީހަކުކަން ކަނޑައެޅިނިމިފައެވެ. އެ ހިސާބުން އެއޮތީ ހަމަ ގަދަ ފަދަ އަޛާބުގައި އޮތުން ނޫން ދެވަނަ އެއްވެސް ގޮތެއް ނެތިފައެވެ.
ހިތާމައަކީ މިކަންކަން މުސްލިމުންނަށް އެނގި ޔަޤީންވާއިރުވެސް ޖަލަށް ވަންނަން ޖެހިދާނެތީ ގަންނަ ބިރު، ނަރަކައަށް ވަންނަން ޖެހިދާނެތީ ނުގަންނަކަމެވެ. ވީއިރު ނަރަކައިން ސަލާމަތްވުމަށް އުންމީދުކުރާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނާށެވެ! ނޫނީ ހަމަ ނަރަކައިން ސަލާމަތް ނުވެވިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން