ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގަ ދެމިއޮތުމަށާ ހެޔޮލަފާ ދަރިން ދެއްވެވުން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ދެމަފިރިންގެ ގުޅުން ރަނގަޅު ގޮތުގަ ދެމިއޮތުމަށާ ހެޔޮލަފާ ދަރިން ދެއްވެވުން އެދިގެން މިފަދަ ދުޢާތައް ކުރުން ގިނަކުރައްވާ!

ކައިވެންޏަށްފަހު ގިނަ ބައަކު އެންމެ ބޮޑަށް އެދޭނީ ކައިވެނީގެ މޭވާއަށެވެ. އެއީ ދަރިއަކު ލިބުމެވެ. އެހެންވެ ބަލިވެއިންކަން އެނގޭ ހިސާބުން އެހެން ހުރިހާ ކަމެއްގެ ކުރިއަށް ނެރެނީ ދަރިފުޅަށް މަރުޙަބާ ކިޔަން ތައްޔާރުވުމަށެވެ.

ދެން ބައެއް ފަހަރު ކުރިމަތިވާ ގޮތަކީ އެކަމަށް ތައްޔާރުވަމުން ދަނިކޮށް ދަރިފުޅު އުފަންވުމުގެ ކުރިން ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި ކައިވެނި ރޫޅެނީއެވެ. އެއިރުން ކުރިމަތިއެވަނީ އެންމެ ބޮޑު މައްސަލައެވެ.

ވީމާ އަހުރެންގެ ނަޞީޙަތަކީ ދެމަފިރިންގެ މެދުގައި މައްސަލައެއް ނުޖެހުނަސް ދެމަފިރިންގެ ގުޅުން ބަދަހިގޮތުގައި ކުރިއަށް ގެންދެވޭނެ މަގު ދައްކަވައިދެއްވެވުން އެދިގެންނާއި އަނެކާގެ ހިތުގައި ތިމާގެ މައްޗަށް ލޯބިއިތުރުކޮށް ދެއްވެވުން އެދިގެން ދުޢާކުރަމުން ގެންދިއުމެވެ.  

މިބުނި މަގުން ދުޢާކުރަންވީ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެން ފެށުމަކުން ނޫނެވެ. ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެއިރުން ކުރާނެ ފައިދާ ބޮޑުވާނެތީއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަކީ ފުރަތަމަ ދަރިފުޅު ވިހެއުމުގެ އިންތިޒާރުގައި އިން އަންހެނަކީމެވެ. ކުރަން ރަނގަޅު ދުޢާއެއް ބުނެދެއްވަފާނަންތޯ؟  

ތިރީގައިވާ ލިޔުމުންވެސް ކިޔުންތެރިޔާއަށް ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.  

ވަކި މީހެއްގެ ވާހަކައެއް ނޫނެވެ! ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް ތައްޔާރުވާ އެއްކަމަކީ ދަރިއަކު ލިބެން އުޅޭކަމުގެ ކަބަރު ލިބޭވަގުތުން ފެށިގެން އެދަރިފުޅަށް މަރްޙަބާކިޔަން ތައްޔާރުވުމެވެ. އެހެންވެ އެކމަށްޓަކައި އެމީހެއްގެ ފެންވަރުން ބޮޑެތި ހޭދަތައްވެސް ކުރެއެވެ. އެންމެންވެސް ކުރަނީ ހަމަ އެއް ޒާތެއްގެ ކަންކަން ކަމުގައިވާތީ ވަގުތު ސަލާމަތްކުރުމުގެ ގޮތުން އިތުރު ތަފްޞީލަށްދާކަށް ނެތީމެވެ.  

އެންމެ ބޮޑަށް ބާރުއަޅައި ބުނަން ބޭނުންވަނީ ދަރިއަކު ލިބެން އުޅޭކަން އެނގުމުން، ނުވަތަ ބަލިވެއިންކަން އެނގުމުން ދަރިފުޅުލިބުމަށް ތައްޔާރީތައްވުމަށްވުރެ މުހިންމީ، ހެޔޮލަފާ ތަޤްވާވެރި ދަރިން ދެއްވެވުން އެދި މިފަދަ ދުޢާތައް ކުރަމުން ގެންދިއުން ކަމަށެވެ.  

﴿رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ﴾ [سورة القصص ۲٤]

މާނައީ: "މިއަޅާގެ ވެރިރައްބެވެ. ހެޔޮކަންކަމުގެ ތެރެއިން މިއަޅާގެ މައްޗަށް ބާވައިލަނިވި ކޮންމެ ކަމަކަށް މިއަޅާވަނީ ބޭނުންވެގެންނެވެ."  

﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [سورة الفرقان ٧٤]

މާނައީ: ” އަޅަމެންގެ ވެރިރައްބެވެ. އަޅަމެންގެ އަނބީންގެ ކިބައިންނާއި ދަރީންގެ ކިބައިން އަޅަމެންގެ ލޮލަށް ފިނިކަން ދެއްވާނދޭވެ. އަދި އަޅަމެންނީ ތަޤްވާވެރިންނަށްވާ އިމާމުން ކަމުގައި ލައްވާނދޭވެ." 

﴿رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاء﴾ [سورة آل عمران ۳٨]

މާނައީ: ” މިއަޅާގެ ވެރިރައްބެވެ. އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ހެޔޮލަފާ ދަރިފަސްކޮޅެއް ދެއްވާނދޭވެ. ހަމަކަށަވަރުން އިބައިލާހީ އެންމެ މޮޅަށް އައްސަވާ ވޮޑިގެންވާ، އެންމެ މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން