ފަށްކުރުމެއް!: ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޙައްވާގެފާނު

ކިޔުމަށް ހޭދަވާނީ 20މ 24ސ
ފަށްކުރުމެއް!: ޤުރްއާނުގައި ބަޔާންވެގެންވާ ކަނބަލުންގެ ތެރެއިން: ޙައްވާގެފާނު

ޢަލީ އިޙްޞާން ފިރާޤް

 

حَوَّاءُ ގެފާނަކީ، އިންސާނުންގެ ބަފައިކަލުން ކަމުގައި ހިމެނިވަޑައިގެންވި آدَمُ عَلَيْهِ السَّلَامُ ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެންމެހައި އިންސާނުންގެ ބަފައިކަލުން ކަމުގައި އާދަމުގެފާނު ހިމެނިވަޑައިގެންނެވި ފަދައިން، حَوَّاءُ ގެފާނު ހިމެނިވަޑައިގެންނެވީ އެންމެހައި އިންސާނުންގެ އެންމެ ފުރަތަމަ މައިކަނބަލުންގެ ގޮތުގައެވެ. އާދަމްގެފާނަކީ އެންމެ ފުރަތަމަ މުސްލިމަށްވީފަދައިން، حَوَّاءُ ގެފާނު ވެވަޑައިގެންނެވީ އެންމެ ފުރަތަމަ މުސްލިމާކަމުގައެވެ.

آدَمُ عَلَيْهِ السَّلَامُ އަކީ، މިދުނިޔެއަށް އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާއެވެ. ހަމައެހެންމެ އެކަލޭގެފާނަކީ އެންމެ ފުރަތަމަ މިބިންމައްޗަށް ފޮނުއްވުނު ނަބިއްޔާވެސް މެއެވެ. މި ދުނިޔެ މައްޗަށް ފޮނުއްވުނު އެންމެ ފުރަތަމަ ނަބިއްޔާގެ އަނބިކަނބަލަކަށް ވެވަޑައިގެންނެވުމުގެ ޝަރަފު حَوَّاءُ ގެފާނަށް ލިބިވަޑައިގެންނެވިއެވެ. 

آدَمُ عَلَيْهِ السَّلَامُ ޚަލްޤުކުރެއްވުމަށްފަހު، އަރަހުށި މާތްﷲ އެކަލޭގެފާނު ވަޒަންވެރި ކުރެއްވީ ސުވަރުގޭގައެވެ. އެކަލޭގެފާނު ސުވަރުގޭގައި ދުވަސްކޮޅަކު ވޭތު ކުރެއްވިފަހުން، އެކަލޭގެފާނަށްޓަކައި، حَوَّاءُ ގެފާނު ޚަލްޤުކުރެއްވިއެވެ. އެކަމަށް އިޝާރާތްކުރައްވައި ނިސާ ސޫރަތުގެ 1 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴿١﴾

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ." 

الإمام القرطبي އޭނާ ލިޔުއްވި ތަފްސީރު ކަމުގައިވާ الجامع لأحكام القرآن ގައި ބަޔާން ކުރައްވައިފައިވެއެވެ.  آدَمُ عَلَيْهِ السَّلَامُ ގެ އަނބިކަނބަލުންނަކީ ޙައްވާގެފާނެވެ.  މިނަމުން އެންމެ ފުރަތަމަ ނަންދެވުނީވެސް حَوَّاءُ ގެފާނަށެވެ. އެކަމަނާއަށް އެނަންދެވުނީ އާދަމުގެފާނަށް އެއްވެސް ތަދެއް ނުވަތަ ވޭނެއް އިހްސާސްވެވަޑައިގެންނެވުމަކާ ނުލައި އެކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެކަމަނާ ހެއްދެވުމުގެ ސަބަބުންނެވެ. حَوَّاءُ ގެފާނު ހެއްދެވުނު އިރު އާދަމުގެފާނަށް ތަދު އިހްސާސްވެވަޑައިގެންނެވިނަމަ، އެއްވެސް ފިރިހެނަކު އަންހެނަކަށް އޯގާތެރި ނުވީހެވެ. 

حَوَّاءُ ގެފާނު ހެއްދެވުމަށްފަހު މަލާއިކަތްބޭކަލުން آدم عليه السّلام އަށް ދެންނެވިއެވެ. [ކަލޭގެފާނު އެކަމަނާ ދެކެ ލޯބިފުޅުވެވަޑައިގަންނަވަންތޯއެވެ؟] އާދަމްގެފާނު ވިދާޅުވިއެވެ. [އާދެހެވެ. ލޯބިފުޅުވަމެވެ.] ދެން މަލާއިކަތްބޭކަލުން ޙައްވާގެފާނުގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސުވާލު ދެންނެވިއެވެ. [ކަމަނާ آدم عليه السّلام ދެކެ ލޯބިފުޅުވަންތޯއެވެ؟] އެކަމަނާ ޖަވާބުދެއްވިއެވެ. [ނޫނެކެވެ.] ނަމަވެސް آدم عليه السّلام، حَوَّاءُ ގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވަރަށް ވުރެ އެތައް ދަރަޖައެއް ބޮޑަށް حَوَّاءُ ގެފާނު އާދަމުގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވައެވެ. 

މަލާއިކަތްބޭކަލުން ވިދާޅުވެފައިވެއެވެ. [އަންހެނަކު އޭނާގެ ފިރިމީހާދެކެ ވާލޯބީގައި ތެދުވެރިވާނެނަމަ حَوَّاءُ ގެފާނު ތެދު ވިދާޅުވީހެވެ.] {ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182}  

حبرالأمّة عبد اللّـه بن عبّاس رضى اللّـه عنه އާއި ابن مسعود رضى اللّـه عنه ވިދާޅުވެފައި ވާކަމަށް އިމާމު ޤުރްޠަބީ ބަޔާން ކުރައްވައިފައިވެއެވެ. آدم عليه السّلام ސުވަރުގޭގައި ވަޒަންވެރި ކުރެއްވުމުން އެކަލޭގެފާނަށް އެކަނިވެރިކަން އިހްސާސްވެވަޑައިގެންނެވިއެވެ. حَوَّاءُ ގެފާނު ހެއްދެވުނީ آدم عليه السّلام އަވަހާރަފުޅަށް އޮންނަވަނިކޮށް އެކަލޭގެފާނުގެ ވާއަތު އަރިކަށީގެ އެންމެ ކުރު ކަށިކޮޅުންނެވެ. އެއީ އެކަލޭގެފާނުގެ އެކަނިވެރިކަން ފިއްލެވުމަށާއި، އެކަމަނާގެ ފަރާތުން ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.  

آدم عليه السّلام ހޭފުޅު ލެއްވުމަށްފަހު حَوَّاءُ ގެފާނު ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. [ތިޔައީ ކާކު ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އަންހެނެކެވެ. އަޅުގަނޑު ހެއްދެވުނީ ކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އެއީ އަޅުގަނޑުގެ ފަރާތުން ކަލޭގެފާނު ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.] {ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182} 

حَوَّاءُ ގެފާނު ޚަލްޤުކުރައްވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުންކަން މިދެންނެވި ދެ ތާރީޚީ ރިވާޔަތުގެ އިތުރަށް ޞައްޙަ ޙަދީޘުންވެސް ސާބިތުވެއެވެ. أبو هريرة رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"‏ اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ ‏"{صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ޙަދީޘް ނަންބަރު 3331} 

މާނައީ: "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އަންހެނުން ހެއްދެވުނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ހަމަކަށަވަރުން އަރިކަށީގެ ކަށިތަކުގެ ތެރެއިން އެންމެ ގުދުކަންބޮޑު ކަށިގަނޑަކީ އެންމެ މަތީ ކަށިގަނޑެވެ. ފަހެ ތިބާ ގަދަކަމުން އެކަށިގަނޑު ސީދާކުރުމަށް މަސައްކަތްކޮށްފިނަމަ ތިބާ އެކަށިގަނޑު ބިންދާލާނޫއެވެ. އަދި ތިބާ އެކަށިގަނޑު އޮތްގޮތަށް ދޫކޮށްލާނަމަ އަބަދުވެސް އޮންނާނީ ގުދުކަން މަތީގައެވެ. ފަހެ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ."

حَوَّاءُ ގެފާނު ހެއްދެވުމަށްފަހު، އާދަމުގެފާނާއި، حَوَّاءُ ގެފާނު ނުހަނު އުފާ ފާގަތިކަމުގައި ސުވަރުގޭގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އޭގެ ދެކަނބަލުން ސުވަރުގެ އެންމެހައި ނިޢުމަތްތަކުން އުފާ ހާޞިލުކުރުމަށް މާތް ﷲ އަމުރުފުޅު ދެއްވި ނަމަވެސް ވަކިގަހަކުން ފަރީއްނުކުޅުއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އިބިލީހުގެ ނުބައި ރޭވުމާއި ވަސްވާހުން ސަލާމަތްވެ ތިއްބެވުމަށް އާދަމްގެފާނާއި، حَوَّاءُ ގެފާނަށް އަރަހުށި މާތްﷲ އެންގެވިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް އަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴿١٩﴾

މާނައީ: "އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ."

ދެން، އިބިލީސް ހިންމަތާއި މިންނަތް ކުރަންފެށީ، އެދެބޭކަނބަލުންނަށް މާތް الله سبحانه وتعالى، ފަރީއްކުޅުއްވުން މަނާކުރެއްވި ގަހުން، އެދެބޭކަނބަލުން ފަރީކުޅުއްވާތޯ އެކި ގޮތްގޮތުން މަސައްކަތްކުރުމެވެ. އެކިއެކި ބަހަނާތައް ދައްކައިގެން އެދެބޭކަނބަލުން މަގުފުރައްދަވައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަނބަލުން އިބިލީހުގެ ވަސްވާހުގައި ޖެހިގެން އެގަހުން ފަރީއްކުޅުއްވިއެވެ. މިކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ޤުރުއާނުގެ އަލް އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴿٢٠﴾ وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١﴾فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢﴾

މާނައީ: "ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ.އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟" 

آدم عليه السّلام އާއި ޙައްވާގެފާނަށް އެބޭކަނބަލުންނަށް ކުރެއްވުނު ކުށުގެ ބޮޑުކަން އެނގިވަޑައިގެން ތަޢުބާވެވަޑައިގެންނެވިއެވެ. ދެން، މާތް الله سبحانه وتعالى، އެދެބޭކަނބަލުންނަށް ތަޢުބާލައްވައި ދުނިޔޭގެ ބިމަށްބޭލުއްވިއެވެ. މިކަމަށް އިޝާރާތްކުރައްވައި އަލް އަޢުރާފު ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾ قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤﴾

މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ." 

ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި آدم عليه السّلام އާއި ޙައްވާގެފާނު ސުވަރުގެއިން ބޭރުކުރައްވައި ދުނިޔޭގެ ބިމަށް ފޮނުއްވީ ހުކުރު ދުވަހެއްގައެވެ. أبو هريرة رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"‏خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا ‏"{صحيح مسلم/ كتاب الجمعة/ باب فَضْلِ يَوْمِ الْجُمُعَةِ/ ޙަދީޘް ނަންބަރު 854}

މާނައީ: "އެދުވަހެއްގައި އިރުއެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު ޚަލްޤުކުރެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެ ވެއްދުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ." 

آدم عليه السّلام ޙައްވާގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ފާހަގަކޮށްލެވޭކަމަކީ، އެކަލޭގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ހިނގައި ދިޔަ ފިތުނަވެރިކަމެވެ. އެކަމުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ޤަތުލުކުރެއްވުމެވެ. މިވާހަކައިގެ އަޅުގަނޑުވަނީ آدم عليه السّلام ގެ ސީރަތުގައި ބަޔާންކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި، ޙައްވާގެފާނުގެ ބަޤުބަރާ ކަމަށް ބުނާތަނެއްވާ ކަމަށް ތިޛްކާރެ ޞާލިޙާތު މި ފޮތުގައި ޠާލިބުލް ޙާޝިމީ ލިޔުއްވައިފައިވެއެވެ. 

އަރަހުށި މާތްﷲ، ޙައްވާގެފާނަށް ސަލާމްލައްވާށިއެވެ!

 

 

 

މިއަދު އޮންލައިން