ލުޤްމާންގެފާނުގެ ވާހަކަ-3: ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު

ކިޔުމަށް ހޭދަވާނީ 17މ 24ސ
ލުޤްމާންގެފާނުގެ ވާހަކަ-3: ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު

ޢަލީ އިޙްޞާން ފިރާޤް


ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅު لقمان عليه السّلام އެންމެ ބޮޑަށް މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނު އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅުކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަލުންނަށް ދެއްވި އަގުހުރި ނަސޭހަތްޕުޅުގެ ސަބަބުންނެވެ. އެ ނަސޭހަތްޕުޅުގެ މުހިންމުކަމުގެ ސަބަބުން މާތް اللّـه سبحانه وتعالى ވަނީ އެ ވާހަކަތައް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައެވެ. ލުޤުމާން ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّـهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ﴿١٣﴾

މާނައީ: [އަދި لقمان ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް نصيحة ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ شريك ނުކުރާށެވެ! ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.]

އަލްޙާފިޡު އިބްނު ކަޘީރު މިދެންނެވި އާޔަތުގެ ތަފްސީރުގައި، ތަފްސީރުލް ޤުރްއާނުލް ޢަޡީމުގައި ލިޔުއްވައިފައިވެއެވެ. لقمان عليه السّلام ގެ ދަރިކަލުންގެ ނަންފުޅަކީ، ثَارَانُ އެވެ. ހަމަ މިދެންނެވި ފަދައިން އިމާމުލް ޤުރްޠުބީވެސް ލިޔުއްވައިފައިވެއެވެ.

ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އަންޢާމު ސޫރަތުގެ 82 ވަނަ އާޔަތް ބާވައިލެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޞަޙާބީ ބޭކަލުންނަށް އެކަން ވަރަށް ބޮޑުވިއެވެ. އެ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. لَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾ މާނައީ: [އެއުރެންނަކީ، إيمان ވެތިބެ، އެއުރެންގެ إيمان ކަމުގެ ތެރެއަށް (شرك ގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ، އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.] ދެން ޞަޙާބީން މާތް ރަސޫލާގެ އަރިހަށް ގޮސް ދެންނެވިއެވެ. [އަޅުގަނޑުމެންގެ ތެރެއިން އީމާންކަމުގެ ތެރެއަށް އަނިޔާވެރިކަމެއް ނުލާ މީހުންނަކީ ކޮބައިހެއްޔެވެ؟] މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ. އާޔަތުގެ މާނައަކީ ތިޔައީއެއްނޫންނެވެ. ތިބައިމީހުން ލުޤުމާނުގެފާނުގެ ވާހަކަފުޅެއް ނާއްސަވަމުންތޯއެވެ.؟ އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ ހަމަކަށަވަރުން، شريك ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ]} صحيح البخاري،كتاب تفسير القرآن،باب (لا تشرك بالله إن الشرك لظلم عظيم)، حديث رقم 4516}

މިދެންނެވި އަގުހުރި ނަސޭހަތްޕުޅަށްފަހު لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް އިތުރު ނަސޭހަތްޕުޅުތަކެއް ދެއްވިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ހެޔޮ ޢަމަލުތައް ކުރުމުގައި ހީވާގިވެ ކިތަންމެ ކުޑަ ހެޔޮކަމެއްވިޔަސް ކުރުމަށާއި، ކިތަންމެ ކުޑަ ނުބައިކަމަކުންވިޔަސް ދުރުވެގަތުމެވެ. އެހެނީ އަރަހުށި މާތްﷲ އަށް އެއްވެސް ކަމެއް ވަންހަނާވެވޮޑިގެން ނުވެއެވެ. މި ވާހަކަ ލުޤުމާނު ސޫރަތުގެ 16 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّـهُ ۚ إِنَّ اللَّـهَ لَطِيفٌ خَبِيرٌ ﴿١٦﴾

މާނައީ: [އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ عمل އަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި عمل އެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (قيامة ދުވަހުން) اللَّه އެ عمل އެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]

ދެން لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅަކީ ނަމާދު ޤާއިމުކުރުމަށާއި، ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކޮށް، ދިމާވާ އެންމެހައި މުޞީބާތްތަކަށް ކެތްތެރިވުމެވެ. މި ވާހަކަ ލުޤުމާނު ސޫރަތުގެ 17 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުންނެވެ.

 يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٧﴾ 

މާނައީ: [އޭ ދަރިފުޅާއެވެ! ތިބާ ނަމާދު قائم ކުރާށެވެ! އަދި ހެޔޮކަންތަކަށް أمر ކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ مصيبة އަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.]

ބަޔާންވެގެން އެ ދިޔައީ لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ދީނީ އިރުޝާދުތަކުގެ ވާހަކައެވެ. ދެން އެއަށްފަހު އެކަލޭގެފާނު ދަރިކަލުންނަށް ދެއްވައިފައިވަނީ އަޚުލާޤީ އިރުޝާދުތަކެކެވެ. މި ވާހަކަ ކީރިތި ޤުރްއާނުގެ ލުޤުމާނު ސޫރަތުގެ 18 ވަނަ އާޔަތާއި 19 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّـهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ ﴿١٨﴾وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾

މާނައީ: [އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.]

އަނަސު ބުނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރައްވައިފައިވެއެވެ.

"‏ لاَ تَبَاغَضُوا، وَلاَ تَحَاسَدُوا، وَلاَ تَدَابَرُوا، وَكُونُوا عِبَادَ اللَّهِ إِخْوَانًا، وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ ‏"}صحيح مسلم،كتاب الْبِرِّ وَالصِّلَةِ وَالْآدَابِ،بَابُ النَّهْي عَنِ التَّحَاسُدِ وَالتَّبَاغُضِ وَالتَّدَابُرِ،حديث رقم 4769}

މާނައީ: [ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ނަފްރަތު ނުވާށެވެ. އެއްބަޔަކު އަނެއް ބަޔަކާ ޙަސަދަވެރި ނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްދީ ނުދާށެވެ. މާތްﷲ އަށް އަޅުކަންކުރާ އަޅުންތަކެއްކަމުގައްޔާއި އަޚުންތަކެއް ކަމުގައި ތިޔަބައިމީހުން ވާށެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކު ދެކެ ރުޅިން ވާހަކަ ނުދައްކާ ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުރުން ހުއްދަ ނުވާ ހުއްޓެވެ.]

މިދަންނަވާލެވުނީ لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ނަސޭހަތްޕުޅުތަކެވެ. އަރަހުށި މާތް اللّـه سبحانه وتعالى ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ގޮތަށެވެ. މިދެންނެވި ކަންތައްތަކުގެ އިތުރުން لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ނަސޭހަތްޕުޅުތައް ތާރީޚު ފޮތްތަކުގައި ބަޔާންވެގެންވެއެވެ.

އިމާމު މާލިކުގެ މުވައްޠާގައި ރިވާވެގެންވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވެފައިވެއެވެ.  [އޭ ލޯބިވާ ދަރިފުޅާއެވެ. ޢިލްމުވެރިންގެ މަޖިލީސްތަކުގައި އިށީނދެ އުޅޭށެވެ. އެބައިމީހުންނާއި ގާތްގުޅުމެއް ބާއްވާށެވެ. އޭގެ ސަބަބުން މާތްﷲ ހިތްތަކަށް ދިރުންދެއްވައި ޙިކުމަތް ވައްދަވައެވެ. އެކަލާނގެ މަރުވެފައިވާ ބިންގަނޑަކަށް އުޑުން ވާރޭފެން ވެއްސަވައި، ދިރުންދެއްވާ ފަދައިންނެވެ.]{موطأ مالك،كِتَابُ الْعِلْمِ،بَابُ مَا جَاءَ فِي طَلَبِ الْعِلْمِ،حديث رقم 1844}

އިމާމު އަޙްމަދު، ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ صلّى اللّـه عليه وسلّم  ޙަދީޘު ކުރައްވައިފައިވެއެވެ.

إِنَّ اللَّهَ عَزَّ وَجَلَّ إِذَا اسْتُوْدِعَ شَيْئًا حَفِظَهُ{مسند أحمد ابن حنبل،مُسْنَدُ عَبْدِ اللهِ بْنِ عُمَرَ رَضِيَ اللهُ عَنْهُمَا،حديث رقم 5464}

މާނައީ: [މާތްﷲ އަށް އެއްޗެއް ޙަވާލުކޮށްފިނަމަ، އެކަލާނގެ އެ އެއްޗަކަށް ރައްކާތެރިވެވޮޑިގަންނަވައެވެ.]

ދެން މިދަންނަވާލަނީ، އިބްނު ކަޘީރު، އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވާ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވައިފައިވާ ބައެއް ނަސޭހަތްޕުޅުތެކެވެ. ސަރިއްޔު ބުނު ޔަޙްޔާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތްދެއްވަމުން ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ޙިކުމަތުގެ ސަބަބުން މިސްކީނުންނަށް ރަސްރަސްކަލުންގެ މަޖިލީސްތަކުން ޖާގަ ލިބެއެވެ.]

އައުނު ބުން ޢަބްދުﷲ ގެ އަރިހުން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ދަރިފުޅު މީސްތަކުންގެ މަޖިލިސަކަށް ގޮސްފިނަމަ އެންމެ ފުރަތަމަ އެބައިމީހުންނަށް ސަލާމް ކުރާށެވެ. އެއަށްފަހު އެންމެ ފަހަށް އޮތްތަނުގައި އިށީންނާށެވެ. އެބައިމީހުން ވާހަކަ ދައްކާ ނިމުމުން މެނުވީ އިސްވެ ވާހަކަ ނުދައްކާށެވެ. އެބައިމީހުން، މާތް ރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރަނީނަމަ، އެބައިމީހުންނާ އެއްބައިވާށެވެ. އެބައިމީހުން މާތް ރަސްކަލާނގެ ހަނދުމަކުރުން ފިޔަވައި އެހެން ވާހަކައެއް ދައްކާނަމަ އެތަނަކުން ދުރުވެގެންނާށެވެ.]

ޙަފްޞު ބުނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެއްފަހަރަކު އެކަލޭގެފާނުގެ އޮއްޓަރު ގޯންޏެއް ގެންނަވައި ކައިރީގައި ބަހައްޓަވައި، އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވަންމުން ގެންދެވިއެވެ. ކޮންމެ ނަސޭހަތެއް ދެއްވުމަށްފަހު އެއިން ރެވިއޮއްޓަރެއް ނަންގަވައެވެ. އެގޮތަށް ގޮސް އެގޯނިން އޮއްޓަރު ހުސްވަންދެން އެކަންތައް ކުރެއްވިއެވެ. އެއަށްފަހު ދަރިކަލުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. [ބައްޕަ ދަރިފުޅަށް ނަސޭހަތްދީފީމެވެ. އެ ނަސޭހަތްތައް ފަރުބަދައެއްގެ މައްޗަށް އެޅިކަމުގައި ވިޔަސް އެފަރުބަދަވެސް ދެފަޅިވެގެންދާނެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 15-16}

މާލިކު ބުނު ދީނާރު ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. މާތްﷲ އަށް ކިޔަމަންތެރިވުމަކީ ދަރިފުޅުގެ ވިޔަފާރިއަށް ހަދާށެވެ. އޭރުން އެއްވެސް ވިޔަފާރި މުދައްލެއްނެތި ދަރިފުޅަށް ނަފާވާނެއެވެ.]

محمد بن واسع ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. މާތްﷲ އަށް ބިރުވެތިވާށެވެ. އަދި ދަރިފުޅުގެ ހިތް ފާޖިރުކޮށް ބާވައި، މީސްތަކުންގެ ރުހުން ހޯދުމަށްޓަކައި ދަރިފުޅު އެކަލާނގެއަށް ބިރުވެތިވާކަން އެބައިމީހުންނަށް ހާމަ ނުކުރާށެވެ.]

 أبي عثمان ވިދާޅުވެފައިވެއެވެ. ބަޞަރާގެ މީހަކު ބުނެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [ދަރިފުޅު ޖާހިލަކާ ރަޙްމަތްތެރިކަން ބާއްވަން އުއްމީދު ނުކުރާށެވެ. އެހެނީ އެފަދަ މީހަކާ ރަޙްމަތެރިވެއްޖެނަމަ، އޭނާ ޢަމަލުތަކަށް ދަރިފުޅު ރުހެނީކަމަށް އޭނާ ހީކޮށްފާނެއެވެ. އަދި ޙަކީމެއް ރުޅިނާރުވާށެވެ. އެހެނީ އޭރުން އޭނާ ދަރިފުޅާ ދުރުހެލިވެދާނެއެވެ.]

عبد الله بن زيد ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ވިދާޅުވެފައިވެއެވެ. [މާތްﷲ ގެ އަތްޕުޅުވަނީ ޙިކުމަތްތެރިންގެ އަނގަމަތީގައެވެ. މާތްﷲ ރުއްސަވާ އެއްޗެއް މެނުވީ އެބައިމީހުން ނުބުނާއެވެ.]

سفيان ވިދާޅުވެފައިވާ ކަމަށް حسن بن الجنيد ރިވާ ކުރައްވައިފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [އޭ ދަރިފުޅާއެވެ. ހަނުހުރުމަކުން ތިމަންކަލޭގެފާނު ދެރައެއް ނުވަމެވެ. ވާހަކަ ދެއްކުމަކީ ރިހި ކަމުގައިވާނަމަ ހަނުހުރުމަކީ ރަނެވެ.]

ޤަތާދާ ވިދާޅުވެފައިވެއެވެ. لقمان عليه السّلام އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވެފައިވެއެވެ. [މުންކަރާތްތަކާ ދަރިފުޅު ދުރުވެގަންނާށެވެ. އޭރުން ނުބައިކަންތައްތައް ދަރިފުޅާ ދުރުވާނެއެވެ. ނުބައިކަންތައްތައް ނުބައި ކަމެއް މެނުވީ ހޯދައިނުގަނެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 17-19}

މިއަދު އޮންލައިން