އަޅުގަނޑުމެންގެ ދެމަފިރިންގެ ދެމެދުގައި ޖެހެންފެށީ މާބޮޑެތި މައްސަލަތަކެއް ނޫނެވެ. ފިރިމީހާ ދެކޭ ގޮތުގައި އޭނާކުރާ ކަންކަމަކީ އޭނާގެ އެކަނި ނުވަތަ އަމިއްލަ ކަންކަމެވެ. އެވިސްނުން އޭނާއަށް ވިސްނައިދެނީ އޭނާ ގެންގުޅޭ އޭނާގެ އެކަނި އެކުވެރިންނެވެ. މިބުނަނީ އެއީ ކޮންބައެއްކަން އަޅުގަނޑަށް ނުއަންގައި ސިއްރުކޮށްގެން ގެންގުޅޭ އެކުވެރިންގެ ވާހަކައެވެ. އަޅުގަނޑުގެ ސުވާލަކީ ކައިވެނިކުރުމަށްފަހު މިބާވަތުގެ "އަހުރެންގެ އެކަނި" ކަންކަން ބެހެއްޓުމާ "އަހުރެންގެ އެކަނި" އެކުވެރިން ގެންގުޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ
ފުރަތަމަ ކަމަކީ "ތިމާގެ އެކަނި" ނުވަތަ އަމިއްލަ ކަންކަމަކީ ކޮބައިކަން އޮޅުވާލައިގެން އުޅޭކަމެވެ. ކައިވެނިކުރުމަށްފަހު އަމިއްލަ ކަންކަމުގެ މާނައަށް އިޙްތިރާމްކުރަންވާނެއެވެ. ކައިވެންޏަށްފަހުގައިވެސް ކޮންމެ މީހަކުވެސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެއެވެ. އަމިއްލަ ކަންކަމަކީ އެއީއެވެ.
ދެމަފިރިންކުރެ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަންކަންވެސް ތަފާތުވާނެއެވެ. އެކަމުގައި ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމްކުރަންވެސް ޖެހޭނެއެވެ. އަދި އެއީ އެކަކު އަނެކަކަށް ސިއްރުކުރަންޖެހޭ ކަމެއް ނޫނެވެ. ދެމީހުންގެ މެދުގައި މަޝްވަރާކުރަންޖެހޭ ކަމެކެވެ. ކައިވެންޏަށްފަހު ތިމާގެ އެކަނި ކަންކަމާ އަމިއްލަ އެކުވެރިން ގެންގުޅޭނަމަ އެކަމުގެ ނަތީޖާ ރަނގަޅެއް ނުވާނެއެވެ.
މިއީ އަހަރެންގެ އަމިއްލަ ކަމެއްކަމަށް ދެކެގެން ބައިވެރިޔާއަށް ސިއްރުން ކުރެވޭ ކަމަކީ ބައިވެރިޔާ ނުރުހޭ ކަމަކަށްވެދާނެއެވެ. ސިއްރުން ގުޅުން ބޭއްވެނީ ބައިވެރިޔާ ނުރުހޭ މީހަކަށް ކަމުގައިވެދާނެއެވެ. އެހެންކަމަށްވެއްޖެނަމަ އަނެކާ އެކަންކުރާކަން ފަޅާއަރާވަޤުތު ހީވެސް ނުކުރެވޭފަދަ ބޮޑު މައްސަލައަކަށް އެކަންވެގެން އެބަދެއެވެ. ވީމާ މިއީ ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭނެ ކަމެކެވެ.
ވީމާ ކައިވެނިކުރުމަށްފަހު މިކިޔާ ޕާސަނަލް ކަންކަން އެކަކުވެސް ނުގެންގުޅޭށެވެ. މާނައަކީ އެއްވެސް ކަމެއް ބައިވެރިޔާއަށް ސިއްރުނުކުރާށެވެ! އެއިރުން ލިބޭ އުފާވަރިކަމާއި ހަމަޖެހުން އެތައް ގުނައަކަށް ބޮޑުވާނެއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ދެމަފިރިންނަމަ ގެންގުޅޭ ފޯނު އަނެކާއަށް ސިއްރު އެއްޗަކަށް ނުހެދުމަކީ ދެމަފިރިންގެ މެދުގަ އިތުބާރު ބޮޑުވާނެ ކަމެއް!: ޑރ. ޢަލީ ޒާހިރު
ހަމަ އެގޮތަށް އެކަކު އަނެކަކަށް ވަރަށްބޮޑަށް ސަރީޙަ ސާފުވާންވާނެ. އޮޅުންބޮޅުންތަކާ އެކަކު އަނެކަކަށް ފޮރުވައިގެންކުރާ ކަންކަން ހުރެގެންނުވާނެ. މީވަރަށް ބޮޑަށް ޢާއިލި ދިރިއުޅުމުގާ މައްސަލަ ދިމާވާކަމެއް މިހާރު މިޒަމާނަކީ ކޮންމެމީހަކު އަތުގާ ފޯނެއް ގެންގުޅޭ ޒަމާން. މިފޯނަކީ މުޅިދުނިޔެއާ ގުޅިފާ އޮންނަޒަމާނެއް. މިފޯނުވަނީ މުޅިދުނިޔެއާ ގުޅިފަ އެތައް ބަޔަކާ ގުޅިފަ. ދެޖިންސްގެ އެތައް ބަޔަކާ ވާހަކަދައްކާ އެކިކަންކަން ހިއްސާ ކުރެވޭގޮތަށް އޮންނަ ފޯނުތަކެއްމީ.
އެހެންވީމާ މިހާރު މިފަދަޒަމާނެއްގާ އެކަކު އަނެކަކު ސިއްރުން ފޯނުގެންގުޅެންޏާ އޭގަ ޝައްކު އުފެދޭގޮތް ދިމާވާނެ އެހެންވީމާ އެއްވެސް މީހަކަށް ދެމަފިރިންވެއްޖިއްޔާ އެއީވަރަށްގާތް ދެމީހުން އެކަކު އަނެކަކަށް ފޮރުވައިގެން ސިއްރުން ކުރަންޖެހޭ ކަންކަން އޮވެގެންނުވާނެ. ކޮންމެމީހަކީ އަނެކަކުގެ ފޯނަށްވެސް ވަދެވޭ މީހަކަށް ފޯނުބެލޭމީހަކަށް ވެއްޖިއްޔާ ދެމީހުންނަށްވެސް އެއްވެސްކަހަލަ ނުތަނަވަސްކަމެއް އުދަގުލެއް އެކަންކަމުގައެއް ނުހުންނާނެ. ފޮރުވައި ގެންކުރާ އެއްވެސްކަމެއް ކަމެއް ނޯންނާނެ.
އެހެންވީމާ ދެމީހުންނަކީ އެކަކު އަނެކަކަށް އުފާވެރިކޮށް ދިރިއުޅެން އިތުބާރުކޮށްގެން ކާވެނީގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތަށް އިޚްތިޔާރުކޮށްގެން މިއުޅެނީ އެހެންވެއްޖިއްޔާ އެއިތުބާރާ ޔަޤީންކަމާއެކުގައި ކުރިޔަށްދާން މަސައްކަތް ކުރަންޖެހޭނެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
ޝައިޚްގެ ބަސްފުޅާއި ގުޅިގެން ދަންނަވަމެވެ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރި ބައެއް ދެމަފިރިންނަކީ ކޮންމެ މީހަކަށްވެސް އަނެކާގެ ފޯނު ހުޅުވައި ބޭނުންކުރުމުގެ ފުރުޞަތުދީގެން އުޅޭ މީހުންނެވެ. އެހެންނަމަވެސް އެހެނެކޭ ކިޔާފައި، އެފުރުޞަތު އޮންނާތީ އެކަކު އަނެކެއްގެ ފޯނު ހުޅުވައި ނުވެސް ބަލައެވެ. އެކަން އޮންނަނީ އިތުބާރުގެ ގޮތުގައެވެ.
މިފަދަ ދެމަފިރިންގެ މެދުގައި މައްސަލަތައް ވަރަށް މަދުކަންވެސް ފާހަގަކުރެވެއެވެ. ޝައްކުކޮށްގެން އުޅެން ނުޖެހޭތީކަމަށް ޤަބޫލުކުރެވެއެވެ.