މަރްޔަމް ސާޖިދާ
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމަކީވެސް އެކަމެއްގައި ސުންނަތް ގޮތްތަކެއް އެކުލެވިގެންވާ ކަންކަމެވެ. އޭގެތެރެއިން އެއް ކަމަކީ، އުސްތަނަކަށް އަރާއިރު އަދި ތިރިއަށް ފައިބާއިރު، މާތް ﷲ މަތިން ހަނދުމަކުރުމެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މެދުގައި ވަރަށް ބޮޑަށް ހަނދާންނެތިފައިވާ، ނަމަވެސް ޘަވާބާއި ބަރަކާތުން ފުރިގެންވާ ސުންނަތެކެވެ.
ކިޔަން ޖެހޭ ޛިކުރުތައް:
އުސްތަނަކަށް އަރާއިރު: ކިޔަންޖެހެނީ "الله أكبر" (އެންމެ ބޮޑީ ﷲ އެވެ.)
ތިރިއަށް ފައިބާއިރު: ކިޔަންޖެހެނީ " سبحان الله " ( ﷲ ގެ ޙުސްޠާހިރުވަންތަ ކަމާއެވެ!)
ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހުގެގެ އަރިހުން ރިވާވެގެންވެއެވެ. " ތިމަންމެންއުސްތަނަކަށް އަރާއިރު، ތަކްބީރު ކިޔަމެވެ. އަދި ތިރިއަށް ފައިބާއިރު ތަސްބީޙަ ކިޔަމަވެ."(ޞަޙީޙުލް ބުޚާރީ).
މިއަދުގެ ދިރިއުޅުމުގައި މިކަން ކުރެވިދާނެގޮތްތައް:
މިއީ ހަމައެކަނި ފަރުބަދަތަކަށް އަރާއިރު ކުރަން އޮތް ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމުގައިވެސް މި ސުންނަތް ދިރުވޭނެއެވެ. މިސާލަކަށް:
- ގޭގެ ސިޑިން ނުވަތަ ލިފްޓުން އަރާ ފައިބާއިރު،
- މަތިންދާބޯޓު ފުރާއިރު އަދި ޖައްސާއިރު،
- އަދި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދުވާލަކު އެތައް ފަހަރަކު ބްރިޖްމަތިން ދަތުރު ކުރާ ބަޔަކަށް ވީހިނދު އެފަދަ ވަގުތުގައިވެސް ދުލަށް ލުއި މިފަދަ ޒިކުރުތައް ކޮށްލުމުން އަޅުގަނޑުމެންނަށް އެތައް ދަރުމައާއި ޘަވާބެއް ލިބުމުގެ އިތުރުން ، ހިތްހަމަޖެހުމާއި، ދަތުރުގައި ބަރަކާތް ލެއްވުމުގެ ސަބަބެއް ކަމުގައިވެސް މިފަދަ ޒިކުރުތައް ވެގެންދެއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ އާދައަކަށް ހަދަންވީ މިފަދަ ކުދިކުދި ސުންނަތްތައް ދަސްކޮށް، އެކަންތައްތައް ދިރިއުޅުމުގެ އާދަޔަކަށް ހެދުމަށެވެ.