މުސްލިމުން އަބަދުވެސް މިތިބެނީ ﷲ ތަޢާލާގެ
ރަހްމަތަށް އެދިއެދިއެވެ. އެކަލާނގެ ރަހްމަތަށް ނުހަނު ބޮޑަށް ބޭނުންވެފައެވެ. އެހެންކަމަށްވާއިރު ފުރުތަމަ ކަމަކަށްވެސް އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ.
އެހެން މީހުންނަށް އަނިޔާވެރިވަމުން ﷲ ތަޢާލާގެ
ރަޙްމަތަށް އެދުމެއް ނެތެވެ. އެހެނީ އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ޢަމަލުތަކުގެތެރެއިންވާކަމެކެވެ.
މީސްތަކުންނޭވެ! އަނިޔާވެރިވުމަކީ ހަމައެކަނި ތަޅައި ޖިސްމާނީ އަނިޔާކުރުމެއް ނޫނެވެ. ބަޑިން ނުވަތަ ތޫނުއެއްޗަކުން ޙަމަލާދިނުމެއްވެސް ނޫނެވެ. ނެތިމޮށުމާއި ދެބައުޑުވުމަކީވެސް ކުރެވޭ އަނިޔާއެވެ. އަނބިދަރިންނަށް ނުބައި ބަސްތައް ބުނެ ހިތުގައި ޖެއްސުމަކީވެސް އަނިޔާކުރުމެވެ. މިކަންކަމަކީ ހަމަ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިބާކުރާ ކަންކަމުގައި ބަރަކާތް ލެއްވެވުމަށް، ރަޙްމަތް ލެއްވެވުމަށް އެދޭމީހާ މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. ބައެއް މީހުން ބުރަމަސައްކަތުން އަޅުކަންކުރެއެވެ. ނަމަވެސް އެހެން މީހުންނަށް އަނިޔާކުރުން ހުއްޓައެއް ނުލައެވެ. ވީމާ ކުރެވޭ އަޅުކަން އެދަނީ ފަނުފުލުންނެވެ. އެކަން އެހެންވުމަކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.
އެތައް ބައިވަރު ބައަކު ކަންބޮޑުވެގެން އުޅެނީ ތަނަވަސްކަން ނުލިބިގެންނެވެ. އަނެއްބައަކު ކަންބޮޑުވެގެން އުޅެނީ ބަލިމަޑުކަމެއްގައި އުޅެންޖެހިގެންނެވެ. އަނެއްބައަކު ކަންބޮޑުވެގެން އުޅެނީ ޢާއިލީ ދިރިއުޅުމުގައި އުފާވެރިކަމެއް ނެތިގެންނެވެ. ލޯބިބޭނުންވާ މީހުންގެ ކިބައިން ލޯތްބާއި އަޅައިލުން ނުލިބިގެންނެވެ. މިފަދަ ކޮންމެ މީހަކުވެސް ވިސްނައިލާށެވެ! އެކަންކަން މެދުވެރިވެފައިވަނީ ތިމާގެ ސަބަބުން އެހެން މީހަކަށް އަނިޔާދެވިފައިވާތީ ކަމަށްވެދާނެއެވެ. އެހެން މީހެއްގެ ހިތުގައި ޖެއްސިފައިވާތީކަމަށްވެދާނެއެވެ. ވީމާ އެމީހުންގެ ކިބައިން އަވަހަށް މާފަށްއެދޭށެވެ. ބަދަލުވެސް ދޭށެވެ. ތިބާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމަށް އެދެވެން އޮތީވެސް އެއަށްފަހުގައެވެ.
--މުފްތީ މެންކުގެ ދަރުސަކުން