އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދިނުމުން ބައްޕައަކު ދަރިފުޅަށް ދިން އަގުހުރި ނަޞީޙަތް- ކޮންމެ ދެމަފިރިއަކަށް ޢިބްރަތުން ފުރިގެންވާ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ނުދިނުމުން ބައްޕައަކު ދަރިފުޅަށް ދިން އަގުހުރި ނަޞީޙަތް- ކޮންމެ ދެމަފިރިއަކަށް ޢިބްރަތުން ފުރިގެންވާ ފިލާވަޅެއް!

އެއީ ތަނަވަސް ދެބަފައިންނެވެ. އަޚްލާޤްވެސް ރަނގަޅު ދެބަފައިންނެވެ. ދެބައިން ތިބީ ސިޓިންގރޫމްގައި ވިޔަފާރިއާއިބެހޭ ގޮތުން ވާހަކަދައްކާށެވެ. މެންދަންވެ 12 ޖެހުމުން ދެފަހަރަކު ދަރިފުޅުގެ އަނބިމީހާ އައިސް ކައިރީގައި ހުރެލާފައި ދިއުމަށްފަހު 3 ވަނަ ފަހަރަށ އައުމުން ފިރިމީހާ އައީ ރުޅިއެވެ. ހަރުކަށިކަމާއިއެކު ބުނީ ކޮޓަރިއަށް ގޮސް މަޑުކުރުމަށެވެ.

ޅީދަރިފުޅުގެ ދިފާޢުގައި ވާހަކަދެއްކީ ބައްޕައެވެ. ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! އެންމެ މުހިންމު ވިޔަފާރިއަކީ ކޮބައިކަން އަދިވެސް ދަރިފުޅަކަށް ނުވިސްނެއެވެ. ވީމާ މިބުނެދެނީއެވެ. އެންމެ މުހިންމު ވިޔަފާރިއަކީ އަނބިމީހާއެވެ. މިބުނަނީ ދެމަފިރިންގެ ދިރިއުޅުމުގެ ވާހަކައެވެ. ލޯބިން އެކުގައި ދިރިއުޅުމުގެ ވާހަކައެވެ.

ބައްޕަ ދަރިފުޅާއިއެކު މަޑުކޮށްގެން މިއިނީ އެކަން ދަރިފުޅަށް ވިސްނޭވަރުބަލަންވެގެންނެވެ. ވިޔަފާރީގެ ވާހަކަތަކަކީ ދައްކައި ކޮޅުންލާނެ ވާހަކައެއް ނޫނެވެ. ދައްކައި ދުވަހަކުވެސް ނިމޭނެ ވާހަކައެއް ނޫނެވެ. ވީމާ އެކަމަށް ގަޑީތަކެއް ކަނޑައަޅަންވާނެއެވެ. އަނބިމީހާއަށް ވަޤުތުދޭނެ ގަޑިތަކެއްވެސް ކަނޑައަޅަންވާނެއެވެ. ކުރަންހުރި ވިޔަފާރީގެ ވާހަކަތައް ނުނިމުނަސް އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ދޭންޖެހޭނެއެވެ.  

އަނބިން ގެއިން ނުކުމެގެންގޮސް ބޭރުގައި އުޅޭކަމުގެ ޝަކުވާކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. އެމީހުންނަށް ދޭންޖެހޭ އަޅައިލުން ނުދެވޭނަމަ ފުރަތަމަ ދާންފަށާނީ އެކުވެރިންގެ ގާތަށެވެ. އިތުރު ކުރިތައް ފަޅަންފަށާނެއެވެ. އެހިސާބުން އަނބިމީހާ ކުށްވެރިކުރުމަކުން ނުފުދޭނެއެވެ.  

މަންމަ އެނިޔާވީ ޢުމުރުން 65 އަހަރުގައެވެ. މަންމަ ދުނިޔޭގައި ހުރިނަމަ ކުރިމަތީގައި ހެކިކުރުވާނަމެވެ. ކައިވެނިކުރި ދުވަހުން ފެށިގެން ބައްޕަ މިބުނެދިން ގޮތަށް ބައްޕަ ޢަމަލުކުރިކަމަށެވެ. ދަރިފުޅުވެސް ބައްޕަ ކަންތައްކުރި ގޮތަށް ކަންތައްކުރާށެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުން ދެމިއޮންނާނީ އެއިރުންނެވެ. ލޯބިން އެކުގައި އުޅެވޭނީވެސް އެއިރުންނެވެ."  

މިއީ އަޅުގަނޑަށް ވިސްނޭގޮތުގައި ވަރަށް އަގުހުރި ނަޞީޙަތެކެވެ. އެންމެން ކުރަނީ ވިޔަފާރިއެއް ނޫނެވެ. ތަފާތު މަސައްކަތްތައްވެސް ކުރާނެއެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް އަނބިންނަށް ވަޤުތުދިނުމަށް ހޭލުންތެރިވާށެވެ. ކުރަން ހުންނަ ކަންކަން ހުހެއްނުވާނެއެވެ. އަނބިމީހާއަށް ދޭންޖެހޭ ވަޤުތު ދިނުމަކީވެސް ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކޮށްގެން ނޫނީ ވަޤުތެއް ނުދެވޭނެއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން