މިހުރީ ދިރިއުޅެން މަސައްކަތެއް ނުކުރާ މީހަކާ ކައިވެނިކުރަން ބައްޕަ ދެކޮޅުހަދައިފިނަމަ ބައްޕައާ ދެކޮޅުވުމުގެ ކުރިން ވިސްނާލަންޖެހޭނެ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
މިހުރީ ދިރިއުޅެން މަސައްކަތެއް ނުކުރާ މީހަކާ ކައިވެނިކުރަން ބައްޕަ ދެކޮޅުހަދައިފިނަމަ ބައްޕައާ ދެކޮޅުވުމުގެ ކުރިން ވިސްނާލަންޖެހޭނެ ކަންކަން!

ލޯބިވެރިޔާއަކީ ވަޒީފާއަދާނުކުރާ، އަދި އާމްދަނީ ހޯދަން މަސައްކަތް ނުކުރާ މީހަކުނަމަ ވަލީދޭން ގިނަ ބައްޕައިން ދެކޮޅުހަދާނެއެވެ. ފަސްޖެހޭނެއެވެ. އެއީ ދެމީހުން އެކަކު އަނެކަކު ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އާމްދަނީ ނުހޯދައި ދިރނުއުޅެވޭނެތީއެވެ. ދެމަފިރިން ދިރިއުޅެންކުރަންޖެހޭ ޚަރަދުތައް ނުކުރެވޭނެތީއެވެ.  

ބައެއް މީހުން އެބަ ބުނެއެވެ. ލޯބިވުމާ ފައިސާއާ އެއްވެސް ގުޅުމެއް ނެތެވެ. އެއީވެސް ތެދެކެވެ. އެކަމަކު ލޯބިން އެކުގައި އުޅެން ފައިސާ ބޭނުންވެއެވެ. ލޯބިވާވަރަށް ބަލައި އެއްޗެއް ނުލިބޭނެއެވެ. އަދި އެއްވެސް ޚީދުމަތެއްވެސް ނުދޭނެއެވެ. އެއީ ހަމައެކެނި އެދެމީހުންގެ މެދުގައި އޮންނަ ކަމެކެވެ. ތަނަވަސްކަން ކުޑަވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އާމްދަނީ ހޯދަން މަސައްކަތް ނުކުރުމެވެ.   

ބައިންބަފައިން ދަރިން ބަލައި ބޮޑުކުރަނީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. އެމީހުން މުސްކުޅިވާ ދުވަހު އަޅާލައި އެހީތެރިވެދޭނެކަމުގެ އުންމީދަކީ އެންމެ ބޮޑު އުންމީދެވެ. ހަމައެއާއިއެކު ވިސްނާލަންޖެހޭނެ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ މާލީ ގޮތުން ދަތިޙާލަތެއްގައި ދަރިފުޅަށް އުޅެންޖެހިފައިވުމުން މައިންބަފައިންނަށް އެހީތެރިނުވެވޭތީ ކުރާ އަސަރަށްވުރެ ދަރިން ދަތި ހާލުގައި އުޅެންޖެހޭނަމަ އެކަމުން މައިންބަފައިންނަށް ކުރާ އަސަރު މާބޮޑުވާނެ ކަމެވެ.  

މިފަދަ އެތައް ބައިވަރު މައްސަލަތަކެއް ހުއްޓައިވެސް ލޯބީގެ އަވާގައި ޖެހި ދިރިއުޅެން މަސައްކަތްނުކުރާ މީހަކާއި ކައިވެނިކުރަން ބޭނުންވެގެން ބައެއް ކުދިން ޝަކުވާތައް ކުރެއެވެ. ވަލީދޭން ބައްޕަ ދެކޮޅު ހަދާކަމުގެ ޝަކުވާތަކެވެ.  

މިފަދަ މައްސަލަތަކަށް ޖަވާބު ދެއްވަމުން ބައެއް ޢިލްމުވެރިން ފާހަގަކުރައްވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.  

ފުރަތަމަ ކަމަކީ ކައިވެނިކުރުމަށްފަހު އަނބިމީހާގެ ޚަރަދުތައް ބެލެހެއްޓުމާއި ދިރިއުޅޭނެ ތަނެއް ދެއްކުމަކީ ފިރިމީހާއަށް ކުރަންޖެހޭނެ ކަމެކެވެ. އެކަންކަން ކުރަން ނުކުޅެދޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.  

ދެވަނަކަމަކީ ވަޒީފާއެއް ނެތުމެވެ. ވަޒީފާއެއް ނެތް ނަމަވެސް ކުރެވިދާނެ މަސައްކަތްހުންނާނެއެވެ. ވީމާ އެމީހަކީ އާމްދަނީ ހޯދަން މަސައްކަތްކުރާ މީހަކަށްވާންޖެހޭނެއެވެ. ލިބޭ އާމްދަނީ މަދުވުމަކީ މައްސަލައެއް ނޫނެވެ. މައްސލައަކީ އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރުމެވެ.  

ތިންވަކަމަކީ ލޯބިވެގެން އުޅޭއިރު އެމިހާގެ ކިބައިގައި ހުންނަ އުނިސިފަތައް ނުފެންނާނެ ކަމެވެ. ލޯބްބަކީ ކަނުއެއްޗެއްކަމަށް ބުނަނީ އެހެންވެގެންނެވެ. މިހާރު ފާހަގަ ނުކުރެވޭ ވަރަށް ގިނަ ކަންކަން ކައިވެނިކުރުމަށްފަހު ފާހަގަކުރެވެން ފަށާނެއެވެ.

ހަތަރުވަނަކަމަކީ ކައިވެނި ރޫޅިއްޖެނަމަ އެނބުރިދާންޖެހޭނީ މައިންބަފައިންގެ ގާތަށެވެ. ވީމާ މައިންބަފައިންގެ ރުހުމާއި ނުލައި ކައިވެނިކުރުމަކީ ފަހުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. ވީމާ މައިންބަފައިންނާއި އަލުން ކުރިމަތި ނުލެވޭނެ ގޮތަކަށް ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. އެންމެ ބޮޑު މައްސަލައަކަށްވަނީ މައިންބަފައިންނާއި ދެކޮޅަށް ކުރާ ކައިވެނި ރޫޅިގެން އެނބުރި މައިންބަފައިންގެ ގާތަށް ދާންޖެހިއްޖެ ނަމަ ބަލައިގަންނަން ގިނަ މައިންބަފައިން ދެކޮޅުހަދާކަމެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން