ތަނަވަސްކަމުގަ ދިރިއުޅެމުން އަންނަ ދެމަފިރިންނެވެ. ކައިވެންޏަށް އަހަރުވީތަނާ ދަރިއަކު ލިބުނެވެ. އެއަށްފަހު ދަރިއަކު ނުލިބެއެވެ. ދަރިފުޅަށް 6 އަހަރުގައި އެކުގައި އުޅޭނެ ކުއްޖަކަށް ދަރިފުޅު އެދެން ފެށުމުން އެކުވެރިންގެ ގާތުގައި އެވާހަކަދައްކަމުން ދަނިކޮށް އެކުވެރިއަކު 7 އަހަރުގެ ކުއްޖަކު ހޯދައިދިނެވެ. އެއީ މަންމައެއް އަދި ބައްޕައެއް ނެތް ކުއްޖަކަށްވުމުން ހެޔޮކޮށް ހިތުން ޝަރުޠުކޮށެވެ.
ކިޔަވައިދީ އަމިއްލަދަރިއަކު ފަދައިން ބަލަހައްޓައިދޭނެކަމަށް ވަޢުދުވީނަމަވެސް ސްކޫލަކަށް ނުފޮނުވައެވެ. ގޭގެ ކަންކަން ކުރުވައެވެ. އެކުއްޖާއަށް ލިބޭ ހަމައެކަނި އުފަލަކީ ގޭގެ ކުއްޖާ ބޭނުންވުމުން އޭނާއާއިއެކު ކުޅެލެވޭ ކަމެވެ.
ކުރުކޮށްލާނަމެވެ، އެއީ އާދައާ ޚިލާފަށް ރީތި ކުއްޖެކެވެ. ދުވަސްތައް މާޒީވަމުން ގޮސް އެކުއްޖާއަށް 19 އަހަރުވީތަނާ ގެއަށް އައިސް އުޅޭ ތަނަވަސްމީހެއްގެ ދަރިފުޅު އޭނާއަށް ޝައުޤުވެރިވެ ކައިވެނިކުރިއެވެ. އެކުއްޖާއަށް ހަމަޖެހުމެއް ލިބުނީ އެހިސާބުންނެވެ. ފިރިމީހާއަކީ ވަރަށް ރަނގަޅު މީހަކަށްވީކަން އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަޞީބެކެވެ.
ކައިވެންޏަސްފަހުގައިވެސް އެގެއަށް ދެއެވެ. އެއީ އެކުވެރި ކުއްޖާއާއި އޮންނަ ގާތް ގުޅުމެއްގެ ތެރެއިންނެވެ. އެގޮތުން އެގެއަށް ދިއަރެއަކު އެގޭގައި އިން މީހަކަށް އެގެއިން އެކުއްޖާއާއިމެދު ކަންކަން ކުރި ގޮތް ނުއެނގިހުރެ ކިޔައިދިނެވެ.
"ދައްތަ ދުނިޔޭގައި ނެތްދުވަހުވެސް ދައްތަގެ ދަރިފުޅު ތިއަހައި ރަނގަޅަށް ގެންގުޅެ ބޮޑުކޮށް ރަނގަޅު ފިރިއަކު ހޯދައިދިންކަން އެއީ ތިއަ ދެމަފިރިން ދައްތައަށް ކޮށްދިން ވަރަށް ހެޔޮ ކަމެކެވެ. އެކަމަށް ޙައްޤު ޖަޒާ ތިއަ ދެމަފިރިންނަށް ދެއްވަވާނެތެވެ. ދައްތަ އިންޑިއާއަށް އުޅުން ބަދަލުކުރީ ބަލިވެއިނުމުން އެކަން ފޮރުވާށެވެ. ދަރިފުޅު ވިހާފައި ނިޔާވީއެވެ. ކުއްޖާއާއި ޙަވާލުވެ ގެންގުޅުނީ މުސްކުޅި ދެމަފިރިންނެވެ. އެދެމަފިރިން ކުއްޖާ ވަރަށް ލޯބިން ގެންގުޅެމުން އައިސް މުސްކުޅިވެ ބެލޭނެ ގޮތެއް ނެތިފައި ތިއްބައި އަހުރެމެންގެ އެކުވެރި ވަޙީދު ތިއަ ދެމަފިރިންނަށް ކުއްޖާ ގެނެސްދިނީއެވެ. ވަޙީދަކަށްވެސް ކުއްޖާގެ ޙަޤީޤަތެއް ނުއެނގޭނެއެވެ. އެނގޭނީ އެމުސްކުޅި ދެމަފިރިންގެ ކުއްޖެއް ކަމަށެވެ. މިހާރު އެދެމަފިރިންވެސް ނިޔާވެއްޖެއެވެ. އޭނާގެ އައިޑީކާޑު ބަލާށެވެ! ބައްޕަގެ ނަމެއް ނުއިންނާނެއެވެ. މަންމަގެ ނަމަށް ވިސްނިނަމަ އެއީ ދައްތަކަން އެނގޭނެއެވެ."
އޭނާގެ ވާހަކަ ނިމުނުއިރު އަންހެން މީހާއަށް އިނީ ރޮވިފައެވެ. އެއީ އެހައިނިކަމެތިކޮށް ގޭގައި މިގެންގުޅެވުނީ ދައްތަގެ ދަރިފުޅުކަން އެނގުމުންނެވެ. ދައްތައަށް ދަރިއަކު ލިބުނުކަންވެސް އެނގުނީ އެވަޤުތުއެވެ. ޙަޤީޤަތަކީ ގޭގެ އަންހެންމީހާގެ ތަނަވަސްކަމުން އެކުއްޖާއަށް ލިބެންޖެހޭނެ ކަމެވެ. އަދި އެގެއިން ބައެއްވެސް ކުއްޖާގެ މަންމައަށް ލިބެންޖެހޭނެ ކަމެވެ. ނަމަވެސް އެކުއްޖާ އެއިން އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެއެވެ. ފިރިމީހާ ބުނީތީ ދައްތައަށް ދޫކޮށްލީއެވެ.
މިޙާދިސާއިން އެންމެންވެސް ޙާޞިލުކުރަން އޮތް އެންމެ ބޮޑު ޢިބްރަތަކީ ކިޔަވައިދީ ރަނގަޅު ގޮތުގައި ބަލަހއްޓާނެކަމަށްބުނެ އެކަން އެގޮތަށް ކުރުމެވެ. އެއީ ޢާއިލާގެ ކުއްޖަކަށްވެދާނެ ކަމަށްޓަކައެއް ނޫނެވެ. އެއީ ކުދިންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބަކަށްވާތީއެވެ. މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށެވެ.
މިވާހަކަ މިއަދުނޫހަށް ޙިއްޞާމިކުރަނީ ކުއްޖާގެ ޙަޤީޤަތް އެދެމަފިރިންނަށް ކިޔައިދިން މީހާއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް