ކޮންމެ ބައެއްގެ ތެރޭގައިވެސް ނުރަނގަޅު ބައަކު އުޅޭނެއެވެ. އެހެންވެ މައިންގެ ތެރޭގައިވެސް ރަނގަޅު ނޫން ބައަކުވެސް އުޅޭނެއެވެ. އެކަމަކު އެއީ ޢާންމުގޮތެއްގައި ވަރަށް މަދުން ކުރިމަތިވާ ކަމެކެވެ.
މިޘާލަކަށް އެކެއްގެ މަންމަގެ ކިބައިން ދެމަފިރިންގެ ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވަނީއެވެ. އެކަން ދެމީހުންނަށްވެސް ޔަޤީންކުރެވޭނަމަ ނުބައި ބަހެއް ބުނެވިދާނެއެވެ. އެއީ ކުރަން ަރނގަޅު ކަމެއް ނޫން ނަމަވެސް މެދުވެރިވެދާނެ ކަމެކެވެ. އެފަދަ ޙާލަތުގައިވެސް ބަސްބުނަން އޮތީ ވިސްނުންތެރިކަމާއިއެކުގައެވެ. ކޮންމެހެން ބުނަންޖެހޭނެ މިންވަރަށެވެ. ނޫންނަމަ ގިނަފަހަރު އޮންނާނީ ހިތާމަކުރަންޖެހިފައެވެ.
އަހުރެންނަށް އެނގޭ މިންވަރަށް ބަލާއިރު އަނބިމީހާއަށް ނުބައިބުނާތީ ހިތްދަތިކަން ލިބޭއިރުވެސް ކެތްތެރިވާ އަނބިންނަށްވެސް އެމީހުންގެ މަންމައަށް ނުބައިބަސްބުނުމުން ކެތްތެރިކަން ކޮޅުންލައެވެ. އެކަން ފިރިހެނުންނަށްވެސް މެދުވެރިވާނެއެވެ. ސަބަބަކީ މަންމަގެ މައްޗަށް ހިތުގައި އޮންނަލޯބީގެ ބޮޑުކަމުންނެވެ.
މިކަމަށް ދެމަފިރިންވެސް ސަމާލުކަންދޭންވާނެއެވެ. އަނެކާގެ މަންމައާއިމެދު ހިތްހަމަނުޖެހި އެކަމުގެ ވާހަކަ ދެއްކުމުގެ ތެރެއިންވެސް ދުލުން ނުބައިބަސް ނުބުނާށެވެ. އެކަމުން ބައިވެރިޔާއަށް ކުރާ އަސަރުގެ ސަބަބުން މެދުވެރިވާ ކަންކަން މާބޮޑުވާނެއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ހަށިގަނޑުގައި މަންމަގެ ލޭ ދައުރުކުރާތީއެވެ. މައިމީހާގެ ބަނޑުގައި އޮތުމުގެ އިތުރަށް 2 އަހަރުވަންދެން ނުވަތަ އެއަށްވުރެ ކުރުމުއްދަތަކަށް ނަމަވެސް ގާތުން ދިނުމުން އުފެދޭ ލޭ ޢުމުރަށްވެސް އެމީހަކާއިއެކުގައި ވާނެއެވެ.
މިވާހަކަ ބުނެލަން މިޖެހުނީ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިގެން ދެބަސްވާއިރުވެސް ބައެއް މީހުން ވިސްނާނުލައި އަނެކާގެ މަންމައަށް ނުބައިބަސްބުނާތީއެވެ. އެކަމުގެ ސަބަބުން މައްސަލަ ބޮޑުވެ ކައިވެނި ރޫޅެންވެސް މެދުވެރިވާތީއެވެ. ވިސްނާލަންވީ ތިމާގެ މަންމައާއިމެދު އެފަދަ ބަސްތައް ބުނާނަމަ ތިމާއަށް ކުރާނެ އަސަރާއިމެދުގައެވެ.
ވީމާ މިއީ ކުޑަކަމެއް ނޫނެވެ. އެންމެ ބޮޑު ކަމެކެވެ. އެންމެންވެސް ސަމާލުކަންދޭންޖެހޭ ކަމެކެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން