ދުޢާކުރުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން!: ޝައިޚް އާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 19ސ
ދުޢާކުރުމާއިމެދު އެނގުން މުހިންމު ބައެއް ކަންކަން!: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ބައެއް ނަބީބޭކަލުން ދުޢާކުރެއްވުމާއެކު އެވަގުތުން ވަގުތަށް އިޖާބަ ލިބުނު ވާހަކަ އަޅުގަނޑުމެން ކިޔަމެވެ. ސުބްޙާނަﷲ! ތިބާއަކީ ނަބީބޭކަލެއް ނޫނެވެ. އެހެންކަމުން އެފަދަ އުންމީދެއް ނުބާއްވާށެވެ. އެހެނަސް، ބައެއް ފަހަރު ނަބީބޭކަލުންގެ ދުޢާ އިޖާބަކުރެއްވުން ވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ލަސްކުރައްވަވައެވެ. 

މިސާލަކަށް އައްޔޫބު ޢަލައިހިއްސަލާމްގެ ވާހަކައަށް ބަލަމާ ހިނގާށެވެ. ﷲ އެކަލޭގެފާނު އިމްތިޙާން ކުރެއްވިއެވެ. މުޅި ހަށިކޮޅުގައި ބަލިތައް ޖެހި، ބޮޑު މުޞީބާތެއް ކުރިމަތިވިއެވެ. އަނބިކަނބަލުން ފިޔަވައި މުޅި ޢާއިލާ ނިޔާވިއެވެ. އަދި މުއްސަނދިކަމަށްފަހު ފަގީރުވިއެވެ. މި މުޞީބާތުގައި އެކަލޭގެފާނު 18 އަހަރު ހޭދަކުރެއްވިއެވެ. އެއަށްފަހު، އެކަލޭގެފާނު ކެތްތެރިވެވަޑައިގަތުމުން، ﷲ އެކަލޭގެފާނަށް ހުރިހާ ނިޢުމަތްތަކެއް އަލުން ދެއްވިއެވެ. އަދި އެކަލޭގެފާނަކީ ކެތްތެރިއެއްގެ ގޮތުގައި ﷲ ޘަނާ ވިދާޅުވިއެވެ. 

(މިތަނުގައި ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ! ދުޢާކުރެއްވެވީ އެދިގު މުއްދަތަށްފަހުގައެވެ. ދުޢާކުރެއްވެވުމުން ޢިޖާނަކުރެއްވެވިއެވެ. ދުޢާ ނުކުރައްވަވާއިރުވެސް ޝިފާއަށް ބޭނުންފުޅުވެވަޑައިގަންނަވާކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުވެސް ދުޢާކުރައްވަވަންދެން މަޑުކުރެއްވެވީއެވެ. މިކަމުންވެސް އެނގެނީ ޙާޖަތެއް ޖެހުމުން ދުޢާކުރުމުގެ މުހިންމުކަމެވެ.)

ދެވަނަ ކަމަކީ، އަޅުގަނޑުމެން ﷲ ގެ ހަޟްރަތުން ކަމަކަށް އެދޭއިރު، އެއީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ނިންމުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. "އަޅުގަނޑު ބޭނުންވާ ގޮތަށް ނުވަތަ އެއްގޮތަކަށްވެސް ނުވުން" މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކަމެއް ފުރިހަމަވެއްޖެނަމަ ﷲ އަޅުގަނޑުދެކެ ލޯބިވެވޮޑިގަންނަވަނީ ކަމަށާއި، ކަމެއް ނުވެއްޖެނަމަ އަޅުގަނޑަކީ ބަދުނަސީބުވެރިއެއް ނުވަތަ ﷲ އަޅުގަނޑުދެކެ ކޯފާވެވޮޑިގަންނަވަނީ ކަމަށް ހީކުރުމަކީ ބާތިލު ވިސްނުމެކެވެ.  

އަޅުގަނޑު ﷲ ގެ ހަޟްރަތުން ރީތި ކާރަކަށް އެދި ދުޢާކޮށްފާނަމެވެ. ނަމަވެސް އެ ކާރު ލިބޭ ގޮތެއް ނުވެއެވެ. އެކަމާ ދެރަވެގެން ނުވާނެއެވެ. ސަބަބަކީ އަޅުގަނޑުމެން ދުޢާކުރާ ކޮންމެ ކަމަކަށް ތިން ގޮތުންކުރެ އެއްގޮތަކަށް ﷲ އިޖާބަ ދެއްވާނެކަން ޞައްޙަ ޙަދީޘުން އެނގެން އޮތުމެވެ. 

ފުރަތަމަ ގޮތް: ދުޢާކުރާ ކަންތައް ވަގުތުން ފުއްދަވައިދެއްވުން. މިސާލަކަށް ކާރަކަށް އެދުމުން، މަސައްކަތްކުރާ ތަނުން ނުވަތަ މީހަކު ދޭ ހަދިޔާއެއްގެ ގޮތުގައި އެ ކާރު ލިބިދާނެއެވެ.

ދެވަނަ ގޮތް: ދުޢާކުރާ ކަންތައް ނުލިބިދާނެއެވެ. ނަމަވެސް، ތިބާއަށް ކުރިމަތިވާން އޮތް ބޮޑު ބައްޔަކުން ނުވަތަ ބޮޑު ޚަރަދަކުން ﷲ ތިބާ ސަލާމަތްކޮށްދެއްވައެވެ. ތިބާއަށް ނޭނގުނު ކަމުގައިވިޔަސް، ތިބާ ކުރި ދުޢާގެ ސަބަބުން އެ މުޞީބާތް ދުރުކޮށްދެއްވީއެވެ.

ތިންވަނަ ގޮތް: ދުޢާ ކުރި ކަންތައް މި ދުނިޔޭގައި ނުލިބި، އަދި ބޮޑު މުޞީބާތެއް ދުރުވިކަންވެސް ނޭނގި ހުރެދާނެއެވެ. އެކަމުގެ އަޖުރު އޮތީ ޤިޔާމަތް ދުވަހުގައެވެ. އެދުވަހުން ތިބާގެ ހެޔޮކަމުގެ ފަތް ފެންނައިރު، ތިބާ ނުކުރާ އެތައް ހެޔޮކަމެއް ފެންނާނެއެވެ. އެއީ ތިބާ ދުނިޔޭގައި ކުރި ދުޢާތަކަށް އިޖާބަދެއްވުމުގެ ގޮތުން ﷲ ރައްކާކުރައްވާފައިވާ ޘަވާބެވެ.

 

- ޝައިޚް އާސިމް އަލް ޙަކީމްގެ ދަރުސަކުން   

މިއަދު އޮންލައިން