ކަންބޮޑުވުންތަކަށާ ބަލިތަކަށް ޤުރްއާނުން ޝިފާހޯދަން މުސްލިމުން ޢަމަލުކުރަން އޮތްގޮތް!: ޑރ. އުމަރު ސުލައިމާން

ކިޔުމަށް ހޭދަވާނީ 2މ 42ސ
ކަންބޮޑުވުންތަކަށާ ބަލިތަކަށް ޤުރްއާނުން ޝިފާހޯދަން މުސްލިމުން ޢަމަލުކުރަން އޮތްގޮތް!: ޑރ. އުމަރު ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެންގެ ދީނުގެ ނަޒަރިއްޔާތުން މިކަމަށް ފުންކޮށް ބަލާލަން ބޭނުމެވެ. މުސްލިމުންގެ ހައިސިއްޔަތުން، މިފަދަ މައްސަލަތަކަށް އަޅުގަނޑުމެން ހޯދާ ހައްލުތަކަކީ ތަފާތު ހައްލުތަކެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ޢަޤީދާއަކީ ވަރަށް ޚާއްޞަ އެއްޗަކަށް ވާތީއެވެ. އަޅުގަނޑުމެން ގަބޫލުކުރާ ކަންކަމަކީ އެހެން ބަޔަކަށް ދެނެގަންނަން އުނދަގޫވެދާނެ ކަންކަމެވެ. އަޅުގަނޑުމެން ގަބޫލުކުރަނީ ހުރިހާ ހެޔޮކަމެއް އަންނަނީ މާތްﷲގެ ހަޟުރަތުން ކަމެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ގުޅިފައިވަނީ ތައުޙީދުގެ މަތިވެރި އަސާސްތަކާ ކަމެވެ. ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެންނަށް އޮތް އެންމެ ރީތި ނަމޫނާއަކީ ރަސޫލުﷲ ﷺ ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެހެންކަމުން، މި މައްސަލައަށް އަޅުގަނޑުމެން ބަލާ ގޮތް، އެހެން މީހުން ބަލާ ގޮތާ ތަފާތުވާން ޖެހެއެވެ. 

މިކަމުގައި އަޅުގަނޑުމެން އުސޫލަކުން ފަށަމާ ހިނގާށެވެ. އެއީ 'ރައްކާތެރިވުމާއި' އަދި 'އިއާދަކުރުމާއި' ދެމެދުގައިވާ ތަފާތެވެ. ރައްކާތެރިވުމަކީ ދަތިކަމެއްގެ ތެރެއަށް ވެއްޓުމުގެ ކުރިން އެކަމުން ސަލާމަތްވުމެވެ. އިއާދަކުރުމަކީ ކަމެއް ދިމާވުމަށްފަހު އެކަމުން އަރައިގަތުމެވެ. 

ޝައްކެއްނެތް ގޮތުގައި، ކީރިތި ޤުރުއާނަކީ ދިރިއުޅުމުގައި ދިމާވާ އެތައް ތަކުލީފުތަކަކުން ރައްކާތެރިކޮށްދޭ ވަސީލަތެކެވެ. ހިތުގައި ޤުރުއާން ނެތުމަކީ ހިތާމައާއި ހުސްކަން އިހުސާސްވާނެ ކަމެކެވެ. މިއީ ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ އެތެރެހަށީގައި (ހިތުގައި) ޤުރުއާނުގެ އެއްވެސް މިންވަރެއް ނެތް މީހާގެ މިސާލަކީ، ފަޅުވެ ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ." ވީރާނާވެފައިވާ ގެއެއްގެ އެއް ފާރު މަރާމާތުކޮށްލުމަކުން އެކަނި އެ ގެއަކީ ފުރިހަމަ ތަނަކަށް ނުވާނެއެވެ. ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އަސާސެވެ. އެއީ ހިތްހަމަޖެހުމާއި، ދިރިއުޅުމުގެ މަގުސަދު ބަޔާންކޮށްދޭ އެންމެ ވަރުގަދަ ވަސީލަތެވެ. 

ދެން އޮތީ 'އިއާދަކުރުން' ނުވަތަ 'ޝިފާ' އެވެ. މާތްﷲ ކީރިތި ޤުރުއާން ސިފަކުރައްވާފައިވަނީ "ހިތްތަކުގައިވާ ބަލިތަކަށްވާ ޝިފާއެއް" ގެ ގޮތުގައެވެ. ޖިސްމާނީ ބަލިތަކަށް ޤުރުއާނުން ފަރުވާ ލިބޭ ހެއްޔެވެ؟ އާދެ! ލިބެއެވެ. ރުޤްޔާ ކުރުމަކީ އޭގެ ހެއްކެކެވެ. ނަމަވެސް، މި ހިސާބުން ވަރަށް މުހިންމު ނުކުތާއެއް ފާހަގަކޮށްލަން ޖެހެއެވެ. ޤުރުއާނަކީ ޝިފާއެއް ކަމަށް ބުނުމުގެ މާނައަކީ، ބަލިތަކަށް ހޯދަންޖެހޭ އެހެނިހެން ފަރުވާތަކާއި ބޭސްފަރުވާ ދޫކޮށްލުމެއް ނޫނެވެ. ބޭސް ބޭނުންކުރަމުން ޤުރުއާން ކިޔަވައިގެން ޝިފާ ހޯދުމަކީ މަނާކަމެއް ނޫނެވެ. 

އިންސާނާ އުފެދިފައިވަނީ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ އަދި އިހުސާސްތަކުގެ މައްޗަށެވެ. މި ހުރިހާ ބަޔަކަށްވެސް އޭގެ ޙައްޤު ދޭންވާނެއެވެ. އިބްނުލް ޤައްޔިމް ފަދަ ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ގޮތުގައި، ހިތާމަވެރިކަމުގެ ޝަކުވާ ކުރި އަންހެން ބޭފުޅަކަށް 'ތަލްބީނާ' (ބާލީ ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެއް) ބޭނުންކުރުމަށް ރަސޫލުﷲ ﷺ އިރުޝާދު ދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ އެއީ ހިތާމައިގެ ބައެއް ފިލުވައިދޭ އެއްޗެއް ކަމުގައެވެ. މިއިން އެނގެނީ ހިތާމައާއި ދަތިތަކުން އަރައިގަތުމަށްޓަކައި ޝަރުޢީ ހަމަތަކުގެ މަތިން އެހެން ވަސީލަތްތައް ބޭނުންކުރުމަކީ ހުއްދަ ކަމެއް ކަމެވެ.

މުސްލިމަކަށް ވާތީ، މި ހުރިހާ ކަމެއްގެ ތެރޭގައިވެސް ޤުރުއާނަކީ އަސާސީ ބައެކެވެ. މީހަކު ދަތިކަމެއްގައި ހުއްޓާ، ހަމައެކަނި ސޫރަތުއްޟުޙާ ކިޔަވާށޭ ބުނެ އެހެން ކަންކަމަށް އިހުމާލުވުމެއް ނޫނެވެ. ނަމަވެސް އެމީހާގެ ފަރުވާގެ އެންމެ މުހިންމު އެއް ބަޔަކީ ޤުރުއާން ކަމުގައި ހެދުމެވެ.

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން