ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލުﷲ ﷺ ދަސްކޮށްދެއްވާފައިވާ ވަރަށް މުހިންމު ދުޢާއެއް ފާހަގަކޮށްލާނަމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި ގޮތުގައި، މި ދުޢާ ކިޔައިފި މީހެއްގެ ހިތާމައާއި ދަތިކަން އުފާވެރިކަމަށް މާތްﷲ ބަދަލުކޮށްދެއްވާނެއެވެ.
އެ ދުޢާއަކީ:
اللهمَّ إنِّي عبدُك، ابنُ عبدِك، ابنُ أمَتِك، ناصيتي بيدِك، ماضٍ فيَّ حُكمُك، عدلٌ فيَّ قضاؤُك، أسألُك اللهمَّ بكلِّ اسمٍ هو لك سمَّيتَ به نفسَك، أو أنزلته في كتابِك، أو علَّمته أحدًا مِن خلقِك، أو استأثرت به في علمِ الغيبِ عندَك، أن تجعلَ القرآنَ ربيعَ قلبِي، ونورَ صدرِي، وجلاءَ حزني، وذَهابَ همِّي وغمِّي
މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ހަމަކަށަވަރުން ތިމަންއަޅާއަކީ އިބަރަސްކަލާނގެ އަޅަކީމެވެ. އިބަރަސްކަލާނގެ ފިރިހެން އަޅެއްގެ އަދި އަންހެން އަޅެއްގެ ދަރިއަކީމެވެ. ތިމަންއަޅާގެ ނިތްކުރި (އިސްތަށިގަނޑު) ވަނީ އިބަރަސްކަލާނގެ އަތްޕުޅުގައެވެ (އެބަހީ: ތިމަންއަޅާގެ ހުރިހާ ކަމެއްގެ މައްޗަށް އިބަރަސްކަލާނގެ ކުޅަދުންވަންތައެވެ). ތިމަންއަޅާގެ މައްޗަށް އިބަރަސްކަލާނގެ ކުރައްވާފައިވާ ޙުކުމްފުޅު ހިނގާނެއެވެ. އަދި ތިމަންއަޅާގެ މައްޗަށް އިބަރަސްކަލާނގެ ކުރައްވާފައިވާ ނިޔާއަކީ ޢަދުލުވެރި ނިޔާއެކެވެ. އިބަރަސްކަލާނގެ އަމިއްލަ ޒާތުފުޅަށް ދެއްވާފައިވާ، ނުވަތަ ފޮތެއްގައި ބާވައިލައްވާފައިވާ، ނުވަތަ މަޚްލޫޤުންގެ ތެރެއިން މީހަކަށް ދަސްކޮށްދެއްވާފައިވާ، ނުވަތަ އިބަރަސްކަލާނގެ ޢިލްމުލްޣައިބުގައި ރައްކާކުރައްވާފައިވާ ކޮންމެ ނަންފުޅެއްގެ ޙުރުމަތުގައި ތިމަންއަޅާ ދަންނަވަމެވެ. ކީރިތި ޤުރުއާނަކީ ތިމަންއަޅާގެ ހިތުގެ ރަބީޢު (އެބަހީ: ހިތަށް އުފާވެރިކަން ގެނެސްދޭ ބަހާރު މޫސުން) ކަމުގައި ލައްވާށިއެވެ! އަދި ތިމަންއަޅާގެ މޭގެ ނޫރު ކަމުގައާއި، ހިތާމަތައް ފިލުވައިދޭ ވަސީލަތް ކަމުގައި ލައްވާށިއެވެ!"
މި ދުޢާގައި 'ޙުޒުން' އަކީ ވޭތުވެދިޔަ ކަންކަމާ މެދު ކުރެވޭ ހިތާމައެވެ. 'ހައްމު' އަކީ ކުރިމަގާ މެދު ކުރެވޭ ފިކުރާއި ބިރުވެރިކަމެވެ. މިއީ ހަމައެކަނި ކިޔާލާ ދުޢާއެއް ނޫނެވެ. މިއީ ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ޝިފާ ކަމުގައި ލެއްވުމަށް އެދި ކުރެވޭ ދުޢާއެކެވެ.
އަޅުގަނޑުގެ ގޮންޖެހުމަކީ މިއީއެވެ: ކީރިތި ޤުރުއާނަކީ ތިބާގެ ދުވަހީ ދިރިއުޅުމުގެ ބަޔަކަށް ހަދައިފިނަމަ، ދެ މަސް ފަހުން ތިބާގެ ހިތަށް ލިބޭ ހަމަޖެހުމާއި، ދިރިއުޅުމަށް އަންނަ ބަރަކާތް ތަފާތުވާނެއެވެ. ދުވާލަކު ދެ ސަފުހާ ކިޔެވި ކަމުގައިވިޔަސް، އެކަން ދޫނުކޮށް ކުރިއަށް ގެންދާށެވެ. ޤުރުއާނަކީ ހިތްތަކުގެ ބިންގަލެވެ.
ނަމަވެސް، ތިޔަބޭފުޅާގެ ދުވަސް ކީރިތި ޤުރުއާނުން ފަށްޓަވައިފިނަމަ، ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ބައްލަވާށެވެ. އޭރުން ތިޔަބޭފުޅާގެ އެތެރެހަށީގައި ބިނާއެއް ބިނާވަމުންދާކަން އިޙްސާސް ކުރެވޭނެއެވެ. މިއީ ރަސޫލާ صلى الله عليه وسلم ސިފަކުރެއްވި "ފަޅުވެފައިވާ ގެއެއްގެ" މިސާލާ މުޅިން ޚިލާފު ކަމެކެވެ. އަދި ސުބުޙާނަﷲ، ނިންމާލަމުން ދަންނަވާލަން އޮތީ، ޢިލްމުވެރިން ކީރިތި ޤުރުއާނާ ބެހޭގޮތުން ވާހަކަދައްކަވާއިރު، އެބޭފުޅުންނަށް ދިމާވި ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިވެދިން ތަފާތު ސޫރަތްތަކުގެ ވާހަކަ ފާހަގަކުރައްވައެވެ. ކީރިތި ޤުރުއާނަކީ ކޮންމެ ޙާލަތަކަށްވެސް، މާތް ﷲގެ ވަޙީބަސްފުޅުތަކާއި އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުންގެ ޢަމަލުފުޅުތަކުގެ އަލީގައި މަގުދައްކައިދޭ ފޮތެކެވެ.
މީގެ މާނައަކީ ކޮބައިތޯއެވެ؟ ކޮންމެ ޙާލަތެއްގައިވާ މީހަކަށްވެސް، އެބަހީ މަގުއޮޅިފައިވާ މީހަކަށްވިޔަސް، ދަތި އުނދަގުލެއްގައި އުޅޭ މީހަކަށްވިޔަސް، ނުވަތަ ކާމިޔާބީގެ އެންމެ އުހުގައި ނުވަތަ ނާކާމިޔާބީގެ ތަޅުމުގައި ހުރި މީހަކަށްވިޔަސް، އެމީހެއްގެ ޙާލަތު މާތް ﷲ ވަނީ ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުން އެފަދަ ޙާލަތްތަކުގައި ޢަމަލުކުރެއްވި ގޮތްވެސް އަންގައިދެއްވައެވެ. އެހެންކަމުން، ޤުރުއާނުގެ އެއްވެސް މިންވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅުންނެތް އެއްޗެއް ނޫނެވެ. ދިރިއުޅުމުގެ އެއް މަރުޙަލާއެއްގައި ތިޔަބޭފުޅާއަށް ސޫރަތުލް ޔޫސުފުން ހިތްހަމަޖެހުން ލިބިދާނެއެވެ.
އަނެއް ވަގުތެއްގައި ތިޔަބޭފުޅާގެ ހިތަށް ބޭނުންވަނީ ސޫރަތުއް ރަޙްމާން ކަމުގައި ވެދާނެއެވެ. ނުވަތަ ސޫރަތުއް ޟުޙާ ކަމަށްވެސް ވެދާނެއެވެ. ކުރިން މާ ބޮޑަށް އަހުލުވެރި ނޫން ޤުރުއާނުގެ ބައިތަކާވެސް ތިޔަބޭފުޅާ ގުޅުން އުފެދިގެން ހިނގައިދާނެއެވެ. ނަމަވެސް، މާތް ﷲގެ އިރާދަފުޅާއެކު، ތިޔަބޭފުޅާ ގަވާއިދުން ޤުރުއާން ކިޔަވަން ފެށުމުން، އެކަލާނގެ ފޮތާ އޮންނަ ގުޅުން ބަދަހިވެ، ދިރިއުޅުމުގައި ހުރި ނުތަނަވަސްކަމާއި ފުސްކަން ފިލައިދާނެއެވެ. ދިރިއުޅުމުގެ މަގުގައި ކުރިއަށްދާ މީހަކަށް ކަންކަން ސާފުކޮށް އެނގުމަކީ ނުހަނު މުހިންމު ކަމެކެވެ. ކީރިތި ޤުރުއާނަކީ ކަންކަން ސާފުކޮށްދޭ ފޮތެކެވެ. އަދި އޭގައިވާ މުޢުޖިޒާތްތަކަކީ އެއްވެސް ސައިންސް ފޮތަކަށް ބަޔާންކޮށްދެވޭނެ ކަންކަމެއް ނޫނެވެ.
މާތް ﷲ އަޅުގަނޑުމެންގެ ހިތްތަކުގެ ބަހާރުކަމުގައްޔާއި، މޭތަކުގެ ނޫރުކަމުގައްޔާއި، ހިތާމަތަކާއި ދަތިތަކުން މިންޖުކޮށްދޭ ވަސީލަތެއް ކަމުގައި ކީރިތި ޤުރުއާން ލައްވާށިއެވެ. އާމީން.
- ޑރ. އުމަރު ސުލައިމާންގެ ދަރުސަކުން