މުފްތީ މެންކް: ކިޔަވަން އޮތްގޮތަށް ޤުރްއާން ކިޔަވާނަމަ ހިތަށް ހަމަޖެހުމާ ޝިފާ ލިބުމުގެ އިތުރަށް ކުރިމަތިވާ މާލީ ދަތިތަކުންވެސް އަރައިގަނެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
މުފްތީ މެންކް: ކިޔަވަން އޮތްގޮތަށް ޤުރްއާން ކިޔަވާނަމަ ހިތަށް ހަމަޖެހުމާ ޝިފާ ލިބުމުގެ އިތުރަށް ކުރިމަތިވާ މާލީ ދަތިތަކުންވެސް އަރައިގަނެވޭނެ! އިން ޝާ ﷲ

ހުސްވަޤުތެއް ލިބޭއިރަށް ޤުރްއާނުން ކިތަންމެ ކުރު ސޫރަތެއް، ނުވަތަ އާޔަތެއް ނަމަވެސް ކިޔަވަން ބުނެފިނަމަ އެކަން ޤަބޫލުކޮށް ޢަމަލުކުރާ މީހުން މަދެވެ. އެއީ އެކަމުން ތިމާއަށް ކުރަން އޮތް ބޮޑު ފައިދާ ނުވިސްނޭތީއެވެ.  

ކީރިތި ޤްރްއާން ކިޔަވާ މީހަކަށް ޙާޞިލު ނުވާނެ އެއްވެސް ކަމެއް ނެތްކަމެވެ. މިއީ އެންމެ ބޮޑަށް ޔަޤީންކުރަންޖެހޭނެ އެއް ކަންތަކެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ޤަބޫލުކުރެވޭ ގޮތް ތަފާތުވަނީއެވެ. އެހެންކަމުން ހީކުރެވިފައި އޮންނަނީ އެއީ ހަމައެކަނި އަޅުކަމެއް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  

އެއްވެސް ޝައްކެއް ނެތް ގޮތުގައި ކީރިތި ޤްރުއާން ކިޔެވުމަކީ އަޅުކަމެކެވެ. ވަރަށް  މަތިވެރި އަޅުކަމެކެވެ. ކޮންމެ މުސްލިމަކު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ކީރިތި ޤްރުއާނުގެ އެންމެ އަކުރެއް ކިޔެވުމަކީވެސް 10 ޘަވާބު ދެއްވަވާ އަޅުކަމެކެވެ.  

އެއިގެ އިތުރުން ކީރިތި ޤްރުއާން ކިޔެވުމަކީ ހިތަށް ލިބޭ ޝިފާއެކެވެ. އެއިގެ އިތުރުން ތިމާއަށް ޖެހިފައިވާ ބަލިތަކުން ސަލާމަތްވުމަށް ވެސް ކީރިތި ޤްރުއާން ކިޔެވުން ގިނަކުރާށެވެ! އެހެނީ ކީރިތި ޤްރުއާން ކިޔެވުމަކީ ބަލިތަކަށް އޮތް ޝިފާއެކެވެ. މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. ކީރިތި ޤްރުއާނުގައި ﷲ ތަޢާލާ ވަނީ މިކަން ބަޔާން ކުރައްވަވައިފައެވެ. މަޑުމައިތިރިކަމާއި ވިސްނުންތެރިކަމާއިއެކު ކިޔަވާށެވެ. ނަތީޖާ ފެންނާނެއެވެ.  

ރަމަޟާން މަސް އައުމުން މުސްލިމުން ކީރިތި ޤްރުއާން ކިޔެވުން އިތުރުކުރެއެވެ. ނަމަވެސް އެކަމުން ލިބެން އޮތް ހަޤީޤީ ފައިދާތަކަށް ވިސްނައިގެން ކިޔަވަނީ މަދު މީހެކެވެ. ނަތީޖާއަކީ ލިބެންޖެހޭ ފައިދާ ފުރިހަމައަށް ނުލިބުމެވެ.  

ދާދިފަހުން ބައްދަލުވި މީހަކު ބުނީ އޭނާއަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެ ގޭގެ ކުލި ނުދެއްކިގެން ގެއިން ނުކުންނަން ޖެހޭ ހިސާބަށް ކަންކަން ދިއުމުން ކީރިތި ޤްރުއާން ކިޔެވުން އިތުރުކުރި ކަމަށާއި އޭނާއަށް ކުރިމަތިވި މައްސަލަތައް ދާދި އަވަހަށް ހައްލުކުރެވި ކުލި ދެއްކޭނެ ގޮތް ހަމަޖެހުނު ކަމަށެވެ. މިފަދަ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. އެތައް ބައަކު ތަޖުރިބާކުރަމުން ގެންދާ ކަމެކެވެ.  

ރަމަޟާން މަސް ކައިރިވަމުން އައިއިރު ބުނި ފަދައިން ބަލަންވީ ވީހައި ގިނަ ޚަޠިމް ކުރުމަކަށް ނޫނެވެ. މަސައްކަތްކުރަންވީ ތިމާގެ ހިތަށް އަސަރުކުރާނެ ގޮތަށް ކިޔެވުމަށެވެ. އެގޮތަށް ކިޔެވުމުން އެކަމުގެ ހިތްހަމަ ޖެހުން އެމީހަކަށް ލިބޭނެއެވެ. ކިޔަވައި ނިމިގެން ތެދުވާއިރު އެކަން އެމީހަކަށް އިޙްޞާޞްވެސް ކުރެވޭނެއެވެ! ވީމާ ވީހައި ގިނަ ފައިދާ ލިބޭނެ ގޮތަށް ކިޔަވަން މަސައްކަތްކުރާށެވެ! ކިޔަވައި ނިމިގެން ދުޢާކުރަން ހަނދާން ނައްތައިނުލާށެވެ! ތިމާ ކިޔެވި ކިޔެވުން ޤަބޫލުފުޅު ކުރެއްވެވުން އެދިވެސް ދުޢާކުރާށެވެ! އެކަމަށް އެދި ދުޢާ ކުރެވޭނެ ފެންވަރުގައި ކިޔަވާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން