ފަތިސްނަމާދަށް ހޭލަން ކުރަންޖެހޭ މަސައްކަތް ނުކޮށް ނިދާނަމަ އެމީހާވާނީ ހޭލަން ބޭނުންނުވާ މީހަކަށް! އެއީ ކުރެވޭ ކުށެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފަތިސްނަމާދަށް ހޭލަން ކުރަންޖެހޭ މަސައްކަތް ނުކޮށް ނިދާނަމަ އެމީހާވާނީ ހޭލަން ބޭނުންނުވާ މީހަކަށް! އެއީ ކުރެވޭ ކުށެއް!

ބައެއް މީހުން ބުނަނީ ފަތިސްނަމާދު ނުކުރެވުނީ ނުހޭލެވުމުން ކަމަށެވެ. އެހެންބުނާއިރު ނުދަނީ ފަތިސްނަމާދަށް ހޭލަން ކުރަންޖެހޭ މަސައްކަތްތައް ނުކޮށެވެ. މިސާލަކަށް ފޯނު ނުވަތަ ގަޑިސޯނާ ނުކޮށެވެ. އަދި ހޭލައްވަން މީހަކު ގާތު ނުވެސް ބުނެއެވެ.  

އެކަމުން އެނގެނީ ހޭލަން އޭނާ އެއްވެސް މަސައްކަތެއް ނުކުރާނަމެވެ. ކޮންމެ މީހަކީވެސް އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރަން މަސައްކަތްކުރާނެ މީހެކެވެ. ފަތިސް ނަމާދަށް ހޭލަން ބޭނުންވާ މީހާ އެކަމަށް މަސައްކަތްކުރާނެއެވެ. އަދި ދަމުނަމާދަށް ހޭލަން ބޭނުންވާ މީހާވެސް އެކަމަށް މަސައްކަތްކުރާނެއެވެ. މަސައްކަތްނުކުރާނަމަ އެއީ ކުރަން ބޭނުންވާ މީހަކަށް ނުވާނެއެވެ.  

މުސްލިމުންނަކީ ފަތިސްނަމާދަށް ހޭލަން މަސައްކަތްކުރަންޖެހޭނެ ބައެކެވެ. ދުވަސް ފަށަން އޮތީ ފަތިސްނަމާދުންނެވެ. ވީމާ ނިދަންވާނީ ފޯނު ނުވަތަ ގަޑި ސޯނާކޮށް ފަތިހު ހޭލަން ކުރެވެންހުރި ކަންކަން ކުރުމަށްފަހުގައެވެ.  

ޒުވާނަކު ބުނީ އޭނާއަށް ފަތިސްނަމާދަށް ހޭލެވެންފެށީ އެކުވެރިއަކު އޭނާއަށް ގުޅައި ހޭލައްވަން ފެށީމައި ކަމަށެވެ. ވީމާ އެއީވެސް ހޭލަން ކުރެވިދާނެ ކަމެކެވެ. ހަމައެއާއިއެކު މީހަކު ފަތިސްނަމާދަށް ހޭލައްވައިޑޭނަމަ އެމީހަކަށްވެސް އެކަމުގެ ޘަވާބު ދެއްވަވާނެތެވެ.  

ދެމަފިރިންނަށް ބަލައިފިނަމަ ނުހޭލެވިގެން ނަމާދުނުކުރެވުމަކީ މައްސަލައެކެވެ. އެކަމުން އެނގެނީ އެކަކުވެސް ފަތިސްނަމާދުނުކުރާ ކަމެވެ. ހަމައެއާއިއެކު ފަތިސްނަމާދަށް ހޭލެއްވުމުން ރުޅި ނުއަންނާށެވެ. ފަތިސްނަމާދަށް ތިމާ ހޭލައްވައިދޭ ބައިވެރިޔާއަކީ ތިބާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާ ހެޔޮލަފާ ބައިވެރިއެކެވެ. އެފަދަ ބައިވެރިންގެ އަގުވަޒަންކުރަންވާނެއެވެ.

ފަތިސްނަމާދަށް ނުހޭލުމަކީ ކުރެވޭ ކުށެކެވެ. ކުރަން ޖެހޭ މަސައްކަތްކޮށް، އެކަމަށް ނިޔަތް ގަނެގެން ނިދުމުން ނޫނީ އެކުށުން ސަލާމަތެއް ނުވެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން