ޢާއިޝަތު ރަފާޙް ޢަލީ
ޢަބްދުﷲ އިބްނު ޝައްދާދު (ރަޙިމަހުﷲ) ރިވާކުރައްވާފައިވާ ގޮތުގައި، އެއްދުވަހަކު އެކަލޭގެފާނު ފަތިސް ނަމާދަށް ވަޑައިގެންނެވިއިރު ވަރަށް ބޮޑަށް ލަސްވެއްޖެއެވެ. އެހެންކަމުން އެކަލޭގެފާނަށް ނަމާދުގައި ބައިވެރިވެވަޑައިގެންނެވުނީ އެންމެ ފަހު ސަފުތަކުންނެވެ. އެއީ އުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރެވެ. އެކަލޭގެފާނު ނަބިއްޔާ ﷺ ގެ މިސްކިތްކޮޅަށް ވަދެވަޑައިގަތީ އުމަރުގެފާނުގެ ފަހަތްޕުޅުގައި ނަމާދު ކުރެއްވުމަށެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ވަޑައިގަތްއިރު ލަސްވެފައިވާތީ (ބެލެވޭ ގޮތުގައި ދެވަނަ ރަކުޢަތުގައި) ހުންނެވީ އެންމެ ފަހު ސަފުގައެވެ. އެދުވަހު އުމަރުގެފާނު ނަމާދުގައި ކިޔަވައިވިދާޅުވަނީ ސޫރަތުލް ޔޫސުފެވެ. އުމަރުގެފާނު إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّهِ) މާނައީ: ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ شكوى ދަންނަވާކަން ކަށަވަރީ، ހަމައެކަނި اللَّه އަށެވެ. މި އާޔަތް ކިޔަވައިވިދާޅުވާން ފެއްޓެވިއެވެ.
ދެން އެހިނދު، އަމީރުލް މުއުމިނީން ޢުމަރުގެފާނު ޚުޝޫޢަތްތެރިކަމާއެކު ގިސްލާ ކީރިތިކުރައްވަން ފެއްޓެވި އަޑުފުޅު، އެންމެ ފަހު ސަފުގައި ހުރި ތިމަންކަލޭގެފާނަށް އިވޭހާ ބާރުވެގެން ދިޔައެވެ. ސުބްޙާނަﷲ އެވެ! އެއްވެސް ކަހަލަ އަޑުގަދަކުރާ ނިޒާމެއް ނެތްކަމުގައި ވިޔަސް، އެކަލޭގެފާނު ކީރިތިކުރައްވާ އަޑުފުޅު މުޅި މިސްކިތުގެ ތެރޭގައި ގުގުމާލިއެވެ. އެކަލޭގެފާނު ކެތްތެރިކަން އިސްކުރައްވައި، އަލުން ކިޔަވައިވިދާޅުވުމަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް، ކީރިތިކުރެއްވޭލެއް ބޮޑުކަމުން އެކަން ކުރެއްވޭގޮތް ނުވިއެވެ. މިފަދައިން ތަކުރާރުކޮށް އެކަލޭގެފާނަށް ކީރިތިކުރެއްވުނެވެ.
ވިސްނަވާށެވެ. ތިޔަބޭފުޅުން އިމާމެއްގެ ފަހަތުގައި ނަމާދަށް ތިއްބަވަނިކޮށް، އެ އިމާމަކު މިފަދަ އާދަޔާޚިލާފު ގޮތަކަށް ކީރިތި ކުރައްވާން ފައްޓަވައިފިނަމަ، ނަމާދު ނިމުމުން އެ އިމާމެއްގެ ކައިރިއަށް ގޮސް، ބުރަކަށީގައި އަތްޖައްސާލައި، "ﷲ ކަންކަން ފަސޭހަކޮށްދެއްވާށި" އޭ ނުވަތަ "ކަމެއް ގޯސްވީތޯ" އަހާލުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އެކަމަކު ޞަޙާބީންގެ އާދަކާދައަކީ ކީރިތި ޤުރުއާނާ އެފަދަ ގާތް ގުޅުމެއް ބޭއްވުމެވެ.
އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލާށެވެ. އުމަރުގެފާނު އެވަރަށް އެ ކީރިތި ކުރެއްވީ ކޮންކަމަކާ ހެދިބާވައެވެ؟ އެއީ ޔަޢުޤޫބު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފް ޢަލައިހިއްސަލާމްއާ ވަކިވެވަޑައިގަންނަވަން ޖެހުމުން ލިބިވަޑައިގެންނެވި ހިތާމަ ހިތްޕުޅަށް އަރައިވަޑައިގަތުމުން ހެއްޔެވެ؟ ނުވަތަ ކީރިތި ރަސޫލާ ﷺ ގެ ހަނދުމަފުޅު އާވެގެން ހެއްޔެވެ؟
އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމުން ލިބުނު ހިތާމަ، އުމަރުގެފާނު އަވަހާރަވަންދެންވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި ދެމިއޮތެވެ. ނުވަތަ އުމަރުގެފާނުގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަމަކާ އެ އާޔަތާ ގުޅުންހުރީ ހެއްޔެވެ؟ އެކަލޭގެފާނުގެ ބޭފުޅަކު އާލާސްކަންފުޅާ އުޅުއްވީ ހެއްޔެވެ؟ އެއްވެސް މީހަކަށް އެނގިފައިނުވާ ފަދަ ބޮޑު ތަކުލީފެއް އެކަލޭގެފާނު އުފުއްލަވަނީ ބާވައެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބަކީ، މިއިން ކޮންމެ ކަމަކީވެސް އެކަލޭގެފާނު ކީރިތި ކުރެއްވި ސަބަބަށް ވެދާނެ ކަމެވެ. އެއީ އެބޭކަލުން ކީރިތި ޤުރުއާނާ ބޭއްވި ގާތް ގުޅުމެވެ.
މިހާރު އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންގެ ތެރެއިން ދިރިއުޅުމުގެ އުނދަގޫ ވަގުތުތަކުގައި ސޫރަތުލް ޔޫސުފުން ހިތްހަމަޖެހުން ލިބުނު ބޭފުޅުން އަތްމައްޗަށް ނަންގަވާށެވެ. (ގިނަ ބަޔަކު އަތް މައްޗަށް ނެގިއެވެ). ވަރަށް ރަނގަޅެވެ. އެހެން ސޫރަތަކުން އެފަދަ ހިތްހަމަޖެހުމެއް ލިބުނު ބޭފުޅަކު އެބަހުރިތޯއެވެ؟ ކޮން ސޫރަތެއްތޯއެވެ؟ (އެއްބަޔަކު ސޫރަތުއް ޟުޙާގެ ނަން ބުނެއެވެ). އަދި އެހެން ބޭފުޅަކު؟ އާދެ، ސޫރަތުއް ތަޣާބުން. ސޫރަތުއް ޒުމަރު. މިގޮތަށް ގޮސް މުޅި ޤުރުއާނުގެ ހުރިހާ ސޫރަތްތަކެއްގެ ނަންވެސް ތިޔަބޭފުޅުން ވިދާޅުވެދާނެއެވެ. އެއީ ވަރަށް އުފާވެރި ކަމެކެވެ. ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި އެކި ސޫރަތްތަކުން ތިޔަބޭފުޅުންގެ ހިތާ ވާހަކަދައްކާނެއެވެ.
ދެން އަޅުގަނޑާ ވަރަށް ގިނައިން ކުރެވޭ ސުވާލަކާ މެދު ވާހަކަދައްކާލާނަމެވެ. ކީރިތި ޤުރުއާނަކީ ނަފްސާނީ ބަލިތަކަށް (ޑިޕްރެޝަނަށް) އޮތް ޝިފާއެއް ހެއްޔެވެ؟ މިއަދު އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔޭގައި، ޚާއްޞަކޮށް ބަލިމަޑުކަމަކަށްފަހު، ނަފްސާނީ ދުޅަހެޔޮކަމަކީ އެންމެ މުހިންމު އެއް ކަމަށް ވަނީ ވެފައެވެ. ނަފްސާނީ ބަލިތަކާއި، ހިތާމަޔާއި، ހިތްހަމަނުޖެހުމާ ބެހޭ މިފަދަ ސުވާލުތަކުގެ ސަބަބުން، އަޅުގަނޑުމެން މިކަންކަމާ މެދު ފުންކޮށް ވިސްނައި ހައްލު ހޯދަން މަޖުބޫރުވެއެވެ.
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ، އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިލަމުންދާ އެންމެހައި ފަރާތްތަކަށް ފަސޭހަކޮށްދެއްވާށިއެވެ. އާމީން. އަޅުގަނޑުމެންގެ މި ވާހަކަކޮޅު ބިނާވެފައިވަނީ ކީރިތި ޤުރުއާނާއި، މާޔޫސްކަމާއި، ހިތާމައާއި، މިފަދަ އެންމެހައި ކަންކަމާ ހުރި ގުޅުމުގެ މައްޗަށެވެ.