ޙަދީޘްފުޅުން އެނގެން އޮތީ މީހަކަށް ނުވަތަ
މީސްތަކުންނަށް އެހީތެރިވުންމަތީގައި މީހަކު ހުރިނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުންމަތީގައި ﷲ ތަޢާލާ ދެމިވިޑިގެންވާކަމެވެ. ނަމަވެސް އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟
ގިނަ ބައަކަށް ޢަމަލުކުރެވެމުން މިއަންނަނީ ދިމާ އިދިކޮޅަށެވެ. ބަލަނީ މީހަކަށް ދެރައެއް ދެވޭތޯއެވެ. ގެއްލުމެއް ދެވޭތޯއެވެ. ދެމަފިރިން އުފަލުގައި ދިރިއުޅެމުން ދަނިކޮށް އެއުފާވެރިކަން ނައްތާލައި ބިލާހަކަށް ހެދޭތޯއެވެ.
މިވާހަކަ މިހެން ދެއްކީމާ ގިނަ ބައަކަށް ވިސްނޭނީ އެބުނަނީ ދެއަންތބަށް ކައިވެނިނުކުރުމުގެ ވާހަކަ ކަމަށެވެ. މިދައްކަނީ އެވާހަކައެއް ނޫނެވެ. ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި އުފާވެރިކަން ގެއްލުވައިލާ މީހުން މަދެއް ނޫނެވެ.
އެހެން މީހުންގެ އުފާތަކަށް ހުރަސް އަޅަމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރާނީ ކިހިނަކުން ހެއްޔެވެ؟ މީހަކަށް ދެރައެއް ދެވިދާނެއެވެ. އެއީ އިންސާނުންނަށް އިޚްތިޔާރު ދެއްވަވާފައިވާކަމެކެވެ. އެކަމަކު ބުނަންހެއްޔެވެ؟ ދެރަ ލިބޭނީ ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާފައިވާނަމައެވެ.
އަދި އިންސާނުންނަށް ދެއްވަވާފައިވާ އިޚްތިޔާރުގެދަށުން މީހަކަށް ދެރައެއް ދެވުނަސް ޙަޤީޤަތުގައި އެދެރަ އެލިބެނީ އެމީހަކަށެވެ. އެހެނީ އެމީހާ އެކުރާ ނުބައިކަމުގެ ބަދަލު އަނެކާއަށް ދޭންޖެހޭނެ ދުވަސް އަންނާނެތީއެވެ.
ވީމާ އެހެން މީހަކަށް ދެރައެއްދޭން އެއްވެސް ކަމެއް ނުކުރާށެވެ! އެދެރަ އެލިބެނީ އެކަންކުރި މީހަކަށެވެ. ދެރަ ލިބުނު މީހާއަށް އެކަމުން ކުރާނީ ފައިދާއެވެ! ޚާއްޞަކޮށް ދެމަފިރިއެއްގެ ދެމެދަށްވަދެ އެދެމަފރިންގެ އުފާވެރިކަން ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! އެއީ ދެމީހުންގެ މެދުގައި މައްސަލަ ޖެހޭނެ ވާހަކައެއް ދެއްކުމުން ނަމަވެސްމެއެވެ. އެފަދަ ކަމެއްކޮށްފައި ތިމާއަށް އުފަލުގައި ދިރިއުޅެވޭނެކަމަށް ހީވެސް ނުކުރާށެވެ!
--މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން