ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ރޭގަނޑުގެ ފަހުދަންފަޅިއަކީ އަތުގައި އޮތް ކާޑު ތިބާއެދޭ ކުލައަކަށް ބަދަލުކޮށްލުމަށް ލިބޭ އެންމެ އަގު ބޮޑު ފުރުޞަތެވެ. މިހައި ތަނަށް ދުނިޔޭގައި އުޅެވުނު ގޮތުން ލިބެން ޖެހޭ ގަދަފަދަ ޢަޛާބު ސުވަރުގޭގެ މަތިވެރި ނިޢްމަތަށް ބަދަލުކޮށްލުމުގެ ފުރުޞަތު އެންމެ ބޮޑު ވަޤުތެވެ. ހިތާމަތައް އުފާވެރިކަމަށް ބަދަލުކޮށްލަންވެސްމެއެވެ. ދަތިޙާލުން އަރައިގަތުމަށާއި ބަލިތަކަށް ޝިފާލިބިގަތުމަށްވެސްމެއެވެ.
ރޭގަނޑުގެ ފަހުދަންފަޅިއަކީ އެކަމަށް ﷲ ތަޢާލާ ޚާއްޞަ ކުރައްވަވާފައިވާ ވަޤުތެވެ. އެކަމަށް އެންމެ ބޮޑަށް މަގުފަހިކޮށްދެއްވަވައި ފުރުޞަތު އިތުރުކޮށްދެއްވަވާފައިވާ ވަޤުތެވެ. މިހެން މިބުނަނީ ކޮންމެ ކަމަކަށް އެދިގެންވެސް އެވަޤުތު ދަންނަވަން ﷲ ތަޢާލާ އެދިވޮޑިގަންނަވާތީއެވެ. "ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދޭ މީހުން ކޮބައިތޯ" އެވަޤުތު ސުވާލުކުރައްވަވާތީއެވެ.
ވީމާ މިހައި ތަނަށް ދުނިޔޭގައި އުޅެވިފައިވަނީ ނުކިޔަމަންތެރި އަޅެއްގެ ގޮތުގައި ކަމަށްވެ އެކަންކަމަށް ހިތާމަކުރަން ޖެހޭ ފަދަ ގޮތަކަށް ނަމަވެސް މާޔޫސް ނުވާށެވެ! އަވަހަށް ކާޑު ފުށުންޖަހައިލާށެވެ.
ޝައިޠާނާއަށް ރަތްކާޑު ދައްކައި ފައްސައިލާށެވެ. އަދި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށާށެވެ. އެއިރުން ތިބާގެ ނިތްކުރީގައި ގަދަ އައްޔަކުން ފެހި ކާޑު އަބަދުވެސް އިންނާނީ ދިއްލިފައެވެ. މުޅި ދުނިޔެއިން ކަރަންޓް ކެނޑުނު ނަމަވެސް އެ އަލި ނިއްވައެއް ނުލެވޭނެއެވެ! އަދި ކިއެއްތަ! ނަރަކައިގެ އެ ހޫނު ގަދަ އަލިފާނަށްވެސް އެ ދަންމަރަށް ހަމަ އެއް ގޮތެއްވެސް ހަދައި ނުލެވޭނެއެވެ! ކައިރިވެސް ނުވެވޭނެއެވެ! އެއީ ތިބާ ގިނަގިނައިން ނަމާދުކުރަން ފެށުމުން ނިތްކުރީގައިލާ ކުރަގަނޑެވެ. ނަރަކައިގައި މީހާގެ ހަށިގަނޑު ތާއަބަދު އަނދަމުންދާއިރުވެސް ގައިގެ ހަންގަނޑު ބަދަލުވަމުންދާއިރުވެސް އެ ކުރަގަނޑުގައި އަލިފާނަކަށް ނުހިފޭނެއެވެ!
ދެން ބުނެލަން އޮތީ ކިތަންމެ ގިނައިން
ނަމާދުކުރިޔަސް ނިތްކުރީގައި ކުރަނުލާ ބައަކުވެސް އުޅެއެވެ. އެކަމަށް ދެރަނުވާށެވެ! ކުރަ އަހަރެމެންނަށް ނުފެންނަނީއެވެ. ތިބާގެ ނިތްކުރިއަށް އެކުރަ ފެންނާނެއެވެ. އަދި ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނަށްވެސް ފެންނާނެއެވެ. އިން ޝާ ﷲ
ވީމާ ކޮންމެރެއަކީވެސް ޝައިޠޯނާއަށް ނޫނެކެވެ ބުނެ ހިތްވަރުކޮށްފައި ތެދުވެ ކުރެވުނުހައި ގިނަ ނަމާދުތަކެއް ކުރާ ރެއަކަށް ހަދާށެވެ! ޛީކުރުކޮށް ދުޢާކުރާ ރެއަކަށް ހަދާށެވެ! އަބަދުވެސް އެ އަޒުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން