ތިބާގެ ކުރިމަތީގަ ތިބާއަށް ތައްރީފްކުރާ މަދުމީހަކު ނޫނީ ބަލަމުން ގެންދާނީ ތިބާ އިނދަޖައްސައިލެވޭނެ ވަޤުތަކަށެވެ. ވައްޓާލައި މޫނު ބިންމަތީގައި ޖައްސައިލެވޭނެ ފުރުޞަތަކަށެވެ.
ޔަޤީންކުރާށެވެ! އެމީހުންނަށް ކަމަކަށް ބޭނުންވުމުން އެމީހުން ތިބާއާއި ގާތްވާނެއެވެ. އެކަމަކު ތިބާއަށް ކަމަކަށް ބޭނުންވުމުން އެމީހުން ގެއްލޭނެއެވެ. ނުވެސް ގުޅޭނެއެވެ. ނުވެސް ފެންނާނެއެވެ. މިއީ މިކަންކަން ހިނގަމުންދާ ގޮތެވެ.
އެކަމަކު ތިބާ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކޮށްފިނަމަ ތިބާއާއި މާބޮޑަށް ﷲ ތަޢާލާ ކުއްތަންވެވޮޑިގަންނަވާނެއެވެ. ތިބާކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ. ތިބާގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ. ތިބާއާއިއެކު ދެމިވޮޑިގެންވާނެތެވެ.
ވީމާ މީހުންގެ ފަހަތުން ދުވުން އަވަހަށް ހުއްޓައިލާށެވެ! ތިބާ ހިނގާފައި ﷲ ތަޢާލާ ކުއްތަންވުމަށް މަސައްކަތްކުރާނަމަ ﷲ ތަޢާލާ ތިބާގެ ފަހަތުން ދުވެވޮޑިގަންނަވާނެކަން ޙަދީޘްފުޅުން އެނގެން އޮތްއިރު ﷲ ތަޢާލާއާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!
އެއްވެސް މީހަކާއި ކައިރިވާން މަސައްކަތްކުރާނަމަ އެމީހަކީ ތިބާއާއި ﷲ ތަޢާލާ އާއި ކުއްތަން ކުރުވަން ގަދައަޅައި މަސައްކަތްކުރާނެ މީހަކުކަން ޔަޤީންކުރާށެވެ. ދުނިޔެވެސް އަދި އާޚިރަތްވެސް ކާމިޔާބުވުން އޮތީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން