މޮޅުވާންވީ ކޮންކަމަކުންތަ؟: ޝައިޚް ފަހްދު އަލް ކުންދްރީ

ކިޔުމަށް ހޭދަވާނީ 6މ
މޮޅުވާންވީ ކޮންކަމަކުންތަ؟: ޝައިޚް ފަހްދު އަލް ކުންދްރީ

ޢާއިޝަތު ރަފާޙް ޢަލީ 

" އަޅުގަނޑުގެ ޢިއްޒަތްތެރި ޝައިޚް، މުސްލިމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް އިސްލާމްދީނުގެ ތަޢާލީމުތަކާ އެއްގޮތަށް ދިރިއުޅުމަކީ ވާޖިބެކެވެ. ނަމަވެސް، ވަކި ދާއިރާއެއްގައި ތަފާތުވެ، ފާހަގަކޮށްލެވޭ މީހަކަށްވުމާއި، އާންމު އިންސާނެއްގެ ގޮތުގައި ދިރިއުޅުމާ ދެމެދު ޝަރުޢީ ގޮތުން އިޚްތިޔާރު ކުރަންޖެހޭ ވަކި ގޮތެއް އޮތްތޯ އަޅުގަނޑަށް އޮޅުން ފިލުވައިދެއްވުން އެދެމެވެ." 

ޖަވާބު:

ހަމަކަށަވަރުން، އިސްލާމްދީނަށް މިފަދަ ޤާބިލު އަދި ހުނަރުވެރި ފަރުދުން ބޭނުންވެއެވެ. އެއީ އެބައިމީހުންނަށް އިސްލާމްދީނުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެތީއެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރެއްވީ އެކަލާނގެއަށް އަޅުކަންކުރުމަށާއި، ބިން އާބާދުކުރުމަށެވެ. އެހެންކަމުން، އަޅުގަނޑުމެން ވާންޖެހޭނީ އަޅުކަމުގައި އަދި ބިން އާބާދުކުރުމުގައިވެސް ތަފާތު، އުފެއްދުންތެރި ބަޔަކަށެވެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަށް ބިން އާބާދުކުރެވޭނީ ވަކި ދާއިރާތަކުގައި ހުނަރުވެރި އަދި ފިކުރު ހުރި ބަޔަކަށް ވުމުންނެވެ. 

އަޅުގަނޑުގެ ބައްޕަ އަބަދުވެސް ބާރުއަޅުއްވަނީ އަޅުގަނޑު ހަމައެކަނި އަޅުގަނޑުގެ މުޅި ދިރިއުޅުމުގައި އެކަންޏެއް ނޫނެވެ. އެހެނެއްކަމަކު، ކޮންމެ ދުވަހަކުވެސް ތަފާތު، ފައިދާހުރި މީހަކަށް ވުމަށެވެ. ބައްޕަ ވިދާޅުވެފައިވެއެވެ: "ތިބާގެ ބޮލުގައި ބާލީސް ބާއްވައި ނިދަން އޮށޯންނައިރު، އެއްވެސް ހެޔޮ ކަމެއް ނުކޮށް ނުނިދާށެވެ. އެއީ ތިބާގެ އަޚުންކުރެ މީހެއްގެ މޫނުމަތީގައި ހިނިތުންވުމެއް އުފެއްދުން ކަމުގައިވިޔަސް މެއެވެ." 

އަޅުގަނޑު ޤުރްއާން ހިތުދަސްކުރަމުން ދިޔައިރު، ޝައިޚް އަލް-މިންޝާވީ  (ﷲ އެ ބޭކަލުންގެ މައްޗަށް ރަޙްމަތްލައްވާށި) ގެ ތިލާވަތުގެ އަޑުފުޅަށް އަޑުއަހައި ހިތުދަސްކުރަމުން ދިޔައީމެވެ. އަޅުގަނޑުގެ ބައްޕަ އަޅުގަނޑާ ސުވާލުކުރައްވާނެއެވެ، "ޝައިޚް އަލް-މިންޝާވީ އަވަހާރަވެވަޑައިގެންފައި ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟" އަޅުގަނޑު ޖަވާބުދޭނަމެވެ، "ގާތްގަނޑަކަށް 25 އަހަރު." މިހާރު އެ ބޭކަލުން އަވަހާރަވެވަޑައިގެންފައިވާތާ 25 އަހަރު ފަހުންވެސް، އަޅުގަނޑުމެން އަދިވެސް އެ ބޭކަލުންގެ އަޑުފުޅަށް ޤުރްއާން އަޑުއަހައި އަދި ހިތުދަސްކުރަމުން ގެންދަމެވެ. މިއީ އެ ބޭކަލުންގެ ތަފާތުކަމާއި ޚާއްޞަ ހުނަރުވެރިކަމުގެ ސަބަބުންނެވެ. ﷲ އެ ބޭކަލުންގެ މައްޗަށް ރަޙްމަތްލައްވާށިއެވެ. 

ސޫރަތުލް ފުރްޤާނުގައި ބަޔާންކުރެވިފައިވާ ޢިބާދުއް ރަޙްމާނުންގެ (ރަޙްމާނުވަންތަ ﷲގެ އަޅުތަކުންގެ) ދުޢާ ވަރަށް އަޖައިބުވެގެންވާ، ފުންމާނަތަކެއް އެކުލެވިގެންވާ ދުޢާއެކެވެ. 

وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا ‎﴿٧٤﴾‏

މާނައީ: "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ! (74)" 

މާތްވެގެންވާ ޤުރްއާނުން އަހުރެމެންނަށް އުނގަންނައިދެނީ، މި ދުނިޔޭގައި އަހުރެމެން ދިރިއުޅެނީ ވާދަވެރި މާޙައުލެއްގައި ކަމަށެވެ. މި ވާދަވެރިކަމަކީ ހެޔޮކަންތައްތަކުގައި އެކަކު އަނެކަކަށްވުރެ އިސްވެގަތުމަށް ކުރާ ވާދަވެރިކަމެވެ. އެހެންކަމުން، އަހުރެމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވާނީ އެންމެ މަތިވެރި ދަރަޖަ ހޯދުމަށެވެ. އަދި އެކަމުގައި ކާމިޔާބު ހޯދުމަށް ﷲގެ ރުއްސެވުން އެދި ދުޢާކުރަމުން ގެންދަންވާނެއެވެ."

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 133 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

۞ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ‎﴿١٣٣﴾‏

މާނައީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. (133)" 

އަދިވެސް ﷲ ތަޢާލާ މުޠައްފިފީން ސޫރަތުގެ 26 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ‎﴿٢٦﴾‏

މާނައީ: ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! (26)                   

ތިބާއަށް ފެނިވަޑައިގަންނަވާނެ ބައެއް ޞަޙާބީން އެބޭކަލުންގެ ދާއިރާތަކުގައި ތަފާތުވާކަން-.  

މިސާލަކަށް:

މުޢާޛު ބިން ޖަބަލް ރަޟިޔަﷲ ޢަންހު ތަފާތުވެ ވަޑައިގަތީ ޙަލާލާއާއި ޙަރާމްގެ ޢިލްމުންނެވެ.

ޞަޙާބީންގެ ތެރެއިން އެންމެ ޢިލްމުވެރި އަދި ފަރާއިޟުގެ ޢިލްމުން ތަފާތުވެ ވަޑައިގަތް ބޭކަލަކީ ޒައިދު ބިން ޘާބިތު ރަޟިޔަﷲ ޢަންހުއެވެ.

އަދި ޞަޙާބީންގެ ތެރެއިން ވިޔަފާރީގައި އެންމެ މަޝްހޫރު ބޭކަލަކީ ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަﷲ ޢަންހުއެވެ.

އަދި ނަބިއްޔާ ﷺ ގެ ޝާޢިރުންގެ ތެރެއިން އެންމެ މަޝްހޫރު ބޭކަލަކީ ޙައްސާން ބިން ޘާބިތު ރަޟިޔަﷲ ޢަންހުއެވެ. 

އެހެންކަމުން، ތިބާއަށް ޖަވާބަކީ: އާއެކެވެ. އިސްލާމްދީން ގޮވައިލައްވަނީ ތަފާތުވުމަށެވެ. އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ ހެޔޮކަންތަކުގައި ތަފާތުވެގެންވާ އަދި ޙައްޤުގޮތުގައި މަޝްހޫރުވެގެންވާ ބަޔަކު ކަމުގައި ލެއްވުމަށެވެ. 

"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެން އިބަ ރަސްކަލާނގެ ޙަޟްރަތުން އެދެނީ ސުވަރުގޭގެ އެންމެ މަތީ ދަރަޖައިގައިވާ ފިރުދައުސް ސުވަރުގެއެވެ.

"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭ ޢާލަމްތަކުގެ ވެރި ރަސްކަލާކޮ!" އަޅަމެން އިބަ ރަސްކަލާނގެ ޙަޟްރަތުން މަންފާކުރަނިވި ޢިލްމަކާއި، ޙަލާލު ރިޒުޤަކާއި، ޤަބޫލުކުރެވޭ ޢަމަލަކަށް އެދެމެވެ.

 

- ޝައިޚް ފަހްދު އަލް ކުންދްރީގެ ދަރުސަކުން

މިއަދު އޮންލައިން