އެދެމަފިރިންގެ ހުންނަނީ ފިރިހެން ދަރިއެކެވެ.
އޭނާއަށް އަބަދުހެން އަހަންޖެހެނީ މަންމައާއި ބައްޕަ ޒުވާބުކުރާ އަޑެވެ. އެކަމަށް ދަރިފުޅު ވިސްނާކަން އެމީހުންނަށް ނުވެސް އެނގިތިއްބާ އެއްދުވަހު ކުރިމަތިކުރުވި ސުވާލަކުން ދެމަފިރިން ދިއައީ ސިއްސައިގެންނެވެ.
"ލޯބިވާ މަންމާއެވެ! ލޯބިވާ ބައްޕާއެވެ! މިގެއަށް ރަޙްމަތުގެ މަލާއިކަތުން ވަދެވަދައިނުގަންނަވަނީ ހެއްޔެވެ؟ މިގޭގައި ވެރިކަންކުރަނީ ޝައިޠޯނާ ހެއްޔެވެ؟ މިގެއިން ޝައިޠޯނުންތައް ބޭރުކޮށް ރަހްމަތުގެ މަލާއިކަތުން ބެއިތިއްބުމާއިމެދު ނުވިސްނަމުހެއްޔެވެ؟ ކޮއްކޮއަށް ހީވަނީ ކޮއްކޮ ނަމާދުކުރާހިތް ނުވަނީވެސް. ކިޔަވާހިތް ނުވަނީވެސް މިގޭގައި ޝައިޠޯނުންތައް އުޅޭލެއް ގިނަކަމުންހެންނެވެ."
ދެމަފިރިން ކަންބޮޑުވެފައި ތިއައީ ކީއްވެގްން ކުރި ސުވާލެއްތޯ ސުވާލުކުރުމުން ބުންޏެވެ. "މުދައްރިސް ވިދާޅުވިއެވެ. ގެއެއްގައި ޝައިޠޯނުންތައް އުޅޭނަމަ އެގެއެއްގައި އެކުވެރިކަމެއް، ލޯތްބެއް ނުއޮންނާނެއެވެ. އޮންނާނީ ފިތުނަވެރިކަމާއި އެކަކު އަނެކަކަށް ޒުވާބުކުރުމެވެ. އެކަންކަން ކުރާ ގެއެއްގައި ރަޙްމަތުގެ މަލާއިކަތުން މަޑެއް ނުކުރައްވަވާނެއެވެ. މަންމައާ ބައްޕަ އަބަދު ތިއަ ޒުވާބުކުރަނީ މިގޭގައި ޝައިޠޯނުންތައް އުޅޭތީ ނޫންހެއްޔެވެ؟
ގެއިން ޝައިޠޯނުންތައް ފައްސައި ބޭރުކޮށްލެވޭނެ ގޮތްވެސް މުދައްރިސް ބުނުއްވިއެވެ. އެއީ އެއީ ގޭގައި ނަމާދުކޮށް، ޤުރްއާން ކިޔަވައި ދުޢާކުރުމެވެ. މަންމަމެން އެކަންކުރާތަނެއް ނުފެނެއެވެ. އެހެންވީމާ އަޅުގަނޑަށް ހީވަނީ ގޭގައި ނަމާދުކޮށް ޤުރްޢާން ކިޔަވައި ދުޢާކުރަން ފަށަން ވެއްޖެ ހެންނެވެ."
ލޮބުވެތި މައިންބަފައިންނޭވެ! ކޮންމެ ދަރިއަކު މިފަދަ ބަސްތަކެއް ނުބުނެފާނެއެވެ. ނަމަވެސް މައިންބަފައިން ޒުވާބުކުރާއަޑުއިވޭނަމަ ކަންބޮޑުނުވާނެ ދަރިއަކު ނުހުންނާނެއެވެ. ވީމާ މިހުރީ ކޮންމެ ބެލެނިވެރިއަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަންކަމެވެ.
- މިއަދުނޫސް