ތިމާމިހުރީ ފުރިހަމައަށް އީމާންވެގެން ކަމަށް ބުނެވޭނެ މީހުން-!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާމިހުރީ ފުރިހަމައަށް އީމާންވެގެން ކަމަށް ބުނެވޭނެ މީހުން-!: ޝައިޚް ޢަލީ ހައްމުދާ

އަހުރެމެން މިތިބީ ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންކަމަށް ބުނާނަމަ ވިސްނައި ޢަމަލުކުރަންޖެހޭ ގޮތްތަކެއް އެބަހުއްޓެވެ. ޤަބޫލުކުރަންޖެހޭ ގޮތްތަކެއްވެސް އެބަހުއްޓެވެ.  

މިޘާލަކަށް ޙިޖާބް އަޅައި އެކުގައި ނިވާވުމަށް ﷲ ގެ އަމުރުފުޅެއް ނެތްކަމަށް ބައަކު ބުންޏަސް އެކަމަކަށް އަހުރެން އެއްބަހެއް ނުވާނަމެވެ. އެއަމުރުފުޅާއިމެދު އަހުރެން ޝައްކެއް ނުކުރަމެވެ. ވީމާ އެކުގައި ނިވާނުވެ ތިބުމާއިމެދު އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ. އެކަމަކު ނިކަން ބުނެބަލާށެވެ! ޙިޖާބް އަޅައި އެކުގައި ނިވާވުމާއިމެދު ތިބާދެކެނީ ކޮންގޮތަކަށް ހެއްޔެވެ؟ އެގޮތަށް ތިބޭ އަންހެނުންނަށް ނަފްރަތުކުރެވޭ ހެއްޔެވެ؟ އެއީ ބުރައެއްކަމަށް ވިސްނޭހެއްޔެވެ؟  

ހަމައެގޮތަށް ﷲ ތަޢާލާ ވަނީ ބެލުންތައް ތިރިކުރަން އަމުރުފުޅު ކުރައްވަވައިފައެވެ. އެކަމާއިމެދު ތިބާއަށް ވިސްނެނީ ކޮން ގޮތަކަށް ހެއްޔެވެ؟  

އަދި ބަނގުރާ ޙަޜާމްކުރެއްވެވުމުގެ އިތުރުން އެއިގައި ބީހިއުޅުމާއި އުފުލުމާއި މީހުންނަށް ދިނުމާއި ވިއްކައި ވިޔަފާރިކުރުންވެސް ވަނީ ޙަރާމްކުރައްވަވައިފައެވެ. އެކަންކަމާއިމެދު ތިބާއަށް ޤަބޫލުކުރެވެނީ ކިހިނަކުންހެއްޔެވެ؟  

އެއްވެސް ޝައްކެއް ނެތެވެ. ތަފާތު ގޮތްގޮތަށް ވިސްނާނެ ބައަކު ތިބޭނެއެވެ. އެއީ ކިޔެވި އެއްޗަކުންނާއި އުޅެބޮޑުވާ މާޙައުލުގެ ސަބަބުންނާއި އަދި މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތުންނެވެ. އެހެންވެ ބުނަން މިއުޅޭ ވާހަކައަކީ ﷲ ތަޢާލާގެ އެއްވެސް އަމުރުފުޅަކަށް ކަންބޮޑުވެ، އެއީ ތަކްލީފެއްކަމަށް ޤަބޫލުކުރެވޭނަމަ އެމީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އެހެނީ އިމާންކަން ފުރިހަމަވާނީ ﷲ ތަޢާލާގެ އެންމެހައި އަމުރުފުޅުތަކަށް ރުހި އެކަންކަން ޤަބޫލުކުރުމުންނެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން