ދަތިޙާލުގަ އިން އެކަނިވެރިމައަކަށް އެހީތެރިވާން ގޮސް ނުބައިކަން ބޮޑު ފާފަކުރި މިމީހާއަށް ނަރަކައިގެ ޢަޛާބުން ސަލާމަތްވެވޭނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދަތިޙާލުގަ އިން އެކަނިވެރިމައަކަށް އެހީތެރިވާން ގޮސް ނުބައިކަން ބޮޑު ފާފަކުރި މިމީހާއަށް ނަރަކައިގެ ޢަޛާބުން ސަލާމަތްވެވޭނެ ހެއްޔެވެ؟

އެއީ 40 އަހަރުނުވާ ޒުވާން ދެމަފިރިންނެވެ. ކާރު އެކްސިޑެންޓެއްވެފަ ފިރިމީހާ ނިޔާވީއެވެ. އެއިރު 15 އަހަރުން ދަށުގެ 6 ދަރިން ތިއްބެވެ. ފރިމީހާގެ ޢާއިލާއިން އެއްވެސް އެހީތެރިކަމެއް ނުލިބުނެވެ. އެއީ ފަޤީރު ބައަކަށްވާތީ އެމީހުންގެ ކިބައިގައި ތަނަވަސްކަން ނެތުމުން ކަމަށްވެސް ވެދާނެއެވެ.  

ޢާއިލާގެ މީހުންނާ އަވަށްޓެރިންގެ ފަރާތުން ލިބޭ އެހީތެރިކަމުން ކޮންމެވެސް މިންވަރެއްގެ ކާއެތިކޮޅެއް ލިބެއެވެ. އިތުރު އެއްވެސް ބޭނުމެއް ނުފުދެއެވެ. މިޙާލަތުގައި ޢާއިލާއަށް ލިބޭނެ ނިކަމެތިކަމަށް ވިސްނައިލާށެވެ. 

މިޙާލަތުގައި އިންދާ ފިރިހެނަކު އެޢާއިލާއަށް އެހީތެރިވާން ބޭނުންކަމަށްބުނެ އަންހެންމީހާ އާއި ގުޅުން އުފެއްދިއެވެ. ކުދިކުދި ބޭނުންތައްވެސް ފުއްދައިދިނެވެ. އެކަމަކު އެކަމުގެ ނިމުން މާދެރައެވެ. ޖެހުނީ ބަލިވެއިންނާށެވެ. އެހިސާބުން އެމީހާވެސް ފިލީއެވެ.  

އެގުޅުމުން އުފަންވި ކުއްޖާ ބޮޑުވަމުންއައިއިރު އޭނާއަށް އަބަދުވެސް އިޙްޞާޞްކުރެވެނީ އޭނާގެ ހުރި ނިކަމެތިކަމެވެ. އޭނާގެ ސަބަބުން ޢާއިލާއަށް އުފުލަންޖެހޭ ތަކްލީފާއިމެދުގައެވެ. އެއީ އެފަދަ އެއްވެސް ވާހަކައެއް ޢާއިލާއިން ދައްކާތީއެއް ނުވަތަ އެފަދަ ކަމެއް ކުރާތީއެއްވެސް ނޫނެވެ.

އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުންނަކަން އެނގިގެން ޑޮކްޓަރުންނަށް ދައްކައި ފަރުވާހޯދައިދޭންވެސް ޢާއިލާއިން މަސައްކަތްކުރިއެވެ. އެއިރު 3 ކުއްޖަކަށް މަސައްކަތްކުރެވޭތީ ލިބޭ އެއްޗަކުން ބޮޑެތި ހޭދަތަކެއް ކުރިއެވެ. އަދި ދުރުތާ ތިމާގެ މީހުންވެސް އެކަމަށް އެހީތެރިވެދީ މަސައްކަތްކުރިއެވެ. އޭނާއަކީ ޢާއިލާއަށް ބުރައެއް ނޫންކަން ވިސްނައިދޭންވެސް ވަރަށް ބޮޑަށް  މަސައްކަތްކުރިއެވެ.  

އެކުއްޖާގެ އެފަދަ މައްސަލަތަކެއް ހުންނާތީ ޢާއިލާގެ އެންމެން އޭނާއަށް ސަމާލުކަންދީ ކިވައިދީ މޮޅުކުއްޖަކަށް ހަދަން މަސައްކަތްކުރަމުންދަނިކޮށް ފެނުނީ އަމިއްއަށް މަރުވެފައި އޮއްވައެވެ. އެއިރު އަދި 15 އަހަރުވެސް ނުފުރެއެވެ. މަންމައަށް ލިބުނު ހިތާމަތަކަށް ލުޔެއް ލިބި މީހުންނާ ވާހަކަދައްކަންފެށީ އަހަރަކަށްވުރެވެސް ގިނަވީ ފަހުންނެވެ.  

ދެން ނިކަން ބުނެބަލާށެވެ! މިފަދަ ޙާލުގައ ދުނިޔެއާއި ވަކިވެގެންދަނީ ކިތައްކުދިން ހެއްޔެވެ؟  

އެނިކަމެތި އަންހެންމީހާއަށް އެހީތެރިވެދޭން ދިއަ މީހާ އެދިނީ މުޅި ޢާއިލާއަށް ކިހާބޮޑު އަނިޔާއެއް ހެއްޔެވެ؟ ކިހާބޮޑު ދެރައެއް ހެއްޔެވެ؟ ކުއްޖާ މަރައިލީ އޭނާ ކަމަށްނުވިނަމަވެސް ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަންނުޖެހޭނެ ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ ޖެހޭނެއެވެ. އެބޮޑު ނުބައި އުފަންކުރުވީ އޭނާކަމަށްވާތީއެވެ. ހުރިހާ ދެރައެއް ލިބިގެންއެދިއައީ އޭނާގެ ނުބައިކަމުން ކަމަށްވާތީއެވެ.  

ހަމަ މިފަދަ ގޮތަކަށް ހިނގައިދިއަ ކަމެއްގެ ވާހަކަ ބަޔާންކުރައްވަމުން ޢިލްމްވެރިއަކު ވަނީ އެކަމުގެ ނުބައިކަން އޭނާގެ މަންމައާއި ޒިނޭކުރުމަށްވުރެވެސް ނުބައިކަމަށް ވިދާޅުވެފައެވެ. އެއީ އެކަމުގެ ހުރި ނުބައިކަން ބަޔާންކޮށްދެއްވެވުމުގެ ގޮތުންނެވެ. 

މިފަދަ ނުބައި ކަންކަންކުރާ ފިރިހެނުންނަށް ބުނެލަން އޮތީ ނަރަކައިގެ ޢަޛާބަށް ބިރުވެތިވާށެވެ! އެމީހުންގެ މަޅީގައި ޖެހެވޭ އަންހެނުންނަށް ބުނެލަން އޮތީ ކާނެ އެއްޗެއް ނުލިބި ހައިހޫނުކަމުގައި އިންނަން ޖެހުނަސް ޝައިޠޯނާގެ މަޅީގައި ނުޖެހޭށެވެ. ކެތްތެރިވެ ދުޢާކުރަމުން ގެންދާށެވެ! ﷲ ތަޢާލާ ތިބާއަށް ރިޒުޤް ދެއްވަވާނެތެވެ. ތިބާވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން އޮތީ ނަރަކައިގެ ޢަޛާބަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން