ކީރިތި ޤުރުއާން ކިޔެވުމުގައި ދެމިހުރުމުގެ މާތްކަމާ ޤުރްއާނުގެ ފައިދާ މިންވަރުކޮށްދެއްވެވުންއެދިގެން ކުރަން ފައިދާހުރި ދުޢާއެއް!: ޝައިޚް އައްޝަންޤީޠީ

ކިޔުމަށް ހޭދަވާނީ 3މ 15ސ
ކީރިތި ޤުރުއާން ކިޔެވުމުގައި ދެމިހުރުމުގެ މާތްކަމާ ޤުރްއާނުގެ ފައިދާ މިންވަރުކޮށްދެއްވެވުންއެދިގެން ކުރަން ފައިދާހުރި ދުޢާއެއް!: ޝައިޚް އައްޝަންޤީޠީ

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރުއާނުގެ މަތިވެރިކަމާއި އޭގެ އަގު ވަޒަންކުރާ މީހަކު، އެ މާތް ފޮތާ ދުރުހެލިވެ، ވަކިވެގެން ނުވާނެއެވެ. އެއީ އޭގެ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަން ލިބޭނެކަން ކަށަވަރުވެ އެގޭތީއެވެ. ޤުރުއާން ކިޔެވުމުގައި ދެމިހުންނަ މިންވަރު އިތުރުވީވަރަކަށް، މާތް ﷲގެ ރުހިވޮޑިގަތުން ތިބާއަށް އިތުރުވާނެކަމުގެ ފުރިހަމަ އިތުބާރާއި އީމާންތެރިކަން ހިތުގައި ވަރުގަދަކުރާށެވެ. 

ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށްވުރެ މަތިވެރި އެހެން އެއްވެސް ކަމެއް ނުވެއެވެ. އަދި އެކަލާނގެ ރުހުން ހޯދުމަށް ކީރިތި ޤުރުއާނަށްވުރެ ވަކިން މަތިވެރި ވަސީލަތެއް ވެސް ނުވެއެވެ. މިއީ ތިބާގެ ދިރިއުޅުމުގެ އަސާސީ އުސޫލެއް ކަމުގައި ކަނޑައަޅާށެވެ. ކީރިތި ޤުރުއާނަށްވުރެ މާތް އެހެން އެއްވެސް އެއްޗެއް ތިބާއަކަށް ނުފެންނާނެއެވެ. އެކަމަށް ތައުފީޤު ދެއްވައި، އެ މަގު އަޅަމެންނަށް ފަސޭހަކޮށްދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދަންނަވަމެވެ. 

ޤުރުއާން ކިޔެވުމަކީ ތިބާގެ ދިރިއުޅުމުގެ އާދައަކަށް ހަދާށެވެ. އިހުގެ ޞާލިޙު ބޭކަލުންގެ ތެރޭގައި، ރައްޔިތުންގެ މައްޗަށް ބަސްވިދާޅުވާ ބޮޑެތި ލީޑަރުން ހިމެނިވަޑައިގެންނެވިއެވެ. އެބޭކަލުންނަކީ އެއްވެސް ކަމަކަށް ބިރުވެތިވެވަޑައިގަންނަވާނެ ބޭކަލުންނެއް ނޫނެވެ. ކިތަންމެ ބޮޑު ކަމެއް ކުރިމަތިވި ނަމަވެސް، ޤުރުއާން ކިޔެވުމަކަށް އެބޭކަލުން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އަވަސްވެވަޑައިގަންނަވަނީއެވެ. ތިބާ އެފަދަ ބޭކަލެއްގެ އަރިހުގައި އިށީނދެ، ބޭނުމަކާ ބެހޭގޮތުން ވާހަކަދައްކާ ނިމުމާއެކު، ލަސްކުރުމެއްނެތި "އަޢޫޛުބިﷲ" ކިޔަވައި ޤުރުއާން ތިލާވަތު ކުރައްވަން ފަށްޓަވާނެއެވެ. 

ޤަވާއިދުން ޤުރުއާން ކިޔަވާ މީހާއަށް އޭގެ އަޖައިބުކުރުވަނިވި ނަތީޖާތައް ފެންނާނެއެވެ. ޢުމަރުގެފާނު، އަބޫ މޫސާގެފާނާ ސުވާލުކުރެއްވުމުން ވިދާޅުވީ ކީކޭތޯއެވެ؟ އެކަލޭގެފާނު ސިފަކުރެއްވި ގޮތުގައި، އެއީ ޝައިޠާނުންގެ މައްޗަށްވާ ރިހުމެއް ނުވަތަ ޗާބުކެއް ފަދަ އެއްޗެކެވެ. ޤުރުއާނުގެ ބާރުގެ ކުރިމަތީގައި އެއްވެސް އިންސާނަކަށް، އަދި އެއްވެސް ސިހުރުވެރިއަކަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން، މުޅި ހިތުގެ އިޚްލާޞްތެރިކަމާއެކު ޤުރުއާން ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އޭރުން އޭގެ ބަރަކާތާއި ހެޔޮލަފާކަން ތިބާގެ ދިރިއުޅުމުން ފެންނާނެއެވެ. 

ޝައިޚުގެ ދުޢާ: 

ޔާ ﷲ! މަތިވެރިވެގެންވާ ޤުރުއާނަކީ އަޅަމެންގެ ހިތްތަކުގެ ބަހާރުކަމުގައި ލައްވާށިވެ. އަދި އަޅަމެންގެ ހިތްތަކުގެ ނޫރުކަމުގައި ލައްވައި، އަޅަމެންގެ ހިތާމަތަކާއި ފިކުރުތަކަށް އޮތް ޝިފާއެއް ކަމުގައި ލައްވާށިއެވެ. އިބަ އިލާހުގެ ރުހިވޮޑިގަތުމާއި ނިޢުމަތުން ފުރިގެންވާ ސުވަރުގެއަށް އަޅަމެންނަށް މަގުދައްކަވާށިއެވެ. އޭގެއިން އަޅަމެންނަށް ހަނދާންކޮށްދެއްވައި، ހިދާޔަތް ދައްކަވާށެވެ. އަދި އަޅަމެންނަށް ނޭނގޭ ކަންކަން އެ މާތް ފޮތުން އުނގަންނައިދެއްވާށިއެވެ. އޭގެ ފޮނިކަމާއި ކިޔެވުން އަޅަމެންނަށް މިންވަރުކޮށްދެއްވައި، އިބަ އިލާހު ރުހިވޮޑިގަންނަވާ ފަދަ ގޮތަކަށް އެއަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވާށިއެވެ. 

ޔާ ﷲ! އެ ފޮތުގައި ޙަލާލުކުރި ކަންކަން ޙަލާލުކަމުގައި ބަލައި، ޙަރާމްކުރި ކަންކަމުން ދުރުހެލިވާ ބައެއްގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އެ ފޮތުގެ ޝަރީޢަތާއި އަމުރުފުޅުތަކަށް ކިޔަމަންވާ ބައެއްގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އެ ފޮތުގެ ބަރަކާތުން އަޅަމެންގެ މޫނުތައް އަލިކޮށްދެއްވައި، އަޅަމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދެއްވާށިއެވެ. ޖާހިލުކަމުން ދުރުކޮށް އޭގެއިން ޢިލްމު ދެއްވައި، މަގުފުރެދުމުން ސަލާމަތްކޮށް ސީދާ މަގަށް ތައުފީޤު ދެއްވާށިއެވެ. 

ޔާ ﷲ! އިބަ އިލާހުގެ ފޮތަށާއި ބަސްފުޅަށް ބޭނުންޖެހިފައިވާ، އަދި އެއިން ރޫޙާނީ މުއްސަނދިކަން ލިބިގަންނަ ބައެއްގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އޭ ޢާލަމްތަކުގެ ވެރި ރަސްކަލާކޮ! މަތިވެރިވެގެންވާ ޤުރުއާނުގައި އަޅަމެންނަށް ބަރަކާތް ލައްވާށިއެވެ. ރެއާއި ދުވާލު އެ ފޮތް ކިޔެވުމުގެ ތައުފީޤު، އިބަ އިލާހު ރުހިވޮޑިގަންނަވާ ފަދަ ފުރިހަމަ ގޮތެއްގައި އަޅަމެންނަށް ދެއްވާށިއެވެ. ޤުރުއާނުގެ ސަބަބުން ސުވަރުގެއަށް ވާޞިލުވާ ބައެއްގެ ތެރެއިން އަޅަމެން ލައްވާށިއެވެ. އަދި އޭގެ ސަބަބުން ނަރަކައަށް އެއްލައިލެވޭ ބައެއްގެ ތެރޭގައި އަޅަމެން ނުލައްވާށެވެ. އާމީން. 

- ޝައިޚް އައްޝަންޤީޠީ 

- މިއަދުނޫސް               

މިއަދު އޮންލައިން