ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑުމަކީ ކުރެވޭނެ އެންމެ ބޮޑު ކުށް!: ޝައިޚް އަޒީޒް ފަރްހާން އަލްޢަންޒީ

ކިޔުމަށް ހޭދަވާނީ 3މ 45ސ
ކިތަންމެ ބޮޑު މައްސަލައެއް ޖެހުނަސް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑުމަކީ ކުރެވޭނެ އެންމެ ބޮޑު ކުށް!: ޝައިޚް އަޒީޒް ފަރްހާން އަލްޢަންޒީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝާރިޖާގެ އަބޫ އަޙުމަދު: "އަޅުގަނޑުމެންނަކީ އެއްބަނޑުއެއްކައިބަފާ އުޚުއްވަތްތެރިންނެވެ. ކުރިން އަޅުގަނޑުމެން އުޅުނީ ވަރަށް އެކުވެރިކޮށް، އެކަކު އަނެކަކަށް ހެޔޮއެދޭ ބައެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ ބައްޕަވެސް ވަރަށް ބޮޑަށް މަސައްކަތްކުރެއްވީ އަޅުގަނޑުމެން އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުމަށެވެ. ނަމަވެސް، ހިތާމައަކީ ބައްޕަ ނިޔާވި ފަހުން ތަފާތު މައްސަލަތައް ކުރިމަތިވެ، ޒިޔާރަތްކުރުންތައް މެދުކެނޑި، މިހާރު ހަމައެކަނި ފޯނުން ގުޅާލުމަކަށް ކަންތައްތައް ބަދަލުވެފައިވުމެވެ. އަދި އާއިލާގެ ކުދިންގެ މެދުގައިވެސް މިހާރު ވަނީ ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދިފައެވެ. ސުވާލަކީ، އަޅުގަނޑު އަޅުގަނޑުގެ ބޭބެމެންނާ ގުޅުން ކަނޑާލައިފިނަމަ، އެއީ އަޅުގަނޑުގެ ކުށަކަށް ވާނެތޯއެވެ؟"

ޝައިޚް އަޒީޒް އަލްޢަނަޒީގެ ޖަވާބު: 

އަބޫ އަޙުމަދެވެ! މާތްﷲ ތިޔަބޭފުޅާއަށް ބަރަކާތް ލައްވާށިއެވެ. ޝައްކެއްވެސް ނެތްގޮތުގައި، ތިޔަ ފަދަ ސުވާލުތަކަކީ ހިތާމައާއި ވޭނުން ފުރިގެންވާ ސުވާލުތަކެކެވެ. އެއްބަނޑުއެއްކައިބަފާ މީހުންގެ މެދުގައި ގުޅުން ކެނޑުމަކީ ޝައިޠާނާގެ މަޅިއަކާއި އޭނާގެ މަސައްކަތުގެ ތެރެއިންވާ ކަމެކެވެ. މާތްﷲ ވަނީ ގުޅުން ބޭއްވުމަށް އަމުރުކުރައްވާފައިވާ ފަރާތްތަކާ ގުޅުން ބާއްވާ މީހުންނަށް ތައުރީފު ކުރައްވާފައެވެ.

ރަޙިމުގެ ގުޅުން ކަނޑާލުމުގެ ސަބަބުން ލިބޭ ލަޢުނަތް ދަރިންނަށްވެސް ފޯރައެވެ. މިހާރު ތިޔަ އާއިލާގައި ކަންތައް ވަމުންދާ ގޮތަކީ އެއީއެވެ. ބައްޕަ ނެތުމުން ކުދިންނަށް ވާރުތަވަމުން އެދަނީ އެ ގުޅުން ކެނޑުމާއި ނަފްރަތެވެ. މިއީ އެއްބަނޑުއެއްބަފާ މީހުން އުފުލަންޖެހޭ ވަރަށް ބޮޑު ބުރައެކެވެ.  

ތިޔަ މައްސަލަތަކަކީ ދުނިޔަވީ ކަންކަމާ ހެދި ނުވަތަ މީހުން ދައްކާ ވާހަކަތަކެއްގެ ސަބަބުން އުފެދިގެން އުޅޭ މައްސަލަތަކެކެވެ. އަޅުގަނޑު ސުވާލުކުރުމުން ތިޔަ ވިދާޅުވީ މިއީ ތަރިކަ މުދަލުގެ މައްސަލައެއް ނޫން ކަމަށެވެ. އެހެންވީމާ، މިއީ ހަމައެކަނި ދުނިޔަވީ ކުދިކުދި ކަންކަމެވެ. ބައެއް ފަހަރު އަނބިންގެ މެދުގައި ޖެހޭ މައްސަލަތަކެއް ނުވަތަ ގޭގައި މަސައްކަތްކުރާ މީހުންގެ މެދުގައި ހިނގާ ކަންކަމުގެ ސަބަބުން އެއްބަނޑުއެއްބަފާ މީހުން ވަކިވެގެންދާނީ ކިހިނެއްތޯއެވެ؟ ތިޔަބޭފުޅުންގެ ބައްޕަ ތިޔަބޭފުޅުން ތަރުބިއްޔަތުކުރެއްވީ އެންމެ ފުރިހަމަ ގޮތުގައެވެ. ބައްޕަ ނިޔާވެ ދިޔައީ ތިޔަބޭފުޅުން އެކަތިގަނޑެއްގެ ގޮތުގައި ބައިތިއްބާފައެވެ. އެހެންކަމުން، މިހާރު މިފަދަ ދަށު ދަރަޖައަކަށް ކަންތައްތައް ދިއުމަށް ތިޔަބޭފުޅުން އެއްބަސްވެވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟ 

މިއަދު މިކަންކަން މިގޮތަށް ފެތުރެމުން ދަނީ އީމާންތެރިކަން ބަލިކަށިވުމުގެ ސަބަބުންނެވެ. އަދި މާތްﷲގެ މަތިން ހަނދުމަކުރުން މަދުވެ، ކެތްތެރިކަން ކުޑަވުމުގެ ސަބަބުންނެވެ. ބައެއް މީހުން ވަޒީފާއެއް ލިބި، މުއްސަނދިވުމުން، އެމީހުންގެ އަޚުންނާއި އުޚުތުން ބޭނުންނުވާ ކަމަށް ބުނެ، ކުދިކުދި މައްސަލަތަކުގައި ގުޅުން ކަނޑާލަން ތައްޔާރަށް ތިބެއެވެ. މިއީ މާތްﷲ އަމުރުކުރެއްވި ގޮތެއް ނޫނެވެ. އާއިލާގެ މީހުންނަކީ މާތްﷲގެ ރަޙުމަތާ ގުޅުވައިދޭ މީހުންނެވެ. އާއިލާއާ ގުޅުން ކަނޑާލާ މީހާއަށް މަލާއިކަތުންގެ އެހީތެރިކަމެއް ނުލިބޭނެއެވެ. ނަމަވެސް، ތިމާއާ ގުޅުން ކަނޑާލާ މީހާއާ ގުޅުން ބާއްވާ މީހާއަށް މަލާއިކަތުންގެ އެހީތެރިކަމާއި ރަޙުމަތް ލިބެމުންދާނެއެވެ. 

އަބޫ އަޙުމަދެވެ! ތިޔަބޭފުޅާއަކީ ހެޔޮލަފާ މީހެއްކަން އެނގެއެވެ. ތިޔަ ސުވާލު ކުރެއްވީވެސް ތިޔަބޭފުޅާގެ ހިތުގައި ބިރުވެރިކަމާއި ކުށްވެރިކަމުގެ އިހުސާސް އޮތުމުންނެވެ. ހަމައެކަނި ފޯނުން ގުޅާލުމަކުން ނުފުދެއެވެ. ތިޔަބޭފުޅާއަކީ ތިޔަ އާއިލާއަށް ހެޔޮ ގޮތްތައް ގެނައުމަށް އިސްނަގަންޖެހޭ މީހާއެވެ. ޞުލްޙަވުމަށް އިސްނަގާށެވެ. އެހެން މީހުން ތިމާގެ ގާތަށް އަންނަންދެން މަޑުނުކުރާށެވެ. ބޭބެއަކީ ބައްޕަގެ މަޤާމުގައި ހުރި މީހާ ކަމަށްވިޔަސް، ބޭބެ ތިމާގެ ގާތަށް އަންނަންދެން މަޑުނުކޮށް، ތިޔަބޭފުޅާ ބޭބެގެ ގާތަށް ވަޑައިގަންނަވާށެވެ. 

ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ: "އޭ މާތްﷲގެ ރަސޫލާއެވެ! ތިމަންކަލޭގެފާނުގެ އާއިލާގެ ބަޔަކު ތިބެއެވެ. ތިމަންކަލޭގެފާނު އެމީހުންނާ ގުޅުން ބާއްވަމެވެ، ނަމަވެސް އެމީހުން ތިމަންކަލޭގެފާނާ ގުޅުން ކަނޑާލައެވެ. ތިމަންކަލޭގެފާނު އެމީހުންނަށް ހެޔޮކޮށް ހިތަމެވެ، އެކަމަކު އެމީހުން ތިމަންކަލޭގެފާނަށް އިހާނެތިކޮށް ހިތައެވެ." އެހިނދު ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ތިޔަ ވިދާޅުވާ ފަދައިން ކަންތައްތައް ހުރިނަމަ، ތިޔަ ގޮތުގައި ދެމިހުރިހާ ހިނދަކު، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މަދަދާއި ނަޞްރު ތިޔަބޭފުޅާއަށް އަބަދުވެސް ލިބިލިބި ހުންނާނެއެވެ."  

- --ައިޚް އަޒީޒް ފަރްހާން އަލްޢަންޒީ 

- މިއަދުނޫސް               

މިއަދު އޮންލައިން