ދަރިންގެ ކުރިމަތީގައި ދެމަފިރިން ދެބަސްވެ ޒުވާބުކުރާނަމަ ދަރިންނަށް އެކަން ދަސްވާނެއެވެ. އަދި މައިންބަފައިންނާއި ޒުވާބުކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަމަށް ކުދިން ޤަބޫލެއް ނުކުރާނެއެވެ. ވީމާ މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ކަމެކެވެ.
ހަމައެއާއިއެކު ދެމަފިރިންކުރެ އެކަކުވެސް ބައިވެރިޔާގެ އަޢިބުތަކުގެ ވާހަކަތައް އެހެން މީހުންގެ ގާތުގައި ދެއްކުމަކީ ޣީބަ ބުނުމެވެ. އެއީ ބޮޑުފާފައެކެވެ. ވީމާ އިތުރު އަންހެނަކާއި ކައިވެނިކުރަން ބޭނުންވެގެންވެސް އޭނާގެ ގާތުގައި ތިމާގެ އަނބިމީހާގެ (އޭނާ ނުރުހޭފަދަ) ވާހަކަތައް ދެއްކުންވާނީ ޣީބަބުނުން ކަމަށެވެ. އެމީހަކު ފާފަވެރިވާނެ ޢަމަލަކަށެވެ!
ބައިވެރިޔާއާއިބެހޭ ގޮތުން މީހެއްގެ ގާތުގައި ވާހަކަ ދެއްކުން ހުއްދަވާނީ ދެމަފިރިންގެ މައްސަލައެއް ޙައްލުކުރަން ލަފައެއް ދެވޭނެ ފެންވަރުގެ އިތުބާރުހުރި މީހުންގެ ގާތުގައެވެ. ލޯބިވެރިންގެ ގާތުގައި ދެއްކުން ހުއްދައެއް ނުވާނެއެވެ. އެއީ އެކަމުގެ ނިޔަތާއި މަޤްޞަދު ތަފާތުވާތީއެވެ.
މިއީ ދެމަފިރިންވެސް ވިސްނަންޖެހޭނެ ކަމެކެވެ. އަނބިމީހާ ފިރިމީހާ އާއިމެދު ހިތްހަމަނުޖެހުނަސް އޭނާ ނުރުހޭނެފަދަ ވާހަކަތައް މީހުންގެ ޣާތުގައި ނުދައްކާށެވެ. އެއިރުން އެކަންވާނީ ހަމަ ޣީބަބުނުމަށް ކަމުގައިވާތީއެވެ.
- ހީނާ ޚާން މުޚްތާރުގެ ބަސްފުޅަކުން
މިބަސްފުޅަކީ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ބަސްފުޅެކެވެ. އެހެން މީހުންގެ ލޯބި ހޯދަން ތިމާގެ ބައިވެރިޔާގެ ނުބައި ވާހަކަތައް ދެއްކުން މިވަނީ ޢާންމުކަމަކަށްވެފައެވެ. ގިނަފަހަރު ވާހަކަ ދެއްކެނީވެސް ބޮޑުކޮށްލައިގެންނެވެ. އެމީހަކު ބޭނުންވާ ގޮތަކަށެވެ.
ބައިވެރިޔާގެ ޙަޤީޤަތްވެސް ހާމަކުރަންޖެހޭނީ ކޮންމެހެން ހާމަކުރަންޖެހޭ ޙާލަތުގައެވެ. އެއީ އެހެން މީހުންގެ ލޯބި ހޯދަން އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ޚާއްޞަކޮށް ބައިވެރިޔާ ނުރުހޭނެ ފަދަ ވާހަކަތައް އެއްގޮތަކަށްވެސް ދައްކައިގެން ނުވާނެއެވެ.
ވިސްނާލުން މުހިންމު އެއްކަމަކީ ﷲ ތަޢާލާ އެކަމަކީ ފާފައެއް ކަމުގައި ލައްވަވާފައިވާ އެއްވެސް ކަމެއް ކޮށްގެން އެމީހަކަށް ޙަޤީޤީ ފައިދާއެއް ނުކުރާނެ ކަމެވެ. ކަންކަމުން ފައިދާކުރާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް އެކަމެއް ކުރުމުން ކަމެވެ.