އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ނުލިބި، ރިޒުގު ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މީހާ، އީމާންވެ ޢަމަލުކުރަންޖެހޭ ކަންތައްތައް-: ޝައިޚް އާސިމް އަލް ހަކީމް

ކިޔުމަށް ހޭދަވާނީ 2މ 11ސ
އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ނުލިބި، ރިޒުގު ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މީހާ، އީމާންވެ ޢަމަލުކުރަންޖެހޭ ކަންތައްތައް-: ޝައިޚް އާސިމް އަލް ހަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވާލު: ޝައިޚެވެ! މީހެއްގެ ރިޒުގު ދަތިވެ، އެތައް މަސައްކަތެއް ކޮށްގެންވެސް އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ނުލިބިގެން އުޅޭނަމަ އޭނާ ކަންތައް ކުރަންވީ ކިހިނެއްތޯއެވެ؟ 

ޖަވާބު: އެކަށީގެންވާ ވަޒީފާއެއް ނުލިބި، ރިޒުގު ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ މީހާ، މިބަޔާންކުރާ ކަންތައްތައް ގަބޫލުކޮށް، އެކަންކަމަށް އީމާންވާންޖެހެއެވެ. (އެއީ ޢަމަލުކުރުމެވެ.) 

ފުރަތަމަ ކަމަކީ، ﷲ ފިޔަވައި ރިޒުގު ދެއްވާނެ އެހެން ފަރާތެއް ނުވާކަން ދަނެ، އެކަން ފުރިހަމައަށް ގަބޫލުކުރުމެވެ. މިއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ. ނަމަވެސް މުހިންމީ ހަމައެކަނި އެކަން އެނގުމެއް ނޫނެވެ. އެކަމުގެ މައްޗަށް އޮންނަ ޔަގީންކަމާއި އިތުބާރު ހިތުގެ އަޑިން ގަބޫލުކުރުމެވެ. 

ދެވަނަ ކަމަކީ، ތިބާ ދުނިޔެއަށް އުފަންވުމުގެ ކުރިން، މަންމަގެ ބަނޑުގައި 120 ދުވަސް ނުވަތަ 4 މަސް ފުރުމުން، މަލާއިކަތަކު އެމީހެއްގެ ރިޒުގާ ބެހޭގޮތުން ﷲ އަށް ދެންނެވުމުން، ﷲ އެކަން ލިޔުއްވާފައިވާކަން ގަބޫލުކުރުމެވެ. އަދި އޭގެވެސް އެތައް ދުވަހެއް ކުރިން، ކާއިނާތު އުފެއްދެވުމުގެ 50،000 އަހަރު ކުރިން، ލައުޙުލް މަޙްފޫޡުގައި ތިބާގެ ރިޒުގު ވަނީ ލިޔުއްވާފައެވެ. އެހެންކަމުން، ތިބާ ކޮންމެފަދަ ކަމެއް ކުރިކަމުގައިވިޔަސް، ﷲ ތިބާއަށް މިންވަރުކުރެއްވި އެއްޗެއް މެނުވީ ތިބާއަކަށް ނުލިބޭނެއެވެ. 

ތިންވަނަ ކަމަކީ، ﷲ އަހަރެމެންގެ ދިރިއުޅުމުގައި ތަފާތު އިމްތިހާނުތައް ކުރިމަތިކުރައްވާނެކަން ދެނެގަތުމެވެ. ދިރިއުޅުމަކީ އަބަދު އެއްގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އުފަލާއި ހިތާމަވެސް އަންނާނެއެވެ. ތިބާގެ މާޒީއަށް ބަލައިލައިފިނަމަ، ދަތި އުނދަގޫ ދުވަސްތަކަށްވުރެ ތަނަވަސްކަމާއި އުފާވެރި ދުވަސްތައް ގިނަވާނެކަން އެނގޭނެއެވެ. ނަމަވެސް އިންސާނާގެ ތަބީޢަތަކީ، ލިބިފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލައި، ހަމައެކަނި ކުރިމަތިވާ ދަތިތަކާއި ބަލިމަޑުކަމުގެ ވާހަކަ ދެއްކުމެވެ. މުއުމިނަކީ ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުވެރިވާ، އަދި އުންމީދުން ފުރިގެންވާ ހެޔޮލަފާ މީހެކެވެ. 

ރޭގަނޑުގެ އަނދިރިކަން އެންމެ ބޮޑުވާ ވަގުތަކީ ފަތިހުގެ އަލިވިލުން ކައިރިވެފައިވާކަމުގެ ނިޝާނެކެވެ. އެހެންކަމުން، ﷲ އާމެދު ހެޔޮކޮށް ހީކޮށް، އުންމީދު ކަނޑާނުލާށެވެ. ސަޖިދައިގައާއި، ބަންގިއާއި ގަމަތާ ދެމެދުގައި އަދި ރޭގަނޑުގެ ފަހު ދަމުގައި ގިނަގިނައިން ދުޢާކުރާށެވެ. ރިޒްޤު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާށެވެ. އަދި ﷲ ތިބާ އެދޭ ކަންތައްތަކާއި، އެއަށްވުރެ މާ ރަނގަޅު ގޮތްތައް މާލަސްތަކެއް ނުވެ މިންވަރުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ބާއްވާށެވެ. 

- ޝައިޚް އާސިމް އަލް ހަކީމް 

- މިއަދުނޫސް

 

                   

މިއަދު އޮންލައިން