ޢާއިޝަތު ރަފާޙް ޢަލީ
ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ މަރުކަޒަށް ވާންޖެހޭ އެއްޗެކެވެ. އެއީ ހަމައެކަނި ކިޔަވާ އެއްޗެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތަޠްބީޤުކޮށް، ޢަމަލުކުރަންޖެހޭ އެއްޗެކެވެ.
ޤުރުއާން ކިޔަވާއިރު، އަމިއްލަ ނަފުސަށް ހަނދާންކޮށްދޭންވީ މިއީ އަޅުގަނޑުމެންގެ ވެރިރަސްކަލާނގެގެ ބަސްފުޅުތައްކަމާއި، އަޅުގަނޑުމެންނަށް ސީދާ މުޚާޠަބުކުރައްވާ އެއްޗެއްކަމެވެ. މި ބަސްފުޅުތަކުގެ މައްޗަށް ވިސްނައި ފިކުރުކޮށް، އޭގެ މަޤްޞަދު ދޭހަކޮށް، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތަންފީޛުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
ޤުރުއާނަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއެއްގައި މަގުދައްކައިދޭ، ހިދާޔަތާއި ނަޞޭޙަތް ދޭ، އަދި އަޅުގަނޑުމެންގެ ރޫޙާނީ އަދި މާއްދީ ދިރިއުޅުމަށް ޝިފާ ގެނެސްދޭ އެއްޗެކެވެ. އެހެންކަމުން، އަޅުގަނޑުމެން ޤުރުއާނާ ކުއްތަންވެ، އޭގެ މައްޗަށް ޢަމަލުކޮށް، އޭގެ ތެދުމަގު ހޯދުމަށް މަސައްކަތްކުރަންވާނެއެވެ.
ޤުރުއާނަށް އަޅުގަނޑުމެންގެ އެންމެ އަގުހުރި ވަގުތު ދޭންވާނެއެވެ. އެއީ ބާކީ ވަގުތެއް ނޫނެވެ. އަޅުގަނޑުމެން އެންމެ ހަކަތަ ހުންނަ ވަގުތު ޤުރުއާނަށް ޚާއްޞަކުރަންވާނެއެވެ. އަޅުގަނޑުމެން ޤުރުއާނަށް ގިނައިން ދޭވަރަކަށް، ޤުރުއާނުން އަޅުގަނޑުމެންނަށް ގިނައިން ދޭނެއެވެ.
ޤުރުއާން ކިޔަވާއިރު، އަމިއްލަ ނަފުސަށް ހަނދާންކޮށްދޭންވީ މިއީ އަޅުގަނޑުމެން އެއްދުވަހުން އަނެއް ދުވަހަށް ބައްދަލުކުރާނެ ފަރާތުގެ ބަސްފުޅުތައްކަމެވެ. މިއީ އަޅުގަނޑުމެން ހެއްދެވި، އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ދެއްވި، އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ފަސޭހަކޮށްދެއްވި ފަރާތުގެ ބަސްފުޅުތަކެވެ.
އަޅުގަނޑުމެން ޤުރުއާން ކިޔަވައި، އެއަށް ވަގުތު ދީ، ސަމާލުކަން ދީ، ވިސްނައި، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ތެދުމަގު އެދެންވާނެއެވެ. މިގޮތަށް ޤުރުއާނާމެދު ދެކޭ ނަޒަރު ބަދަލުކޮށްފިނަމަ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި ހެޔޮ ބަދަލުތަކެއް އަންނާނެކަން ކަށަވަރެވެ.
ޤުރްއާން ދަސްކުރުމަށް އަދި ކިޔެވުމަށް ލޯބިކުރުމަށް ކުރެވިދާނެ ދުޢާއެއް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފަރާތްޕުޅުން އައިދްފައިވެއެވެ.
اللهمَّ إني عبدُك ، و ابنُ عبدِك ، و ابنُ أَمَتِك ، ناصيتي بيدِك ، ماضٍ فيَّ حكمُك ، عدلٌ فيَّ قضاؤُك ، أسألُك بكلِّ اسمٍ هو لك سميتَ به نفسَك ، أو علَّمتَه أحدًا من خلقِك ، أو أنزلتَه في كتابِك ، أو استأثرتَ به في علمِ الغيبِ عندَك ، أن تجعلَ القرآنَ ربيعَ قلبي ، و نورَ صدري ، و جلاءَ حزني ، و ذَهابَ همِّي
ދުޢާގެ މާނަ:
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަހުރެންނީ އިބަ ﷲ ގެ އަޅަކީމެވެ. އިބަ ﷲ ގެ ފިރިހެން އަޅާގެ ދަރިޔަކީމެވެ. އިބަ ﷲ ގެ އަންހެން އަޅާގެ ދަރިޔަކީމެވެ. މިއަޅާގެ ލަގަންވަނީ އިބަ ﷲ ގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެއެވެ. އިބަ ﷲ ގެ ފައިޞާލާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲ ގެ އަމިއްލަ ޒާތުފުޅަށް ޚުދު އިބަ ﷲ ދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ ނުވަތަ އިބަ ﷲ ގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަ ﷲ އުނގަންނަވައިދެއްވާފައިވާ ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްސަކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގ ހިތުގެ ބަހާރުކަމުގައާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައާއި، މިއަޅާގެ ހިތާމަތައް ފިއްލަވައިދޭ ޒަރީޢާއެއް ކަމުގައާއި އަދި މިއަޅާގެ ފިކުރުބޮޑުވުން ދުރުކޮށްދޭ ޒަރީއާއެއްކަމުގައި ޤުރްއާން ލައްވައިދިނުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ."
- ޑރ ހައިފާ ޔޫނުސްގެ ދަރުސަކުން