ފިތުނަވެރިކަމުގެ ނުތަނަވަސް ވަގުތުތަކުގައި ސަލާމަތްތެރިކަން ލިބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟: ޝައިޚް އަޙްމަދު އަލްނުފައިސް

ކިޔުމަށް ހޭދަވާނީ 2މ 11ސ
ފިތުނަވެރިކަމުގެ ނުތަނަވަސް ވަގުތުތަކުގައި ސަލާމަތްތެރިކަން ލިބޭނީ ކޮން ބަޔަކަށް ހެއްޔެވެ؟: ޝައިޚް އަޙްމަދު އަލްނުފައިސް

ޢާއިޝަތު ރަފާޙް ޢަލީ

 

އިމްތިޙާނުތަކާއި ކުރިމަތިލާންޖެހޭ ހިނދު ތިބާގެ މަޤާމަކީ ކޮބައިތޯއެވެ؟ އަޅަމެން އެދި ދަންނަވަނީ، މާތް ﷲ ގެ ވަޢުދުފުޅަށް ފުރިހަމައަށް އިތުބާރުކުރާ މުއުމިނުންގެ ތެރެއިން އަޅަމެން ލެއްވުމަށެވެ. ފިތުނައިގެ ވަގުތުތަކުގައި މީސްތަކުން ބެހިގެންވާ ބައިތަކަށް ބަލާއިރު، ފާޅުވެފައިވާ ފިތުނަތަކާއި ވަންހަނާވެފައިވާ ފިތުނަތަކުން އަޅަމެން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރަމެވެ. 

ފުރަތަމަ ބަޔަކީ ފިރުޢައުނު ފަދައިން ޙައްޤު ބަސް ޤަބޫލުކުރަން ދެކޮޅުހަދައި، ބޮޑާވެގަނެގެން އުޅޭ އަނިޔާވެރިންނެވެ. މިއީ އީމާންކަން އިތުރުކުރުމަށްޓަކައި ކުރިމަތިވާ އިމްތިޙާނެއްގެ ގޮތުގައި ފިތުނައާ ކުރިމަތިލާ ބައެއް ނޫނެވެ. (މިފަދަ ނުބައިކަމުން މާތް ﷲ އަޅަމެން ރައްކާތެރިކުރައްވާށިއެވެ.) އޭގެ ބަދަލުގައި، އެމީހުންނަކީ އެހެން މީހުންނަށް ކުރިމަތިވާ ފިތުނައާއި އިމްތިޙާނުތަކުގެ އަޞްލެވެ. މާތް ﷲ އާއި އެކަލާނގެ ރަސޫލުންގެ އަމުރުފުޅުތަކަށް ދެކޮޅުހަދާ މިފަދަ މީހުންނަކީ އަނިޔާވެރި، ބޮޑާ މީހުންނެވެ. ކިތަންމެ ގިނަ ހެކިތަކެއް ފެނުނުކަމުގައި ވިޔަސް، އެމީހުން އީމާންވާކަށް ބޭނުމެއް ނުވެއެވެ. 

ފިރުޢައުނަކީ މީސްތަކުން އަޅުވެތިކޮށް، ނަބިއްޔަކަށް އުނދަގޫކޮށް ދުއްތުރާކުރި އަނިޔާވެރިކަމުގެ ނުބައި މިސާލެކެވެ. އޭނާ އިތުބާރުކުރީ އޭނާގެ އަތުގައި ހުރި މާއްދީ ބާރުތަކަށާއި ލަޝްކަރަށެވެ. މާތް ﷲ ގެ މަގަށް ރުޖޫޢަވެ، އެކަލާނގެއަށް ކިޔަމަންތެރިވުމަކީ އޭނާ އެދޭ ގޮތެއް ނޫނެވެ. އޭނާގެ ނިމުން އައީ ބޮޑުވެގެންވާ ހަލާކުގެ ތެރެއިންނެވެ. އެއީ އަމިއްލަ އެދުމާއި ބޮޑާކަމުގެ ސަބަބުން ޙައްޤު ޤަބޫލުކުރަން އިންކާރުކޮށް، މާތް ﷲ ގެ ރަޙްމަތަށް ފުރަގަސްދިނުމުގެ ނަތީޖާއެވެ. އޭނާގެ މުޅި ޙަޔާތުގައި މާތް ﷲ މަތިން ހަނދުމައެއް ނުކުރެއެވެ. އެކަލާނގެއަށް ރުޖޫޢަވާން މަސައްކަތްކުރީ ޣަރަޤުވާން ކައިރިވި ވަގުތުގައެވެ. އެއީވެސް އިޚްލާޞްތެރި ތައުބާއަކުން ނޫނެވެ. އޭނާ ބުންޏެވެ: "އިސްރާއީލުގެ ދަރިކޮޅުގެ މީހުން އީމާންވި ކަލާނގެއަށް ތިމަން އީމާންވެއްޖައީމެވެ." ނަމަވެސް އެ ބަހުގައި އެއްވެސް ދެރަވުމެއް ނުވަތަ ތައުބާވުމުގެ މާނައެއް ނެތެވެ. މިއީ ކޮންމެ އަނިޔާވެރިއެއްގެ ނިމުން އަންނާނެ ގޮތުގެ ކަނޑައެޅިގެންވާ ޙަޤީޤަތެވެ. 

މާތް ﷲ ވަނީ އޭނާގެ އަނިޔާވެރިކަން ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައިވެސް އެވާހަކަ ބަޔާންކުރައްވާފައެވެ. ފިރުޢައުނު ބުންޏެވެ: "އޭ ބޮޑުންނޭވެ! ތިމަން ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަށްވާކަމެއް ތިމަންނައަކަށް އެނގިފައެއް ނެތެވެ." މިއީ ކޮންފަދަ ޖާހިލުކަމެއް ހެއްޔެވެ؟ މާތް ﷲ ވަނީ ފިރުޢައުނުގެ މީހުން އިމްތިޙާނު ކުރައްވާފައެވެ. އެއީ އެމީހުން ﷲ ހަނދުމަކޮށް، ތެދުމަގު އިޚްތިޔާރުކުރުމަށްޓަކައެވެ. ނަމަވެސް އެމީހުންނަށް ރަނގަޅު ގޮތެއް މެދުވެރިވުމުން އެއީ އެމީހުންގެ މޮޅުކަމުން ވީކަމެއް ކަމަށް ބުނެއެވެ. އަދި ދަތިކަމެއް ކުރިމަތިވުމުން، އެއީ މޫސާގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ސަބަބުން ދިމާވި ބަދުނަސީބެއް ކަމަށް ބުނެއެވެ. ޙަޤީޤަތުގައި ކަންކަން މެދުވެރިކުރައްވަނީ މާތް ﷲ އެވެ. ނަމަވެސް ގިނަ މީހުންނަށް އެކަން ނޭނގެއެވެ.

މިއަދު އޮންލައިން