ހިތްހަމަނުޖެހޭ ޙާލަތުގައިވެސް މައިންބަފައިންނަށް ނުބައިބަސް ބުނުމަކީ ފާފަވެރިވާނެ ކަމެއް! މިކަންކަމަށް ސަމާލުކަން ދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ހިތްހަމަނުޖެހޭ ޙާލަތުގައިވެސް މައިންބަފައިންނަށް
ނުބައިބަސް ބުނުމަކީ ފާފަވެރިވާނެ ކަމެއް! މިކަންކަމަށް ސަމާލުކަން ދެއްވާ!

މިހާރަކަށް އައިސް ބައެއް ދަރިން އެމީހުންގެ

މައިންބަފައިންނާއި މުޢާމަލާތުކުރުމުގައިވެސް ޢަމަލުކުރެވެނީ އިސްލާމް ދީނުގައި އެކަންކުރަން އޮތްމަގަކުންނޫނެވެ! ކިރިޔާވެސް ދެބަސްވުމެއް އޮވެއްޖެނަމަ ހަރުކަށިކޮށް މުޢާމަލާތުކުރެވޭތަން އަންނަނީ ފެންނަމުންނެވެ. ބައެއް ފަހަރު ނޭދެވޭ ބަސްތައްވެސް ބުނެހަދައެވެ.

ވީމާ ކޮންމެ ދަރިއަކުވެސް ތިރީގައިވާ ލިޔުމަށް ވިސްނައިލުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށް ދެކެމެވެ.  

މައިންބަފައިންނާ މުޢާމަލާތް ކުރުމުގައި ބަލަންޖެހޭ ބައެއް ކަންތައްތައް-: 

މައިންބަފައިންނަކީ އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވުމަށް ﷲ މެދުވެރި ކުރެއްވި (ކުރައްވަވާ) ސަބަބެވެ. އެދެމީހުންނަށް ކިޔަމަންތެރިވެ އިޙުސާންތެރިވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.

ﷲސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރުއާނުގެ އަލް އިސްރާ ސޫރަތުގައި، ހަމައެކަނި އެއިލާހަށް އަޅުކަން ކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް އިޙްސާންތެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. 

އަދި ލުޤްމާން ސޫރަތުގައި، އެއިލާހަށް ޝުކުރުވެރިވުމަށް އަމުރު ކުރެއްވުމަށް ކުރެއްވި އަމުރުފުޅާ ވިދިގެންވަނީ މައިންބަފައިންނަށް ޝުކުރުވެރިވުމަށް ކުރެއްވި އަމުރު ފުޅެވެ. 

ހެޔޮ ކަންތައްތަކުގައި އެދެމީހުންނަށް ކިޔަމަންތެރިވުން. 

އަދި އެދެމީހުންނަށް އިޙްސާންތެރިވުމާއި، އެދެމީހުން ކުރިމަތީ ބޮޑާވެ ނުގަތުން. 

އެދެމީހުންގެ ކަންތައްތައް ކުރުމުގައި އުފާވެރިވެފައި ހުރުން. 

އަދި އެދެމީހުންނާއި ބައްދަލުވާހިނދު އުފާވެރި މޫނަކާއި އެކީ ބައްދަލުކުރުން. 

އެދެމީހުންނަށް ސަލާމް ކުރުމުގައި އިސްވެގަތުން.

 އަދި އެ ދެމީހުންގެ އަތަށާއި ބޮލަށް ބޮސް ދިނުން. 

އެދެމީހުންނަށްޓަކައި މަޖިލިސްގައި ފޭވެ ހުރުން. 

އެދެމީހުން ކުރިމަތީ އިށީނދެ އިނުމުގައި އިންނަން ވާނީ އަދަބު އިޙްތިރާމާ އެކުގައެވެ. އަދި އެމީހުން ތިބޭ މަޖިލިސްތަކުގައި އަޑުންއަޑުނަގައި ހުނުންފަދަ ބޭއަދަބީ ކަންތައްތަކުން ދުރުވެ ރައްކާތެރިވުން. 

އަދި މަޖިލިސްގައި ތިބޭއިރު އެދެމީހުންނަށް ކުރިމަތިވާގޮތަށް ދެފައި ދަމާލައިގެން ނުއިނުން. އަދިވެސް މިފަދަ މަޖިލިސްގެ އަދަބު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުން. 

މަސައްކަތުގައި އެ ދެމީހުންނަށް އެހީތެރިވުން.

އެ ދެމީހުންކުރެ މީހަކު ތިބާއަށް ގޮވައިފިނަމަ އިޖާބަދިނުމުގައި އަވަސްވެގަތުން.

އެދެމީހުން ނިކަމެތިކުރުމުން އެއްކިބާވެ ދުރުވުން. އެ ދެމީހުން ކުރިމަތީގައި ބޮޑާވެ ނުހެދުން.

ރޭގަނޑު އެދެމީހުންގެ ކުރިމަތީގައި ހިނގުން. އަދި ދުވާލު އެދެމީހުންގެ ފަހަތުން ހިނގުން

އެދެމީހުންނާއި އެކީގައި ކާމޭޒު ދޮށުގައި ތިބޭއިރު، އެދެމީހުންނަށް ވުރެ ކުރިން ކާއެއްޗެއްސާ ދިމާއަށް ތިބާގެ އަތް ދިގު ނުކުރުން. 

އެ ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހިއްޖެނަމަ، އިޞްލާޙުކުރުމަށް މަސައްކަތް ކުރުން. 

އެދެމީހުންގެ ގާތަށް ޒިޔާރަތް ކުރުމުގައްޔާއި، އެދެމީހުންގެ ގާތުން ދުރަށްދާ ހިނދު، އިޛުނަ ހޯދުން. 

އެދެމީހުންނަށް ﷲގެ މަތިން ހަނދުމަ ކޮށްދިނުން.  

އެދެމީހުންނަށް ދީނުން ނޭނގޭ ތަކެތި ބުނެދިނުން. މިގޮތަށް ބުނެދިނުމުގައި ތިބާއަކީ މުޢައްލިމަކަށް ވެގެން ނޫޅޭށެވެ. އޭގެ ބަދަލުގައި، ތިބާއަކީ އެދެމީހުންގެ ދަރިއެއްކަމާއި، އެދެމީހުންނަކީ ތިބާގެ މައިންބަފައިންކަން ދަނެގެން އެދެމީހުންނާ ވާހަކަ ދައްކާށެވެ.

 އެދެމީހުންގެ އަގު ހިފެހެއްޓުމަށް މަސައްކަތް ކުރުން. 

 އެއީ ރަނގަޅުއަޚްލާޤެއްގެ ވެރިއަކަށް ތިބާވެ، ނުބައި އެކުވެރިން ދޫކޮށް، ނުބައި ކަންތައްކުރެވޭ، ނުވަތަ އެފަދަ ކަންތަކަށް ޝައްކު ކުރެވޭ ތަންތަނާއި ދުރުހެލި ވެ ހުރެގެންނެވެ.

އެދެމީހުންނަށް މަލާމާތް ކުރުމުން އެއްކިބާދެ ދުރުހެލިވުން. 

އެދެމީހުން އަމުރު ނުކުރި ކަމުގައި ވީނަމަވެސް، އެދެމީހުން ހިތްއުފާވާ ކަންތައް (ކުރުން) ގިނަކުރުން.

އެދެމީހުންގެ ޠަބީޢަތް ދެނެގަތުން. އަދި އެދެމީހުންނާ މުޢާމަލާތް ކުރުމުގައި އެކަމަށް ބެލުން. 

އެދެމީހުންނަށްޓަކާ ދުޢާކުރުން. އެދެމީހުންގެ ޙަޔާތުގައްޔާއި، މަރުވުމަށްފަހުގައިވެސް، އެދެމީހުންނަށް ފާފަފުއްސެވުމާއި، ރަޙްމަތަށް އެދި ގިނަގިނައިން ދުޢާ ކުރުން. 

މަސްދަރު: ނޫރުލްއިސްލާމް

 

މިއަދު އޮންލައިން