ޤިޔާމަތްދުވަހު ﷲ ތައާލާއާ ރަސޫލް (ޞޢޥ) އާއެކު ވެވެން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ޤިޔާމަތްދުވަހު ﷲ ތައާލާއާ ރަސޫލް (ޞޢޥ) އާއެކު
ވެވެން އޮތް ގޮތް!

 

"ޤިޔާމަތް ވާނީ ކޮން އިރަކުތޯ؟" އެއް ދުވަހަކު މީހަކު ރަސޫލް (ﷺ)އަށް ސުވާލު ދެންނެވިއެވެ. ރަސޫލް (ﷺ) އޭނާއަށް ޖަވާބު ނުދެއްވަވައި އުޅުއްވަވަނިކޮށް ނަމާދު ވަގުތެއް ޖެހުމުން އިސްކަން ދެއްވީ ނަމާދު ކުރެއްވުމަށެވެ. ނަމާދު ނިމިވަޑައިގެން އޭނާ ހޯއްދަވައި އޭނާ އާއި ސުވާލު ކުރެއްވެވިއެވެ. "ޤިޔާމަތް ވެދާނެކަމަށް ތައްޔާރުވާން ތިބާ ކުޅައީ ކޮން ކަމެއް ހެއްޔެވެ؟"

ޖަވާބުގައި އޭނާ ދެންނެވީ ފަރުޟު ކަންކަމުގެ އިތުރަށް އޭނާއަށް މާގިނަ ކަންތައްތަކެއް ނުކުރެވޭ ކަމަށާއި ނަމަވެސް އޭނާ އަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ﷺ) ދެކެ ވަރަށް ލޯބިވާ މީހަކު ކަމަށެވެ. ޖަވާބުގައި ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ "ޤިޔާމަތް ދުވަހު އެމީހަކު ވާނީ އެމީހަކު ދުނިޔޭގައި އެންމެ ލޯބިވީ މީހަކާއިއެކުގައި" ކަމަށެވެ. މާނައަކީ ސުވާލުކުރި އެމީހާ އެންމެ ލޯބިވަނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) ދެކެ ކަމުގައިވުމުން އޭނާ ޤިޔާމަތް ދުވަހު ވާނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) އާއިއެކުގައި ކަމެވެ.

އަނަސްގެފާނު ވިދާޅުވެފައިވަނީ އެ ގޮތަށް ޙަދީޘްފުޅު ކުރެއްވެވުމުން ދުވަހަކު ލިބިވަޑައިނުގަންނަވާ ވަރަށް ޞަޙާބީންނަށް އުފާވެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. ސަބަބަކީ އެބޭކަލުން އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވަނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) ދެކެ ކަމުގައިވުމުން އެބޭކަލުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ރަސޫލް (ﷺ) އާއިއެކުގައި ތިއްބެވޭނެކަން ޙަދީޘްފުޅުން އެނގިވަޑައިގަތުމުން ކަމަށެވެ.

--ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ﷲ ތައާލާ އާއި ރަސޫލް (ﷺ) ދެކެ ލޯބިވުމަކީ ހަމައެކަނި ދުލުން ބުނާ ބުނުމެއް ނޫނެވެ. އެއީ އެމީހާގެ އަމަލުތަކުން ދައްކަން ޖެހޭނެ ކަމެކެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުހުރުން ކަމަށެވެ.

މި މަތިވެރި ފަޚުރާއި ޝަރަފް އަދި މި މަތިވެރި ނިޢްމަތް ހާޞިލުކުރަން އަޅުގަނޑުމެންނަށް މިއަދު އެއްވެސް ވަރަކަށް އެބަ މަސައްކަތްކުރެވޭތޯ ބައެއް އިލްމުވެރިން ވަނީ ދަރުސްތަކުގައި ސުވާލުކުރައްވަވައިފައެވެ.

-މިއަދުނޫސް

 

 

 

މިއަދު އޮންލައިން