ޚުޠުބާ: އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 34ސ
ޚުޠުބާ: އިސްލާމްދީން ބަލަނީ އެތެރެފުށާއި
ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށެވެ!

މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. އެހެނިހެން ދީންތަކާއި، ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން ޢާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށެވެ. ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(اَلطَّهُوْرُ شَطْرُ الْإِيْـمَانِ)[1] މާނައީ: "ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ."

ވިސްނާށެވެ! މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލަކީ ސާފުތާހިރުކަމެވެ. އޭނާ ނަމާދަށް ހުއްޓެނީ ވުޟޫކޮށް ތާހިރުވެގެންނެވެ. ޤުރްއާން ކިޔަވަނީ ވެސް ތާހިރުކަންމަތީ ހުރެގެންނެވެ. އޭނާގެ ހަށިގަނޑާއި ފޭރާމާއި އުޅޭ ތަން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި އާދައެއް ނޫނެވެ. އެއީ الله سُبْحَانَهُ وَتَعَالَى ލޯބިވެވޮޑިގަންނަވާ މަތިވެރި އަޅުކަމެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ﮋﮃ  ﮄ  ﮅﮊ[2] މާނައީ: "طَاهِرُވެގަންނަ މީހުން ދެކެ الله ލޯބިވެވޮޑިގެންވެތެވެ." އަދި ދަންނާށެވެ! ޙަޤީޤީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއްނޫނެވެ. ޝިރުކާއި، ޙަސަދައާއި، ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެކެވެ.

މުސްލިމްީއަޚުންނޭވެ!

މާތް الله އިންސާނާ އުފައްދަވައިފައިވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. މި ސާފުކަން ދެމެހެއްޓުމަށް ޓަކައި، މާތް ނަބިއްޔާ z ވަނީ "ފިޠުރަތުގެ ސުންނަތްތައް" އަހަރެމެންނަށް އުނގަންނައިދެއްވައިފައެވެ. އެ ކަންތައްތައް ބަޔާންކޮށްދެއްވައި، މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (خَمْسٌ مِنَ الْفِطْرَةِ: اَلْخِتَانُ، وَالْاِسْتِحْدَادُ، وَنَتْفُ الْإِبْطِ، وَتَقْلِيْمُ الْأَظْفَارِ، وَقَصُّ الشَّارِبِ)[3] މާނައީ: "ފިޠުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި، ފޫޅުންތިރީ އިސްތަށި ބޭލުމާއި، ކިހިލިފަތް ދަށު އިސްތަށި އުފުރުމާއި، ނިޔަފަތި ކެނޑުމާއި، މަތިމަސް ކޮށުމެވެ." ދަންނާށެވެ! މި ކަންކަމަށް ފަރުވާކުޑަކޮށް، މިއާ ޚިލާފަށް ޢަމަލުކުރުމަކީ މުސްލިމުންގެ އަޚުލާޤެއް ނޫނެވެ. އެއީ ޖަރާސީމު އުފެދި، ހަށިގަނޑުން ނުބައި ވަސް ދުވުމަށް މެދުވެރިވާ ކަމެކެވެ. އަދި އެއީ އިންސާނީ ރީތި ފިޠުރަތާ ޚިލާފު ސިފައެކެވެ.

މުސްލިމް އަޚުންނޭވެ! މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން އެބަފެނެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް "ވެކްސް" ކުރުމަށް ނުވަތަ "ލޭޒާ ޓުރީޓްމެންޓު" ހެދުމަށްޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި ޢައުރަ ކަޝްފުކުރުމެވެ. މިއީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ޞިއްޙީ ފަރުވާއެއް ފަދަ ޟަރޫރީ ޙާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެއެވެ. ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ޙަރާމް މަގުތަކުން އެއްކިބާވެ ތިބެގެންނެވެ.

މުސްލިމް އަޚުންނޭވެ! މިސްކިތްތަކަކީ މަލާއިކަތުން ޙާޟިރުވާ ތަންތަނެވެ. އާދަމުގެ ދަރިޔާއަށް އުނދަގޫވާ ކޮންމެ ކަމަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ. ވީމާ ތިމާގެ ހަށިގަނޑާއި ފޭރާމުން ދުވާ ވަހަށް ސަމާލުވާށެވެ! މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَكَلَ الْبَصَلَ وَالثُّوْمَ وَالْكُرَّاثَ  فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلاَئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُوْ آدَمَ‏‏)[4]  މާނައީ: "(ނަމާދު ވަގުތާ ކައިރިކޮށް) އެއްވެސް މީހަކު ފިޔާއާއި ލޮނުމެދާއި ލީކުސް ކައިގެން، ތިމަންމެންގެ މިސްކިތްތަކާ ކައިރިނުވާހުށިކަމެވެ. (އެބަހީ: ނަމާދުގެ ޖަމާޢަތަށް ނާންނާށެވެ!) ފަހެ، ހަމަކަށަވަރުން، އާދަމުގެ ދަރީންނަށް އެ ކަމަކުން އުނދަގޫވާ ކަންތައްތަކުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅު ވެއެވެ."

އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކޮށްގެން، ނުވަތަ ގައިން ދާވަސް ދުވާ ޙާލުގައި ނުވަތަ އަނގައިން ނުބައިވަސް ދުވާ ޙާލުގައި، މިސްކިތުގެ ޖަމާޢަތަށާއި މީސްތަކުން އެއްވެ ތިބޭ ތަންތަނަށްދާ އިރު އެ ވަސްތައް ކަނޑުވައިގެން މެނުވީ އެ ފަދަ ތަންތަނަށް ނުދާށެވެ! އެއީ އެހެން މީހުންނަށް ކުރެވޭ އުނދަގުލެކެވެ! 

މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ ރީތިކަމަށް ލޯބިކުރާ، އަދި ޒީނަތްތެރިވުމަށް ހިތްވަރުދޭ ދީނެވެ. މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ اللهَ جَمِيْلٌ يُـحِبُّ الْجَمَالَ)[5]  މާނައީ: "ހަމަކަށަވަރުން، ﷲ تَعَالَىއީ، ހުރިހައި ފުރިހަމަކަމަކާއި ރީތިކަމެއްގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރީތިކަމަށް ލޯބިކުރައްވައެވެ." ވީމާ، ތިބާ ލައިއުޅޭ ފޭރާމާއި، ދިރިއުޅޭ ގެދޮރާއި، ތިބާގެ ބޭރުފުށް ސާފު ތާހިރުކޮށް ބެހެއްޓުމާއެކު، މާތްﷲ އެންގެވިގޮތަށް ޢަމަލުތައް ބެހެއްޓުމަކީ، އެތެރެފުށުގެ ސާފުތާހިރުކަމެވެ.

 

 


މިއަދު އޮންލައިން