ފުރަތަމަ މިކިޔައިދެނީ އަންތބަކަށް ކަންކަން ކުރިމަތިވި ގޮތެވެ. ފިރިމީހާއަކީ ތަނަވަސް މީހެކެވެ. ދެމަފިރިން ފުރަތަމަ ދިރިއުޅެމުން އައީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް ވަރަށް ލޯބިންނެވެ. އެކަމަކު ހައަކަމަސްވީތަނާ ފިރިމީހާ ބަދަލުވެއްޖެއެވެ. އަނބިމިހާއަށް އިޙްތިރާމްކުރުން ކުޑަކުރަން ފަށައިފިއެވެ. އަހަރުވީއިރު ކަންކަންކުރަނީ ކުރާނެ ގޮތަކަށެވެ.
އެކަންކަމަށް ކެތްނުކުރެވިގެން ފިރިމީހާއާއި މަޝްވަރާކުރަން އުޅުމުން ބުނީ އަނބިމީހާގެ ޢާއިލާއަށް މިވެނި އެވެނި ބޮޑެތި ޚަރަދުތަކެއް ކޮށްދީފިން ކަމަށެވެ. އަނބިމީހާ ދައްކާ ވާހަކަ މައިންބަފައިން މިހާރު ޤަބޫލުވެސް ނުކުރާނެ ކަމަށެވެ. ވީމާ ރަނގަޅު ގޮތަކީ މަޑުން އިނުން ކަމަށެވެ.
އަނބިމީހާ ދިއައީ ސިއްސައިގެންނެވެ. އެއީ އޭނާއަށް އަންގައިވެސް ނުލާ އެހާބޮޑެތި ޚަރަދުތަކެއް ފިރިމީހާ ލައްވައި ކުރުވީތީއެވެ. އެކަމާ ސުވާލުކުރުމުން ބުނީ ޅީދަރިފުޅަކީ ވަރަށް ރަނގަޅު ދަރިއެއް ކަމަށާއި ކަމަކު އެދޭއިރަށް ކޮށްލައިދޭތީ ކަންކަމު އެދެވެނީ ކަމަށެވެ. މަންމަގެ ވާހަކަ ހުރިގޮތުން އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެނގުމުން އިތުރަށް އެވާހަކައެއް ނުދައްކައެވެ.
އަނބިމީހާއަށް ލިބެމުން އައި ހިތްދަތިކަމުން ސަލާމަތްވެވުނީ ފިރިމީހާގެ އެކުވެރިންގެ ތެރެއިން އޭނާއަށްވުރެވެސް ތަނަވަސް މީހަކަށް ކަންކަން ފެނި އޭނާއަށް އެހީތެރިވުމުންނެވެ. ފުރަތަމަވީ ހަމްދަރުދީއެވެ. ހަމްދަރުދީ ލޯތްބަށްވެސް ބަދަލުވީއެވެ. އޭނާގެ ޢާއިލާއަށް ކުރި ޚަރަދުވެސް އަނބުރާދީފައި ރީތިގޮތުގައި ދެމީހުން ގުޅުނީއެވެ.
މިއީ ކޮންމެ މީހަކަށް ލައްވަވާނެ ނަޞީބެއް ނޫނެވެ. މިބުނި މައްސަލައިގައި ޢުކުރަށް ކަރުނައަޅަން ތިބެންޖެހެނީ ކިތައް އަނބިންނަށް ހެއްޔެވެ؟ އެކަމަކު މިމައްސަލައަށް ވިސްނާ މައިންބަފައިން ވަރަށް މަދެވެ. އެއީ ވަރަށް ދެރަ ކަމެކެވެ. ވީމާ މިއީ މައިންބަފައިން އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ.
ދަރިފުޅުގެ ފިރިމީހާއަތުން އެއްޗެއް ހޯދާނަމަ އެކަމުގައި ދަރިފުޅު މެދުވެރިކުޜާށެވެ. އޭނާއަށް އަންގައިގެން ނޫނީ އެހީތެރިކަން ނުހޯދާށެވެ. ރަނގަޅު ގޮތަކީ އެއީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން