ފުރުޞަތުގެ ބޭނުން ހިއްޕަވާ! އުޑުގެ ދޮރުކޮޅުތައް ހުޅުވި ދުޢާ ޢިޖާބަ ކުރައްވަވާނެ 5 ޙާލަތެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 39ސ
ފުރުޞަތުގެ ބޭނުން ހިއްޕަވާ! އުޑުގެ ދޮރުކޮޅުތައް ހުޅުވި ދުޢާ ޢިޖާބަ ކުރައްވަވާނެ 5 ޙާލަތެއް!

އުޑުގެ ދޮރުކޮޅުތައް ހުޅުވޭ 5 ހާލަތެއް: ޝައްކެތްވެސް ނެތް ގޮތުގައި الله ސުބްޙާނަހޫ ވަތަޢާލާއަކީ އެ އިލާހުގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. އެ އިލާހުގެ ނިޢުމަތްތަކަކީ އަޅުތަކުންނަށް ގުނާ އަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތަކެކެވެ. އެގޮތުން ދުވާލުގެ 5 ވަގުތެއްގައި މާތް الله އުޑުގެ ދޮރުކޮޅުތައް ހުޅުވާލައްވައެވެ. މި ވަގުތުތަކުގައި އަޅުކަމުގައި ހީވާގިވުމަކީ މާތް اللهގެ ރުހިވޮޑިގަތުން ލިބޭނޭކަމެކެވެ. ތިރީގައި މިވަނީ ކޮންމެ ދުވަހަކުވެސް އުޑުގެ ދޮރުކޮޅުތައް ހުޅުވޭނޭކަމަށް ރަސޫލާ މުޙައްމަދުﷺ ޙަދީޘް ކުރައްވާފައިވާ 5 ވަގުތެވެ. މެންދުރު ނަމާދުގެ ވަގުތު: ދުވާލުގެ ވަގުތުގައި އެންމެ ފުރަތަމަ އުޑުގެ ދޮރުކޮޅުތައް ހުޅުވާލައްވަނީ މެންދުރު ނަމާދު ވަގުތުއެވެ. މި ވަގުތަކީ ގިނަފަހަރަށް އަޅުގަނޑުމެން ދުނިޔޭގެ ކަންކަމުގައި މަޝްޢޫލުވެގެން އުޅޭވަގުތެވެ. އޮފީހުގައި ބިޒީވެގެން ނުވަތަ ގޭތެރޭގެ ކަންކަމުގައި ބުރަކޮށްލައިގެން އުޅޭގަޑިއެވެ. އެހެން ކަމުން އަޅުގަނޑުމެންނަށް މެންދުރު ނަމާދު ފަސްކޮށްލެވެއެވެ .ނަމަވެސް މިވަގުތު އަޅުކަމުގައި ހޭދަކޮށްލުމައް އަވަސްވެ ގަންނާށެވެ. އޭރުން މާތް الله އަޅުތަކުންގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ. “މެންދުރުނަމާދުގެ ވަގުތު ނަބިއްޔާ މެންދުރުނަމާދުގެ އިހު ސުންނަތުގެ 4 ރަކްޢަތް ކުރައްވައެވެ. އަދި ހަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން މިވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވެވޭ ވަގުތުކޮޅެކެވެ. އެހެންކަމުން މިވަގުތުކޮޅުގައި ތިމަންކަލޭގެފާނުގެ ކިބައިން ޞާލިޙް އަމަލެއް އުފުއްލެވިގެން ދިއުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.“ (ތިރްމިޒީ) ބަންގި ގޮވާ ވަގުތު: ފަރުޟު ނަމާދުތަކަށް ބަންގިގޮވާ ކޮންމެ ވަގުތަކީ އުޑުގެ ދޮރުކޮޅުތައް ހުޅުވިގެންދާ ވަގުތެކެވެ. އެހެންކަމުން މިވަގުތު ދުޢާ ދެންނެވުމަށް ހުސްކުރާށެވެ. މި ވަގުތަކީ ދުޢާ އިޖާބަ ކުރައްވާނޭ ވަގުތެއްކަން ކަށަވަރެވެ. އަނަސް އިބްނު މާލިކް (ރޢ) ރިވާކުރައްވާފައިވާ ހަދީޘް އެއްގައި ވެއެވެ. ރަސޫލާ މުޙައްމަދުﷺ ޙަދީޘް ކުރެއްވިއެވެ. “ނަމާދަށް ބަންގިގޮވާ ވަގުތުގައި އުޑުގެ ދޮރުކޮޅުތައް ވަނީ ހުޅުވިގެންނެވެ. އަދި އެވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެކެވެ.“ ފަރުޟު ނަމާދެއް ކުރުމަށްފަހު ދެން އޮތް ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި މަޑުކުރާހިނދު: ޢަބްދުﷲ ބިން އަމްރުގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ރަސޫލާﷺ އާއެކު މަޣްރިބް ނަމާދު ކުރެއްވީމެވެ. ދެން އެއްބައި ބޭކަލުންގެ ތެރެއިން މިސްކިތުން ފައިބައި ވަޑައިގެންނެވި ބޭކަލުން ފައިބައި ވަޑައިގެތެވެ. އަދި މަޑުކުރެއްވި ބޭކަލުން މަޑުކުރެއްވިއެވެ. ދެން ރަސޫލާﷺ މިސްކިތުން ފޭބުމަށް ފަހު ހެދުންކޮޅު ކަކުލާ ހަމައަށް ނަންގަވާ އަވަސްވެ ވަޑައިގަތެވެ. އަދި މަޑުކުރެއްވި ބޭކަލުން މަޑުކުރެއްވިއެވެ. ދެން ރަސޫލާﷺ މިސްކިތުން ފޭބުމަށްފަހު ހެދުންކޮޅު ކަކުލާހަމައަށް ނަންގަވާ އަވަސްވެ ވަޑައިގެން މިސްކިތަށްވެންނެވިއެވެ. އަދި ހަދީޘްކުރެއްވިއެވެ. އުފާވެރިކަމުގެ ހަބަރު ހުއްޓެވެ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އުޑުގެ ދޮރުކޮޅުތައް ހުޅުވާ ލައްވައިފިއެވެ. ތިޔަބައިމީހުންނާމެދު ފަޚުރުވެރިވެ ވަޑައިގަންވާ ހާލުގައި މަލާއިކަތުންނަށް ވަޙީ ކުރެއްވިއެވެ. ތިމަން އިލާހުގެ އަޅުތަކުންނަށް ބައްލަވާށެވެ. އެމީހުން އެމީހުންގެ ފަރުޟު އަދާކުރުމަށްފަހު މިހާރު އެތިބީ އެހެން ފަރުޟެއްގެ އިންތިޒާރުގައެވެ. ރޭގަނޑުގެ ފަހުބައި ގައި: މިވަގުތަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ނިދާފައި ތިބޭ ވަގުތެވެ. ނުވަތަ ޒުވާންކުދިން ރޭގަނޑުގެ ނިދި ނަގާލާފައި ޕަބްޖީ ކުޅުމުގައި އާއި މީމްސް ފަދަތަކެތި ޝެއަރ ކުރުމުގައި ހޭލާ ތިބޭވަގުތެވެ. މި ވަގުތުގައި މާތް الله ދުނިޔޭގެ އުޑަށް ފައިބައިވަޑައިގަންނަވާ އެ އިލާހުގެ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވައެވެ. އެހެންކަމުން އަޅުގަނޑުގެ ދިރިއުޅުމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ސްޓޭޓަސް ތަކެއްގެ ގޮތުގައި ޝެއަރ ކުރުމުގެ ބަދަލުގައި މި ވަގުތުގައި ތެދުވެ މާތް اللهގެ ހަޟްރަތުގައި ދެންނެވުންމާ ބުއްދިވެރިއެވެ. ރަސޫލާ ‎ﷺ ހަދީޘް ކުރައްވާފައި ވެއެވެ. “އަހަރުމެންގެ ވެރިރަސްކަނލާގެ ކޮންމެ ރެއަކު ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަށްވާހިނދު ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. ދެން ވަޙީ ކުރައްވައެވެ. ތިމަން الله އަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ ފަހެ އޭނާއަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަން الله އަށް އެއްޗަކަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ދެއްވާ ހުށީމެވެ. ތިމަން الله އަށް ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ފާފަފުއްސަވައިދެއްވާހުށީމެވެ." މި ދުޢާ ކިޔާހިނދު އުޑުގެ ދޮރުކޮޅުތައް ހުޅުވެއެވެ. "اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلاً" އިބްނު އުމަރުގެފާނު ރިވާކުރައްވާފައިވާ ހަދީޘްއެއްގައި ވެއެވެ. "ތިމަންބޭކަލުންގެ ތެރެއިން މީހަކު ރަސޫލާ އާއިއެކު ނަމާދު ކުރައްވަނިކޮށް މަތީގައި ބަޔާންވެދިޔަ ދުޢާކުރެއްވިއެވެ. ދެން ރަސޫލާ ހަދީޘް ކުރެއްވިއެވެ. އެފަދައިން ކިޔުއްވީ ތިޔައިގެ ތެރެއިން ކޮންބޭކަލެއް ހެއްޔެވެ؟ ދެން އެތަނުން ބޭކަލަކު އެހެން ދުޢާކުރެއްވީ ތިމަންނައޭ ބުނެފިއެވެ. ދެން ރަސޫލާﷺ ޙަދީޘް ކުރެއްވިއެވެ. އެ ދުޢާގެ ސަބަބުން އުޑުގެ ދޮރުކޮޅުތައް ހުޅުވައިލެއްވުމުން ތިމަން ކަލޭގެފާނު ހައިރާންވެވަޑައިގެންފީމެވެ" والله أعلم (މިއީ ސޯޝަލް މީޑިއާއިން ފެނިލައްވައިގެން މިއަދުނޫހުގެ ޚާއްޞަ ކިޔުންތެރިއަކު ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ.)

މިއަދު އޮންލައިން