ނަމާދުގަ ޚުޝޫޢަތްތެރިވެވޭނީ ދުނިޔެއިން އެދޭ ކަންކަމާ އެދޭ މިންވަރު މަދުކުރެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ނަމާދުގަ ޚުޝޫޢަތްތެރިވެވޭނީ ދުނިޔެއިން އެދޭ ކަންކަމާ އެދޭ މިންވަރު މަދުކުރެވިގެން!

އަހުރެމެންގެ ޢަމަލުތައް ގުޅިގެންދަނީ ހިތާއިއެވެ.

ސިކުނޑީގެ މަސައްކަތްތައް އެނބުރިގެންދަނީ ހިތްބޭނުންވާ ގޮތަކަށެވެ. ވީމާ ސިކުނޑީގައި އަބަދުވެސް އެނބުރޭނީ އެމީހަކު އެންމެ ބޮޑަށް ބޭނުންވާ ކަންކަމެވެ. ޝައިޠޯނާ ބާރުފޯރުވަނީ ތިބާގެ ސިކުނޑިއަކަށް ނޫނެވެ. ހިތަށެވެ. ހިތަށް ބާރުފޯރުވީމާ ހިތް ސިކުނޑިއަށް އެކަމުގެ ސިގްނަލް ފޮނުވައިދެނީއެވެ.  

ވީމާ ނަމާދަށް ހުއްޓޭ ވަޤުތުން ފެށިގެން ދުނިޔޭގެ އެދުންތަކުން ތިމާގެ ހިތް ސަލާމަތްކުރަން އެބަޖެހެއެވެ. އެކަންކުރެވޭނީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ!  

"އަހުރެންނަށް ނަމާދުގަ ޚުޝޫޢަތްތެރިވެވުނީ ވަރަށް ބުރަ މަސައްކަތުންނެވެ. ނަމާދަށް ހުއްޓޭއިރަށް ޝައިޠޯނާ އައިސް ދުނިޔެއިން އަހުރެން އެދޭކަންކަން ހަނދާންކޮށްދޭތީއެވެ. އެއްކަމަކަށްފަހު އަނެއް ކަމެއް ހަނދުމަކޮށްދޭތީއެވެ. އެހެންވެ އެއްދުވަހު ދުޢާކުރީމެވެ! "ޔާ ﷲ! މިއަޅާއީ ދުނިޔެއިން އެއްވެސް ކަމަކަށް ބޭނުންނުވާ މީހުންގެ ތެރެއިން ލައްވަވާނދޭވެ!" މިއީ ކުރަން ރަނގަޅު ދުޢާއެއް ނޫންކަން ވިސްނުނީ ފަހުންނެވެ. އެއީ ދުނިޔެއާއި އާޚިރަތަށް އެދެން ޙަދީޘްފުޅުގައި އޮތުމުންނެވެ.  

ކޮންމެއަކަސް އަހުރެންގެ ނިޔަތް ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ. އެހެންވެ އަހުރެންގެ ބޭނުން ފުއްދަވައި ދެއްވެވިއެވެ. ދުނިޔެއިން ކަންކަމަށް ދަހިވެތިވާ މިންވަރު ކުޑަވެގެންދިއައެވެ. ނަތީޖާއެއްގެ ގޮތުން ނަމާދުގައި ޚުޝޫޢަތްތެރިވެވެން ފެށިއެވެ."

މިއީ މީހަކު ބުނެފައިވާ ވާހަކައެކެވެ. މިވާހަކަކޮޅާއިއެކު އަބަދުވެސް ހަނދާންކޮށްދޭ ކަމެއް މިރޭވެސް ހަނދުމަކޮށްލައިދޭނަމެވެ.

މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ.  

އެއީ ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް މީހަކަށް އޭނާގެ ނަމާދު ފުރިހަމައެއް ނުކުރެވޭނެއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރުން ފިޔަވައި ދުނިޔަވީ އަމިއްލަ އެދުންތައް ހިފައިގެން މިސްކިތަށް އެރުމުން ނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެތީއެވެ!  

ވީމާ ފުރަތަމަކަމަކަށް ނަމާދު ފުރިހަމަކޮށް ޛިކުރުތައް ކިޔައި ސުންނަތްވެސް ކުރާށެވެ! އެއަށްފަހު ތިމާ ބޭނުންވާ ކަންކަމުގެ ވާހަކަތައް ދަންނަވައި ދުޢާކުރާށެވެ! އެއިރުން އެމީހާގެ ބޭނުންތައް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން