ޢާއިޝަތު ރަފާޙް ޢަލީ
ދެވަނަ ބަޔަކީ، އިމްތިޙާނު ކުރެވޭ މުއުމިނުންނެވެ. އިސްރާއީލުގެ ދަރިކޮޅުގެ ބައެއް މީހުން ފަދައިން، މި މީހުންގެ ކިބައިގައި ފުރިހަމަ ޔަޤީންކަމެއް ނުހުރެއެވެ. ފިތުނައިގެ ވަގުތުތަކުގައި ގިނަ މީހުންގެ ޙާލަކީ މިއީއެވެ. އެމީހުން ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެއެވެ. އަދި ގިނަ ފަހަރަށް އެމީހުންނަކީ އަނިޔާ ލިބޭ، ކެތްތެރިވާ ބައެކެވެ.
ނަމަވެސް، ކަންކަން ދަތިވެ، ސަލާމަތްވާނެ މަގުތައް ބަންދުވެ، ނުރައްކާ ގާތްވުމުން، އެމީހުންގެ ޔަޤީންކަން ބަލިކަށިވެއެވެ. އެމީހުން ބިރުގަނެ، ސަލާމަތްވެވިދާނެ ކަމާމެދު ޝައްކު އުފެދެއެވެ. އިސްރާއީލުގެ ދަރިކޮޅުގެ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމަށް ކެތްކުރިއެވެ. ނަމަވެސް، ކަނޑާ ހަމައަށް ފޯރައި، ފަހަތުން ދުޝްމަނުން އަންނަތަން ފެނުމުން އެމީހުންގެ ހިތްތައް ބިރުން ތަޅުވައިގަތެވެ. އަދި މޫސާގެފާނަށް ދެންނެވިއެވެ: ހަމަކަށަވަރުން އަހަރެމެން މިތިބީ އަތުލައިގަނެވިފައެވެ. އެމީހުން ކާފިރުވީއެއް ނޫނެވެ. ނަމަވެސް އެ ދަނޑިވަޅުގައި އެމީހުންގެ ޔަޤީންކަން ވަރުގަދަކުރުމަށް ނުހަނު ބޭނުންވިއެވެ.
ތިންވަނަ ބަޔަކީ، މާތް ﷲ އަށް ފުރިހަމައަށް އިތުބާރުކޮށް ވަކީލުކުރާ މުއުމިނުންނެވެ. މީގެ އެންމެ ފުރިހަމަ ނަމޫނާއަކީ މޫސާގެފާނާއި، އަދި އަޅުގަނމެންގެ ނަބިއްޔާ މުޙައްމަދު ﷺ އެވެ. މިއީ އަޅުގަނޑުމެން މިސާލަކަށް ބަލަންޖެހޭ ސީދާ މަގެވެ. މިއީ ކިތަންމެ ބޮޑު ފިތުނައަކާ ކުރިމަތިލާން ޖެހުނަސް، މާތް ﷲ ގެ މަތިން ފުރިހަމަ ޔަޤީންކަމާއި އިތުބާރާއެކު، ދާއިމީ ކެތްތެރިކަމެއްގައި ސާބިތުވެ ތިބޭ ބޭކަލުންނެވެ.
ޙާލަތްތައް ކިތަންމެ ނާޒުކުވެ، ސަލާމަތްވާނެ ވަސީލަތެއް ނެތްކަމަށް ފެނުނަސް، މިފަދަ މުއުމިނުންގެ ހިތުގައި އޮންނަ ޔަޤީންކަން ލޮޅުމެއްނެތި ވަރުގަދަވާނެއެވެ. މޫސާގެފާނު އެންމެ ދަތި ވަގުތުގައިވެސް އެކަލޭގެފާނުގެ އިތުބާރާއި އަޒުމު ދޫނުކުރައްވައެވެ. ފުރިހަމަ އީމާންތެރިކަމާއެކު ވިދާޅުވީ: ނޫނެކެވެ! ހަމަކަށަވަރުން އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނާ އެކުގައި ވޮޑިގެންވެއެވެ. އެކަލާނގެ އަހުރެންނަށް މަގުދައްކަވާނެއެވެ. މިއީ އެކަލޭގެފާނަށް ނަޞްރާއި، ސަލާމަތާއި، ބާރުވެރިކަން ލިބުމަށް މެދުވެރިވި ސަބަބެވެ. އެއީ އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ބަދަލުނުވާ ފުރިހަމަ ޔަޤީންކަމެވެ.
އިމްތިޙާނުތަކާއި ކުރިމަތިލާންޖެހޭ ހިނދު، ތިބާގެ މަޤާމަކީ ކޮބައިހެއްޔެވެ؟ އަޅަމެން އެދެނީ ﷲ ތަޢާލާގެ ވަޢުދުފުޅަށް ފުރިހަމައަށް އިތުބާރުކުރާ މުއުމިނުންގެ ތެރެއިން އަޅަމެން ލެއްވުމަށެވެ. ތިބާ ﷲ އަށް އުރެދި، ބޮޑާވެގަންނަ މީހުން ފަދަ މީހަކަށް ވާނަން ހެއްޔެވެ؟ ނުވަތަ އަބަދުވެސް ސާބިތުކަމާއި، ޔަޤީންކަމާއި، ކެތްތެރިކަމަށް ބޭނުންވެފައިވާ މީހަކަށް ވާނަން ހެއްޔެވެ؟ ނުވަތަ ތިބާއީ ﷲ އަށް ފުރިހަމައަށް އިތުބާރުކުރާ، އަމިއްލަ ނަފްސާއި ވަށައިގެންވާ މީހުންގެ ސަލާމަތަށް މަސައްކަތްކުރާ މުއުމިނެއް ފަދަ މީހަކަށް ވާނަން ހެއްޔެވެ؟ ﷲ އަށް ޙަމްދު ހުއްޓެވެ. މީސްތަކުން އެފަދަ މުއުމިނުންގެ ގާތަށް ގޮސް، އެބައިމީހުންގެ ފަރާތުން ކެތްތެރިކަމާއި ޔަޤީންކަން ހޯދައެވެ. މޫސާގެފާނުގެ ކެތްތެރިކަމާއި އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ޔަޤީންކަމުން ޢިބުރަތް ޙާޞިލުކުރާށެވެ.
ނާއުންމީދާއި ދަތި އުނދަގޫ ވަގުތުތަކުގައި ﷲ އަށް ބަރޯސާވެ، ތިބާގެ ނަފްސު ތައްޔާރުކުރާށެވެ. ހިތަށް ހަމަޖެހުން ހޯދައިދީ، ﷲ އަށް އިތުބާރުކުރާ ސާބިތު މީހުންގެ ތެރެއިން ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އަދި މިފަދައިން ދުޢާކުރާށެވެ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ! އިބާރަސްކަލާނގެ މަތިވެރި ވަޖުހުފުޅަށްޓަކައި، އިބާރަސްކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ، ޔަޤީންކަން އޮތް، މުވައްޙިދުންގެ ތެރެއިން މިއަޅާ ލައްވާފާނދޭވެ."
އުފަލުގައާއި ހިތާމައިގައިވެސް، ނަޞްރާއި ކާމިޔާބު ލިބުންވަނީ ﷲ އަށް އިތުބާރުކޮށް، އެކަލާނގެ އަމުރުފުޅުތަކަށް ކެތްތެރިވެ، އެކަލާނގެ ވަޢުދުފުޅުތަކަށް ޔަޤީންކަން ބާއްވާ މީހުންނަށެވެ. އެބައިމީހުން ކެތްތެރިވެ، ﷲ ގެ އާޔަތްތަކަށް ޔަޤީންކޮށް އުޅުނުހިނދު، ﷲ ގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުން ކަމުގައި އެބައިމީހުން ލެއްވެވިއެވެ. ކެތްތެރިކަމާއި ޔަޤީންކަމާއެކު މެނުވީ ދީނީ ގޮތުން އިސްވެރިއެއްގެ މަޤާމެއް ނުލިބޭނެއެވެ.