ކައިވެނި ނުކުރެވި ލަސްވާނަމަ އޮތީ އުފާކުރުން! ﷲ ތިބާއަށް ޚާއްޞަކުރެއްވެވި ފަރާތާ ގުޅެވި ލިބޭނެ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކައިވެނި ނުކުރެވި ލަސްވާނަމަ އޮތީ އުފާކުރުން! ﷲ
ތިބާއަށް ޚާއްޞަކުރެއްވެވި ފަރާތާ ގުޅެވި ލިބޭނެ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ
ﷲ

ފަށަމުންވެސް ބުނެލަން އޮތީ ތިބާ އެކަމަށް ބޭނުންވެ

މަސައްކަތްކުރުމުންވެސް ކައިވެނި ނުކުރެވި ލަސްވާތީ ދެރަނުވާށެވެ! ﷲ ތިބާއަށް ބައްލަވައި ވޮޑިގެންވެއެވެ. އަދި ކައިވެނިކުރެވުން ލަސްވާނަމަ ﷲ އެވަނީ ތިބާ އެންމެ ފައިދާކުރާނެ ފަރާތަކަށްޓަކައި ޚާއްޞަކުރައްވަވާފައެވެ. އެކަން ޔަޤީންކޮށް ޝުކުރުވެރިވެ އުފާކުރާށެވެ! އެކަމަކު ދުޢާކުރުން ހުއްޓައިނުލާށެވެ!  

ކައިވެނި ނުކުރެވި ލަސްވުމަކީ ވަރަށް ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. އަދި މާޔޫސްވުން ވެސް އިތުރުވާ ކަމެކެވެ. އެ މާޔޫސަކަމުގައި ބައެއް އަންހެނުން މަގުމައްޗަށް ނުކުމެ އެމީހުންގެ ޢިއްފަތްތެރިކަންވެސް އެބަ ނަގައިލައެވެ. އަބުރުވެސް އަމިއްލައަށް އެބަ ކަތިލައެވެ.  

ކުރިން ބަޔާންކުރިމަގުން މާޔޫސްވެ އަތްފައިން ގޯސްހެދެނީ ކަންކަން ކުރިން މިބުނި މަގުން ނުވިސްނޭތީއެވެ! ﷲ ތަޢާލާ އާއިމެދު އުންމީދު ކަނޑައިލެވޭތީއެވެ.  ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތަށް، ލައްވަވާނެ ރަޙްމަތަށް ޔަޤީންކަން ނެތުމުންނެވެ. 

ބިރުވެތިވާށެވެ! ކުރިން ބުނިފަދައިން އަމިއްލައަށް އަބުރު ކަތިލެވި އަދި ޢިއްފަތް ނަގައިލުމުން ﷲ ތަޢާލާގެ ލައްނަތް ލިބޭ އަޅުންގެތެރޭގައި ތިބާ ހިމެނިދާނެއެވެ. އެހެން ވެއްޖެ ނަމަ ހުރިހާ ނިޢްމަތަކުން މަހްރޫމްވީއެވެ. ދެ ދުނިޔެވެސް ގެއްލިދިއައީއެވެ.  

ޙަޔާތުގައި ދެރަ ގޮތްތައް މެދުވެރިވެފައިވާ އެތައް ބައަކީ ކެތްތެރި ނުވެ މަގުމައްޗަށް ނުކުމެވުނު މީހުންނެވެ. އެމީހުން އެކަމަށް އިޢްތިރާފް ނުވެދާނެއެވެ. ނަމަވެސް އެމީހުންގެ އަމިއްލަ ނަފުސަށް އަހަރެން ދެންމެ މިބުނި ބަސްތަކުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ!

ވީމާ މި ވާހަކަކޮޅުން ޢިބްރަތް ޙާޞިލުކުރާށެވެ! ހަމައެކަނި ކައިވެނިކުރުމެއް ނޫނެވެ. ތިމާ އެކަމަކަށް އެދިގެން ދުޢާކުރާ ކޮންމެ ކަމެއްގައިވެސް އޮތީ ހަމަ މިގެވެ. އެދޭ ކަންކަން ޙާޞީލްނުވެ ލަސްވާނީ އެމީހަކަށް އެގޮތުން ފައިދާބޮޑުވާނެތީއެވެ! ޙައްލަކީ އެކަން ޔަޤީންކުރުމެވެ. ވަކީލްކުރުމަކީވެސް އެއީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން