ބަލިވެދާނެތީ ބިރުގަނެއެވެ. މީހަކު ޙަމަލާއެއް ދީފާނެތީ ބިރުގަނެއެވެ. އަދި ކިތަންމެ ކުޑަކުޑަކަމަކުން ނަމަވެސް ގެއްލުމެއް ދީފާނެތީވެސް ބިރުގަނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެންމެ ނިކަމެތިޙާލުގައި ނަރަކައަށް ވަންނަންޖެހިދާނެކަމަކަށް ބިރެއް ނުގަނެއެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟
މިއުޅެނީ ގޮނަ ބައަކަށް އާޚިރަތް ދުވަހަށް ބިރުވެތިނުވެވޭ ވާހަކަ ދައްކަންވެގެންނެވެ. އާޚިރަތް ދުވަސް އަންނާނެކަމާއި ޙިސާބުބެލެވޭނެ ކަމާއި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ނުބެހެއްޓިއްޖެނަމަ ނަރަކައަށް ވަންނަން ޖެހިދާނެކަން ޤަބޫލުކުރެވޭނަމަ އެކަމަށް ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް ބިރުގަންނަނަމަ ﷲ ތަޢާލާ އަނގަވާފައިވާ ގޮތް ނޫން ގޮތްގޮތަށް ޢަމަލުކުރަން ބިރު ނުގަންނަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އެހެންވެ އާޚިރަތް ދުވަސް އަންނާނެކަމަށް އިންކާރުނުކުރުމަކުން އަދި ނުފުދެއެވެ. ފުދޭނީ އާޚިރަތް ދުވަސް އަންނާނެތީ ހިސާބު ބައްލަވާނެތީ އަދި ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަނެ ޢަމަލުކުރުމުންނެވެ. ނޫންނަމަ އެމީހަކީ އާޚިރަތް ދުވަހަށް އީމާންވާމީހަކަށް ވެވޭނީ ވެސް ކިހިނަކުންހެއްޔެވެ؟
"ކަލޭގެފާނުކަމަކާމެދު ޢަޖާއިބު ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް ޢަޖާއިބުވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ." (އައް ރަޢްދް: 5)
އަޚިރަތް ދުވަހަށް އީމާންވާކަން ޢަމަލުން ނުދައްކާނަމަ މިއާޔަތުގައި ބަޔާންކުރައްވަވާފައިވާ ކާފިރުންނާއި ތިމާއާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނައިލާށެވެ! "--- އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ އަހުލު ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ." އޮތް ބަސްފުޅު ތިމާއަށް ރައްދުނުވާކަން ޔަޤީންކުރާށެވެ! މާނައަކީ ތިމާއަކީ އެފަދަ މީހަކު ނޫންކަން އަމިއްލައަށް ކަށަވަރުކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން