"ފަތިސްނަމާދަށް ހޭލަން
އާދަކުރެވުނީ ވަރަށް މަސައްކަތުން. އެކަމަށް ޝައުޤުވެރިވެ ވަރަށް މަސައްކަތްކުރި ފަހުން! އެދުވަސްވަރު ދިމާވިކަމެއް ބުނެލާނަން! ބައެއް ރޭރޭ ހީވާނެ މީހަކު އައިސް ފަތިސްވަނީއޭ ކިޔަމުން އަތުގަހިފާ ދަމާހެންވެސް! ވަރަށް ނިނިދިގަދަވި ރެއަކު ހޭލެވުނީމަވެސް ނިދަން އުޅެވެނިކޮށް ސިއްސައިގެން ދިއައީ އަޢޫޛް ކިޔަމުން ތެދުވެވުނީމަ!"
މިހުންނަނީވެސް ދިމާވާ ކަންކަމެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނީ އެކަމަކަށް ޝައުޤުވެރިވެ އެކަން ޙާޞިލުކުރަން މަސައްކަތްކުރުމުންނެވެ. ފަތިސްނަމާދަށް ހޭލުމަކީވެސް މަސައްކަތްކުރުމުން ކާމިޔާބުކުރެވޭނެ ކަމެކެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
ފަތިސްނަމާދުވަޤުތުވުމުން އޭނާއަށް އިޙްޞާޞްކުރެވެނީ އޭނާގެ ކަންފަތްކައިރީގައި ނަމާދަށް އަންނާށޭ ބުނެ އޭނާގެ ލޮލަށް ނުފެންނަ މީހަކު ގޮވާއަޑުއިވޭހެންނެވެ. އެއީ ކޮންކަހަލަކަމެއްތޯ؟ އޭނާކުރި ސުވާލުގެ ޖަވާބަށް ވިސްނަވާށެވެ!
ޖަވާބު:. އަޅުގަނޑަށް ހީވަނީ ވަރަށް އުފާވެރި ކަމެއްކަމަށް! ޚާއްޞަ ގޮތެއްގައި ފަތިސްވަޤުތުގައި މީހަކު އައިސް ކަންފަތުގެކައިރީގައި ނަމާދަށް އަންނާށޭ ކިޔާފަ ގޮވާލީމަ އެހޭލެވުން ކޮންމެގޮތެއްވިޔަސް އަޅުގަނޑުމެން ގަޑި އެލާމް ކޮށްގެންނަމަވެސް އެކިގޮތްގޮތުން ނަމަވެސް ފަތިސްނަމާދަށް ހޭލެވުމަށްޓަކައި ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރަމު!
އެހެންވީމާ އޭނައަށް އެހޭލެވޭ އެލާމެއްގެ ގޮތުގައި މީހަކުއައިސް ކައިރީގައި ނަމާދަށް އަންނާށޭ ކިޔާފަ ގޮވާލާ ގޮވާލުން އެއީހަމަ އުފާވެރި ކަމެއްގެ ގޮތުގައި އަޅުގަނޑަށް މާނަކުރެވެނީ. ދެން ފަހަރެއްގައި އެގޮތަށްވުން އެކަށީގެންވޭ! އޭނަ ނަމާދަށް ތެދުވުމަށް އެއޮންނަ ޢަޒްމެއްގެ ބޮޑުކަމުން ނުވަތަ އޭނަގެ ހިތުގެ ތެރޭގައި ފަތިސްނަމާދަށް ތެދުވުމަށް ހުރި ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން އަދި ނަމާދަށް ނުތެދުވެވިދާނެތީ ކަންބޮޑުވެފާ ހުންނަ ވަރުން އޭނާއަށް އިޙްޞާސް ކުރެވޭ އިޙްޞާސް ކުރެވުމަކަށް ވެސްވުން އެކަށީގެންވޭ. ފަތިސް ވާން ކައިރިވީމާ މީހަކު އައިސް އޭނާގެ ކަންފަތް ބުޑުގާ ކޮބާ ފަތިސްނަމާދަށް ތެދުވަންވީ ނޫންހެއްޔޭ ކިޔާފަ އެގޮތަށް ގޮވާގޮވުން.
ދެން ފަތިސްނަމާދުގެ ބަންގީގަވެސް މުޢައްޒިން، ނުވަތަ ބަންގިގޮވާމީހާ އެބަގޮވާ " الصّلاة خَيْرٌ من النّوم " ނަމާދަކީ އެއީ ނިދުމަށްވުރެން ހެޔޮކަންބޮޑު ކަމެކޭ! އެހެންވީމަ އެކަންވެސް އެބައާދޭ. އެހެންވެ އެހުރިހާ ގޮތަކުން ތިގޮތަށް މީހަކު ކަންފަތްބުޑުގާ ގޮވާލާ ގޮވާލުން އެއީހަމަ އުފާވެރި ރަގަޅު ކަމެއްގޮތުގައި އަޅުގަނޑަށް މާނަކުރެވެނީ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
1. އޭނަ ނަމާދަށް ތެދުވުމަށް އެއޮންނަ ޢަޒްމެއްގެ ބޮޑުކަމުން 2. އޭނަގެ ހިތުގެ ތެރޭގައި ފަތިސްނަމާދަށް ތެދުވުމަށް ހުރި ޝައުޤުވެރި ކަމެއްގެ ބޮޑުކަމުން 3. ނަމާދަށް ނުތެދުވެވިދާނެތީ ކަންބޮޑުވެފާ ހުންނަވަރު
ވިސްނާލަން އޮތްކަމަކީ މީހެއްގެ ހިތުގައި ފަތިސްނަމާދަށް ހޭލުމުގެ ޝައުޤުވެރިކަން ބޮޑުވެއްޖެނަމަ އެކަމަށް އެމީހަކަށް ﷲ ތަޢާލާ މަގުފަހިކޮށްދެއްވަވާނެ ކަމެވެ. އިން ޝާ ﷲ