ބައިވެރިޔާއަށްޓަކާ ޒީނަތްތެރިވެގެން ހުންނަންޖެހޭނީ އަނބިމީހާ އެކަންޏެއް ނޫން! އެއީ ދެމަފިރިންވެސް ކުރަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ބައިވެރިޔާއަށްޓަކާ
ޒީނަތްތެރިވެގެން ހުންނަންޖެހޭނީ އަނބިމީހާ އެކަންޏެއް ނޫން! އެއީ ދެމަފިރިންވެސް
ކުރަންޖެހޭ ކަމެއް!


ލޮބުވެތި އަޚުންނާ އުޚްތުންނޭ ޒަވާޖީ ޙަޔާތަކަށް ވަރަށް މުހިއްމު އަނެއްކަމަކީ ގައިން ތާހިރުވެ ސާފުތާހިރުކޮށް ހުރުން. ރީތިވެ ޒީނަތްތެރިވުން. އެކަކު އަނެކަކަށް ޒީނަތްތެރިވުން. އިބްނު ޢައްބާސް ރަޟިޔައްﷲތަޢާލާ ޢަންހުމާ ވިދާޅުވަނީ، ތިމަންނާއަށްޓަކައި ތިމަންނާގެ އަނބިމީހާ ޒީނަތްތެރިވާން އެދޭ ފަދައިން ތިމަންނާވެސް ތިމަންނާގެ އަނބިމީހާއަށް ޒީނަތްތެރިވަމޭ. އެހެންވީމަ ސާފުޠާހިރުކޮށް ހުރުމާ މީރުވަސް ދުވާ އެއްޗެހި ބޭނުންކުރުމާ، ރީތިކޮށް ނަލަކޮށް އެކަކު އަނެކަކާ ކުރިމަތިލުމަކީ ޒަވާޖީ ޙަޔާތް އުފާވެރިވެ ކާމިޔާބުވެގެން ދާކަމެއް.

އެހެންވީމަ މި ނުކުތާތަކަކީ އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގަ ވިސްނާ ފިކުރު ހިންގައިފިކަމަށްވަނީނަމަ ވަރަށް މުހިއްމު ކަންކަން. އަޅުގަނޑުމެންގެ ޒަވާޖީ ޙަޔާތް ކުރިޔަށް ގެންދިޔުމުގަ، އުފާވެރިކަން ގެނެސްދިނުމުގަ. މިނޫނަސް ވަރަށް ބައިވަރު ކަންކަން އެބަހުރި. އެހެންނަމަވެސް ވަގުތު ނެތުމާއެކުގަ އަޅުގަނޑު މިރެޔަށް މިހިސާބަށް ކުރުކޮށްލާނަން.

އަޅުގަނޑުމެން ވިސްނަންވީ، އެއްމެ އުފާވެރި ދިރިއުޅުމެއް، ޙަޤީޤަތުގަ ނަމޫނާ ދިރިއުޅުމެއް އުޅުއްވި ބޭކަލަކީ މާތް ނަބިއްޔާ ސައްލައްﷲ ޢަލައިހި ވަސައްލަމައޭ. އެކަލޭގެފާނުގެ އެ ދިރިއުޅުއްވުން ނަމޫނާ ދިރިއުޅުމަކަށްވީ، ކާމިޔާބު ދިރިއުޅުމަކަށްވީ، އުފާވެރި ދިރިއުޅުމަކަށްވީ، އުފާވެރި ދިރިއުޅުމަކަށް ގެންގޮސްދޭ ސަބަބުތަކުގަ އެކަލޭގެފާނު ވަރަށް ރަނގަޅަށް ހިއްޕަވައިގެން ކަމާކަންފަށާ އެއަށް ސަމާލުކަންދެއްވައިގެން އުޅުއްވީމަ. އެގޮތަށް އަޅުގަނޑުމެންވެސް އުޅެން ޢަޒުމު ކަނޑައަޅައިފިކަމަށްވަނީނަމަ އެ އުފާވެރި ދިރިއުޅުން އެ ހިތްހަމަޖެހުން އަޅުގަނޑުމެންގެ ހަޔާތަށްވެސް ނައިހެއް ނުހުންނާނެ.  

ﷲ ތަބާރަކަ ވަތަޢާލާ އަޅުގަނޑުމެންގެ ދިރިއުޅުމަކީ، އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަކީވެސް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއްކަމުގައި ލައްވާ އަޅުގަނޑުމެންގެ ޢާއިލީ މައްސަލަތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވާ އަޅުގަނޑުމެންގެ ހިތްތައް އެކުވެރި ކުރައްވާ ﷲ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު މިރޭ ނިންމާލާނަން.

 

سُبْحَانَكَ الله وَبِحَمْدِكَ أَشْهَدُ اَنْ لاَإِلَهَ إِلاَّأَنْتَ أَسْتَغْفِرْكَ وَأَتُوْبُ إِلَيْك.

والسلام عليكم ورحمة الله وبركاته

 

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން