ކިތަންމެ ބޮޑެތި ފާފަތަކެއް ކިތަންމެ ގިނައިން ކުރެވިފައިވީނަމަވެސް ތައުބާވުމަށް ވިސްނި އެކަމަށް މަސައްކަތްކޮށްފިނަމަ ރަޙްމަތް ލައްވަވާނެކަން ޔަޤީންކުރެވޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ކިތަންމެ ބޮޑެތި ފާފަތަކެއް ކިތަންމެ ގިނައިން
ކުރެވިފައިވީނަމަވެސް ތައުބާވުމަށް ވިސްނި އެކަމަށް މަސައްކަތްކޮށްފިނަމަ ރަޙްމަތް
ލައްވަވާނެކަން ޔަޤީންކުރެވޭނެ ޙާދިސާއެއްގެ ވާހަކަ-


ކުރެވުނު ފާފަތައް ގިނަވުމުން ތައުބާވިނަމަވެސް ސުވަރުގެ ވައްދަވާނެކަމާއިމެދު ޝައްކުކުރެވޭ ބައަކު އުޅެއެވެ. އެހެންވެ ތަފާތު ސުވާލުތައް ކުރާތީ މިގެނެސްދެނީ ކުރެވޭ ހުރިހާ ޝައްކުތަކެއް ހިތުން ފުހެލެވޭނެ ލިޔުމެކެވެ. އިން ޝާ ﷲ  

އަޅުގަނޑަކީ ވަރަށް ގިނައިން ފާފަކުރެވުނު މީހަކީމެވެ. ނަމަވެސް މިހާރު މިހުރީ ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީގައެވެ. ކޮންމެ ވަޤުތަކުވެސް އިމާމަށް މިސްކިތަށް އަރައި ފިންގަރޕްރިންޓް ޖެހޭނީ އަޅުގަނޑާއި ސަލާމްކުރުމަށްފަހުގައިކަމަށް ހަދަން ގަދައަޅައި މަސައްކަތްކުރަމެވެ.

އެކަމަކުވެސް އަޅުގަނޑަށް ޒުވާން ޢުމުރު ހޭދަކުރެވުނު ގޮތުން އަޅުގަނޑަށް ސުވަރުގެ ދެއްވަވައިފާނެކަމަށް ޤަބޫލުނުކުރާ މީހުން އެކުވެރިންގެ ތެރޭގައިވެސް އެބަތިއްބެވެ! އެކަމާއި ވަރަށް ދެރަވެއެވެ. އަޅުގަނޑަށް ސުވަރުގެ ލިބޭނެ ގޮތަކީ ކޮބައިތޯއެވެ!

އެކުވެރި ކިޔުންތެރިޔާއެވެ! އެކުވެރި ކިޔުންތެރިޔާ ކަމަށް މިބުނީ ތައުބާވެ ސުވަރުގެ ހޯދަން ތިއަކުރާ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ތައުބާވުމުން ކުރެވިފައި ހުންނަ ކުދިފާފަތައް ޖަމްޢްގޮތެއްގައި ފުއްސަވައި ދެއްވަވަތެވެ! ތައުބާވުމުން އެންމެ ބޮޑު ފާފަކަމުގައިވާ ޝިރުކުރުން ފަދަ ބޮޑެތި ފާފަތަކައްވެސް ފުއްސަވައި ދެއްވަވަތެވެ. މިއީ ޔަޤީންކަން އޮތް ކަމެކެވެ. ޔަޤީންކަން ދެއްވަވާފައިވަނީ ޤުރްއާނުގައެވެ.

އެހެންކަމަށްވާއިރު ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ފުއްސަވައި ނުދެއްވަވާނެކަމަށް ޤަބޫލުކުރެވޭނަމަ އެކުވެރިން އެވަނީ ޤުރްޢާން ޤަބޫލުނުކުރާ މީހުންގެތެރެއިންނެވެ. އެމީހުން ޝައްކު އެކުރަނީ ނުވަތަ ޤަބޫލުނުކުރަނީ ޤުރްއާނުން އެނގެން އޮތް ކަމެކެވެ.  

އެބާވަތުގެ ވަސްވާސްތައް ޤަބޫލުނުކުރާށެވެ! ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! ޔަޤިންކަމާއިއެކުގައެވެ. 

ތިރީގައިވާ ލިޔުމުން އިތުރަށް ޔަޤީންކޮށްލައްވާށެވެ!  

އެނާ 99 މީހުން މެރިއެވެ. އެއަށްފަހު ތައުބާވާން ބޭނުންވެގެން އެ ޒަމާނުގެ ދީނީ ބޮޑު މީހެއްގެ ގާތަށް ގޮސް އޭނާގެ ތައުބާ އާއިބެހޭ ގޮތުން ސުވާލުކުރިއެވެ. އެނާއަށް ތައުބާއެއް ނެތްކަމަށް އެމީހާ ބުނުމުން އެމީހާގެ ބޯވެސް ކަނޑައިލީއެވެ. އެހިސާބުން އެ މަރައިލެވުނީ 100 ވަނަ މީހާއެވެ.

އިތުރު މީހެއްގެ ގާތަށް ގޮސް ތައުބާ ވުމާއި ބެހޭ ގޮތުން ސުވާލުކުރުމުން އެމީހަކު ބުނިކަމަށްވަނީ "ނިކަން މިވެނި ރަށަކަށް ގޮސް އެ ރަށުގައި އުޅޭ ޞާލިޙް މީހުންނާއިއެކު ނަމާދުކޮށް އުޅެބަލާށެވެ. ފަހަރެއްގައި ﷲ ތާޢާލާ ތިބާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައިފާނެއެވެ.

އެ މީހާ އެބުނި ރަށަކަށް ދާން ދަތުރުކުރަނިކޮށް ދަތުރުގެ ވަކި ހިސާބަކުން އެމީހާ މަރުވަނީއެވެ. މަރުވުމުން އެމީހާގެ ފުރާނައަށް ވަނީ ނަރަކަކަން ނުވަތަ ސުވަރުގެކަން ކަނޑައެޅުއްވުމުގައި މަލާއިކަތުންގެ މެދުގައި ދެބަސްވުން އުފެދުނެވެ. އެއްބައި މަލާއިކަތުން ބޭނުންވީ އޭނާއަކީ 100 މީހުން މަރާފައި ހުރި މީހަކަށްވުމުން ނަރަކަށް ގެންދަވާށެވެ. އަނެއްބައި މަލާއިކަތުން ބޭނުންފުޅުވީ އޭނާއަކީ ތައުބާވާން މަސައްކަތްކުރި މީހަކަށްވުމުން ސުވަރުގެ ގެންދެވުމަށެވެ.  

މި ބަހުސް ނިމުނީ އޭނާ މަރުވެފައި އޮތް ސަރަހައްދުގައި މިން އެޅުމަށެވެ. އެއީ އޭނާ މަރުވެފައިވަނީ ތައުބާވާން މަސައްކަތްކުރަން އޭނާ ދާން މަސައްކަތްކުރާ ރަށާއި ކައިރިއަށްތޯ ނުވަތަ ދުރީ އެރަށްތޯ ބެއްލެވުމަށެވެ. ހައްލަކީ އެރަށާއި ދުރުނަމަ ފާފަވެރިއެއް ކަމަށް ނިންމެވުމެވެ. އެ ރާށާއި ކައިރި ނަމަ ތައުބާ ވެގެން ހުރި މީހެއް ކަމުގައި ނިންމެވުމެވެ.  

ހަޤީޤަތުގައި އޭނާ މަރުވެގެން ވެއްޓިފައިވަނީ އާނާ ތައުބާވުމަށް ދާން ބޭނުންވެގެން މަސައްކަތްކުރި ރަށާއި ދުރަށެވެ. އެހިނދު ﷲ ތައާލާގެ ދީލަތިވަންތަކަން އެނގޭ ހެއްޔެވެ؟ ބިންގަނޑަށް އަމުރު ކުރެއްވެވީ އޭނާ ދާން މައްސަކަތްކުރި ރަށާއި އޭނާ ކައިރިވާނެ ގޮތަށް ބިންގަނޑު ދެމިލުމަށެވެ.

 

މީސްތަކުންނޭވެ! މިހިރީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުގެ ހެކިތަކެވެ. ތައުބާވުމަށް އެދިގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްފިނަމަ އެމީހަކަށް އެކަމުގައި ﷲ ތަޢާލާ އެހީތެރިވެވޮޑިގެން ދެއްވަވާނެ ކަމުގެ ދަލީލުތަކެވެ. ވީމާ އެއްވެސް މީހަކު މާޔޫސް ނުވެ އަވަހަށް ތައުބާވާން މަސައްކަތްކުރާށެވެ!

 

--ފުރްޤާން މިސްކިތުގައި ޑރ. ޢަބްދުﷲ ޝިހާމް ދެއްވި ދަރުސަކުން

 

މިއަދު އޮންލައިން