އެންމެ ބޮޑަށް އިސްކަންދޭކަމަކީ ނަމާދުކުރުން ކަމަށް ހަދައިފިނަމަ އެމީހެއްގެ ދިރިއުޅުމަށް ހެޔޮބަދަލުތައް އައުން އަވަސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
އެންމެ ބޮޑަށް އިސްކަންދޭކަމަކީ ނަމާދުކުރުން ކަމަށް ހަދައިފިނަމަ އެމީހެއްގެ ދިރިއުޅުމަށް ހެޔޮބަދަލުތައް އައުން އަވަސްވާނެ! އިން ޝާ ﷲ

 

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ އެއްކަމަކީ ތިމާ ކުރާ ހެޔޮ އަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ މަގުން ކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް އަމަލެއް ނުކުރުމެވެ. ﷲ ތައާލާގެ އޯގާތެރިވަންތަކަން ހިތް މައްޗަށް ގެނެވޭނީ އެއިރުންނެވެ. ތިމާ މިކުރާ އަމަލުތައް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވާކަން ހިތްމައްޗަށް ގެނެސް އަބަދުވެސް އެކަމަށް ބިރުން ހުންނަ މީހަކަށް ހުރިހާ ކަމެއްވެސް ކުރެވޭނީ ހަމަ އެންމެ ފުރިހަމައަށެވެ.  

ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. އަދި އެކަމަށްޓަކައި ގިނަ ބައަކު ވަރަށް ގިނަ މަސައްކަތްތައް ވެސް ކުރެއެވެ.  އެއް ބައަކު ވަރަށް ވަރުގަދަ އަޒުމުގައި ގަދައަޅައި މަސައްކަތްކުރެއެވެ. ނަމަވެސް އަނެއް ބައަކު މަސައްކަތް ކުރަނީ އެހައި ބޮޑު ޔަޤީން ކަމަކާއިއެކުގައެއް ނޫނެވެ. މިއަދުވެސް މަރުވެދާނެކަން ވިސްނެނީ މަދުމީހަކަށެވެ.  

ދެން ވިސްނައިލަންވީ މިހައި ބޮޑު ތަފާތެއް މިއަންނަ ސަބަބަށެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަރަށް ތައްޔާރުވެވޭ މިންވަރެވެ. އެމީހާ ހުރީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް ވެއްޖެނަމަ އެމީހާ ދިރިއުޅުމާއި ކުރިމަތިލާނީ ވަރަށް ވަރުގަދަ އަޒުމަކާއިއެކުގައެވެ. އެމީހާގެ ހިތުގައި އޮންނާނީ ކޮންމެ ގޮތަކުން ނަމަވެސް ހެޔޮލަފާ މީހެއްގެ ގޮތުގައި ދުނިޔެއާއި ވަކިވުމުގެ ޢަޒުމެވެ. 

މިޘާލެއް ނުނެލާނަމެވެ! ރަމަޟާން މަސް އައުމުން ގިނަ ބައަކު ޖަމާއަތުގައި ނަމާދުކުރާކަން ފާހަގަ ކުރެވޭނެއެވެ. އެއިގެ ތެރެއިން ގިނަ މީހުންނަކީ ކުރިން މިބުނި އަޒުމުގައި މަސައްކަތްކުރާ މީހުންނެވެ. ބަންގީގެ އަޑު އިވުމުން އެމީހުން މިސްކިތަށް ދިއުމަށް އަވަސްވެގަންނާނެއެވެ. އެހެނީ ހިފާ ރޯދަ ކާމިޔާބު ކުރެވުން ވެސް އަދި އެހެނިހެން އަޅުކަންކުރުންވެސް ގުޅިފައި ވަނީ ނަމާދާއިކަމަށްވާތީއެވެ. ނަމާދަށް ސަމާލުކަން ނުދީ އެހެން އެއްވެސް އަޅުކަމެއް ކާމިޔާބު ނުކުރެވޭނެތީއެވެ.  

އަނެއް ބައަކު ހަމަ ރަމަޟާން މަހުގައިވެސް ނަމާދަށް އެވަރަށް ސަމާލުކަމެއް ނުދެއެވެ. ފަހުން ކޮށްލަން އެބަ މަޑުކުރެއެވެ. ދެ ނަމާދު އެއްކޮށްލަން ބޭނުންވެއެވެ. އެކަމުން އެނގިގެންދަނީ އެމީހަކަށް އެހުރީ ރަމަޟާން މަހާއިމެދު ވަރަށް ބޮޑަށް އިހްމާލުވެވިފައި ކަމެވެ. 

މީސްތަކުންނޭވެ! އަޅުކަންކުރަން އޮތީ އަދި ނަމާދުކުރަން އޮތީއަކީވެސް ހަމައެކަނި ރަމަޟާންމަހަކު ނޫނެވެ. ދިރިހުރި ކޮންމެ ދުވަހަކުއެވެ. ވީމާ ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭ ކަމަކީ ނަމާދުކުރުން ކަމަށް ހަދާށެވެ. އެއިރުން އެމީހަކަށް ދުނިޔޭގައިވެސް ރަނގަޅު ހޮތްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ   

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން