ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه، اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ؛ فإنَّهما يأتيانِ يَومَ القيامةِ كأنَّهما غَمامَتانِ أو غَيايَتانِ أو فِرقانِ من طَيرٍ صَوافَّ تُحاجَّانِ عن صاحِبِهما، اقْرَؤُوا البَقَرةَ؛ فإنَّ أخذَها بَرَكةٌ، وتَرْكَها حَسرَةٌ، ولا تَستطيعُها البَطَلَةُ.
މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ. އަދި ތިޔަބައިމީހުން ޒަހްރަވާއިން (މާނައީ: ދެނޫރު) ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެ ވިލާގަނޑު ފަދައިން ނުވަތަ ދެ ހިޔާވެއްސެއް ފަދައިން ނުވަތަ ފިޔަތައް ފަތުރާލައިގެންވާ ދޫނީގެ ދެ ޖަމާޢަތެއް ފަދައިން، އޭގެ އަހުލުވެރިން ދިފާޢުކުރަމުން އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލްގެ އަހުލުވެރީންނަށް (އެސޫރަތުގެ އާޔަތްތައް ކިޔަވާ، އެއާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރުމަށް) ކުޅަދާނަކަމެއް ނުވެއެވެ.
ބަޤަރާ ސޫރަތަކީ ކީރިތި ޤުރްއާނުގައިވާ އެންމެ ދިގު ސޫރަތެވެ. މި ސޫރަތް ކީރިތި ޤުރްއާނުގައި އައިސްފައިވަނީ ފާތިހާ ސޫރަތައް ފަހުގައެވެ. މިއީ މަދީނާގައި ބާވައިލެއްވުނު އެންމެ ފުރަތަމަ ސޫރަތެވެ. އަދި މި ސޫރަތުގައި އެތައް ގިނަ ތަފާތު ވާހަކަތަކާއި ޙުކުމްތައް ހިމެނިފައިވެއެވެ. އަދި މިސޫރަތުގެ މާތްކަމާއި ބެހޭގޮތުން ބައެއް ޙަދީޘުފުޅުތައް އައިސްފައިވެއެވެ.މީގެ އިތުރުން އާލް ޢިމްރާން ސޫރަތުގެ މާތްކަމާއި ބެހޭގޮތުން ޙަދީޘްތައް އައިސްފައިވެއެވެ.
ބަޤަރާ ސޫރަތް ގިނައިން ކިޔަވާ މީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ޙަޔާތައް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން އެމީހުންގެ ޞިއްޙަތުގައި ބަރަކާތް ލައްވަވައި، ނުބައި ބަލިތަކުން ސަލާމަތް ކޮށްދެއްވާފައިވެއެވެ. އަދި އެމީހުންގެ ޢަމަލުތަކުގައި ބަރަކާތް ލައްވަވައި، ވަޤުތުގައި ބަރަކާތް ލައްވަވައި ބަލިތަކަށް ޝިފާ ލިބުމަށް އެހީވެދޭކަމަށްވެއެވެ. ރިޒްޤު އިތުރުވެގެންދާ ކަމެއް ކަމަށްވެސް އައިސްފައިވެއެވެ.
ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔަވާނަމަ ސިޙުރާއި އެސްފީނާ އާއި ޝައިޠާނާގެ ކިބައިން ސަލާމަތްވެގެންދާނެކަމަށް އައިސްފައިވެއެވެ.
އިބްނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. އެސްފިނާ އާއި ހަސަދަވެރިކަމަކީ ހަސަދަވެރިވާ މީހާގެ ހަށިގަނޑުގައި ހުންނަ ތޮށިގަނޑެއްފަދަ އެއްޗެކެވެ. އަލްބަޤަރާ ސޫރަތާއި އަލްމުޢައްވިދާ ސޫރަތް ތަކުރާރުކޮށްގެން މެނުވީ އެ އެއްޗެއް ނައްތާނުލެވޭނެ، ފޮހެނުލެވި، ޙިމާޔަތް ނުކުރެވޭ ހުއްޓެވެ.