އިންތިހާއަށް ސަމާލުވާންޖެހޭ ކަމެއް!: ބައިވެރިޔާއަށް ނުބައި ބަސްތައް ބުނުމަކީ އެސްފީނާ ޖެހި ކުރިއެރުން ހުއްޓި ދިރިއުޅުން ހަލާކުވެގެންދާ ގެއްލުން ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އިންތިހާއަށް ސަމާލުވާންޖެހޭ ކަމެއް!: ބައިވެރިޔާއަށް ނުބައި ބަސްތައް ބުނުމަކީ އެސްފީނާ ޖެހި ކުރިއެރުން ހުއްޓި ދިރިއުޅުން ހަލާކުވެގެންދާ ގެއްލުން ބޮޑު ކަމެއް!

އެއީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ޒުވާނެކެވެ.

ކަންމަތީ ފިހާރައެއް ހުޅުވައި ވިޔަފާރީގައި ކުރިއަށް ދިއައީ އެކަނިހުރެއެވެ. ކައިވެނިކުރުމަށްފަހު ވިޔަފާރިދިއައީ ހުލިވަމުންނެވެ. ލޯނުނަގައިގެންވެސް ކުރިއަށްނުދެވި އައީ ދަރަނިވެރިވަމުންނެވެ.  

އޭނާ ދިރިއުޅޭ ފްލެޓާ ޖެހިގެންހުންނަ ފްލެޓުގައި ޢުމުރުން ދުވަސްވީ އަންހެނަކު ދިރިއުޅެއެވެ. އެއީ ވަރަށް ތަޤްވާވެރިވެސް އަންހެނެކެއެވެ. އެއްރޭ ދެމަފިރިންނަށް ދަޢުވަތުދީގެން ގެންގޮސްފައި ފުރަތަމަވެސް ބުނީ މިއުޅެނީ އަޑު އަހަން ވަރަށް އުނދަގޫވާނެ އެކަމަކު އަޑުއަހައިފިނަމަ ފައިދާކުރާނެ ވާހަކައެއް ކިޔައިދޭން ކަމަށެވެ. އެވާހަކައަކީ ނަޞީޙަތެއް ކަމަށާއި އަޑުއަހައިފިނަމަ ފައިދާކުރާނެ ކަމަށެވެ.  

"ދެދަރިން ރަނގަޅަށް އަޑުއަހާށެވެ! ދައްތައަށް ވިސްނޭގޮތުން ދަރިފުޅުގެ ދިރިއުޅުން ބަނގުރޫޓުވަމުން ތިއަދަނީ އަނބިމިހާގެ ސަބަބުންނެވެ. އޭނާ މާގިނަ ޚަރަދުތައް ކުރާތީއެއް ނޫނެވެ. އެކަމަކު ކިރިޔާ ދެބަސްވެލެވޭއިރަށް ދުލުން ބުނެވޭ ނުބައި ބަސްތަކުންނެވެ. ކަލެއަކަށް ރަނގަޅު ގޮތެއް މެދުވެރިއެއް ނުވާނެ! ރަނގަޅަކަށް ކަމެއް ނުކުރެވޭނެ! އަބަދު ހުންނަންޖެހޭނީ ހިތާމަކުރަން! ފަދަ ބަސްތައް މިއީ މިތަނުގައި ދައްތަ އިންނައިރު ކޮންމެ ދުވަހަކު އަޑުއިވޭ ބަސްތަކެވެ.  

ދަރިންނޭވެ! މިފަދަ ބަސްތައްބުނީމާ ދިމާވާ ކަމަކީ އެބަސްތައް އެސްފީނާއަށް ބަދަލުވަނީއެވެ. އެކަމުގެ އަސަރު ދިރިއުޅުމަށާއި ކުރާ މަސައްކަތަށް ކުރަނީއެވެ. މިއީ ހަމަ އެއްގޮތަކަށްވެސް ބުނަން ހެޔޮވާނެ ބަސްތަކެއް ނޫނެވެ.  

ވީމާ ދައްތަ މިދޭ ނަޞީޙަތުގައި ހިފާށެވެ! އެނބުރި ގެއަށްގޮސް ފުރަތަމަ ކަމަކަށް ފިރިމީހާއާއިދިމާލަށް ބުނެވިފައިވާ މިފަދަ ބަސްތަކަށް ފިރިމީހާގެ ކިބައިން މާފަށް އެދޭށެވެ. ދެން ދެމަފިރިން އެކުގައި ރޭއަޅުކަންކުރަންފަށާށެވެ. ކޮންމެ ރެއަކުވެސް ދެމަފިރިން އެކުގައި ތިބެ ދުޢާކުރާށެވެ. އެސްފީނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުމަށްވެސް އެދޭށެވެ. ނަމާދުތަކަށް ރައްކައުތެރިވެ ވީހާ ގިނައިން ހެޔޮ ޢަމަލުކުރާށެވެ! އަތްމަތި ދަތިވީމާ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރާށެވެ. މިކަންކަން ކުރަން ފަށައި ދިރިއުޅުމަށް އަންނަ ބަދަލު ދެކެން ތިބެބަލާށެވެ!"  

ދެމަފިރިން އެދައްތަގެ ނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވިޔަފާރިކުރިއަރައިގެންދިއައެވެ.  

މީގެ އިތުރަށް ހަމަ މިމައްސަލައިގައި ފިރިހެނުންނަށް ބުންނަންޖެހޭ ވާހަކައެއްވެސް ބުނެލާށެވެ! ހިތްހަމަނުޖެހޭއިރަށް އަނބިމީހާއަކީ ގޯސްމީހެއްކަމަށް ނުބުނާށެވެ. އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭނެ، ދުވަހަކުވެސް މީރުކޮށް ކައްކަން ނުއެނގޭނެ ފަދަ ބަސްތައް ނުބުނާށެވެ. އެބާވަތުގެ ބަސްތައް ބުނުމަކީވެސް ހަމަ މިގޮތަށް އެސްފީނާ ޖެހޭނެ ކަމެކެވެ. ކިތަންމެ މީރުކޮށް ކައްކަން އުޅުނަސް ގިނަފަހަރު ނުކެއްކޭ ސަބަބަކީ އެއީއެވެ. ލޮނުލުން، ލޮނިގަދަވުން ފަދަ ކަންކަން ކުރިމަތިވާ ސަބަބަކަށްވެސް އެކަންވެގެންދެއެވެ. ކުރަން ހުންނަ ކަންކަން ނުކުރެވުމާއި ކުރަން ހަނދާންނެތޭ ސަބަބަކަށްވެސް އެކަންވެގެންދެއެވެ.  

ވީމާ މިހުންނަނީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ. ދޫރައްކައުތެރިކުރާށެވެ. ބުނެވޭ ބަސްތަކަށް ސަމާލުކަންދޭށެވެ. ހިތްހަމަނުޖެހޭ ކަންކަން އަބަދުވެސް މެދުވެރިވާނެއެވެ. އެފަދަ ކަމެއް މެދުވެރިވާއިރަށް ދުލުން މިބަޔާންކުރި ފަދަ ބަސްތައް ނުބުނާށެވެ.  

- -މިއަދުނޫސް

މިއަދު އޮންލައިން