އަމިއްލަ އެދުން ބޮޑު މީހުން ގިނަވެއްޖެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެއިގެ މާނައަކީ ހެޔޮލަފާ މީހުން ހުސްވުމެއް ނޫނެވެ. ހަމަ މިޒަމާނުގައިވެސް ހެޔޮލަފާ މީހުންވެސް ވަރަށް ގިނައެވެ. އެކަން ޤަބޫލުކުރަން އުނދަގޫވެގެން މިއުޅެނީ ރަނގަޅު މީހުން މަދުވީމައެވެ.
މަދުއެއްޗެއް ހޯދަން ފަސޭހަނުވާނެކަން ޤަބޫލުކުރާށެވެ! ވީމާ މިޙާލަތުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކިތަންމެ ބޮޑަށް މަސައްކަތްކޮށްގެން ނަމަވެސް ރަނގަޅު ހެޔޮލަފާ މީހަކު ތިމާގެ ބައިވެރިއަކަށް ހޯދުމެވެ.
އަހުރެންވެސް އެއްބަސްވާނަމެވެ. ތަނަވަސްކަންހުރި މީހަކު ނުވަތަ މަޝްހޫރު މީހަކު އަންހެނަކަށް ޝައުޤުވެރިވާކަން އެނގިއްޖެނަމަ އެމީހެއްގެ ކިބައިން ލިބިގަނެވެން ހުރި ހުރިހާ މާލީ މަންފާތަކެއް ލިބިގަންނަން މަސައްކަތްކުރާ ބައަކު އުޅެއެވެ. ކުރިމަތިވެފައި ނެތް މައްސަލަތައް އުފައްދައި، ކުރިމަތިވެފައިވާކަމަށް ބުނެގެން ފައިސާ ހޯދަން މަސައްކަތްކުރާ ބައަކުވެސް އުޅެއެވެ.
އެކަމަކު ބުނަން ހެއްޔެވެ؟ މިމައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ތިމާއަށް ޝައުޤުވެރި މިވެވެނީ ކާކަށްކަމާއިމެދު ވިސްނާނުލައި ހަމައެކަނި އޭނާގެ ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ޝައުޤުވެރިވެވޭތީއެވެ. ބޭރުފުށުން ފެންނަންހުރި ސިފަތަކަށް ބަލައިގެން ޝައުޤުވެރިވެވޭތީއެވެ.
ފައިސާވެރިއަކުނަމަވެސް މަޝްހޫރު މީހަކު ނަމަވެސް އަދި ތަނަވަސްކަމެއް ނެތް މީހަކުނަމަވެސް ތިމާގެ ދިރިއުޅުން ކުރިއަރުވަން ބޭނުންވާނަމަ ޝައުޤުވެރި މިވެވެނީ ކާކަށްކަމާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ޝައުޤުވެރިވާކަން އޭނާއަށް އެންގުމުގެ ކުރިން އޭނާގެ ޙަޤީޤަތް ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ.
ދިރިއުޅުމާއިމެދު ވިސްނާ ރަނގަޅު އަންހެނަކު ނަމަ ފުރަތަމަ ކަމަކަށް އޭނާ ބަލާނީ އަނެކާގެ އެކައުންޓުގައި ހުރި ފައިސާގެ ޢަދަދަކަށް ނޫނެވެ. މިލްކިއްޔާތުގައި ހުރި މުދަލުގެ އަގަކަށްވެސް ނޫނެވެ. ބަލާނީ ރަނގަޅު ގޮތުގައި ޢާއިލީ ދިރިއުޅުމެއް އުޅެން އެމީހަކު ޝައުޤުވެރިވާ މިންވަރަކަށެވެ. ސަބަބަކީ ރަނގަޅު ގޮތުގައި ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ދިރިއުޅޭނަމަ އަނެކާގެ އަތުގައި ހުންނަ ތަނަވަސްކަން ތިމާއަށްވެސް ލިބިގަތުމަކީ އުނދަގޫކަމަކަށް ނުވާނެތީއެވެ. އެކަމުން ތިމާއަށްވެސް ފައިދާކުރަމުން އަންނާނެތީއެވެ.
- އަލަފް / މިއަދުނޫސް